ޔަޒީދުގެ މަގާމު ގެއްލޭ ގޮތަށް މަޖިލިހުން ފާސްކޮށްފި

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ކުރައްވާ އިލްޔާސް ލަބީބް ހުށަހެޅުއްވި ބިލް، އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލިހުގެ ތަޅުމަށް ހުށަހެޅި އިސްލާހަކާ އެކު ފާސް ކުރީ 59 މެމްބަރުންގެ އިއްތިފާގުންނެވެ.

އެގޮތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ބިލަށް އަމަލު ކުރާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މީރާގެ ބޯޑަށް ބޭފުޅުން އައްޔަން ކުރަން ވާނެ ކަމަށެވެ. އިގްތިސާދީ ކޮމިޓީން ފުރަތަމަ ދިރާސާކޮށް ނިންމި އިރު، އޮތީ ބިލަށް އަމަލު ކުރާތާ އެއް މަސް ދުވަހުގެ ތެރޭގައި ބޯޑަށް އާ މެމްބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.

އިސްލާހުގައި ވަނީ ބިލަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާގައި ތިއްބެވި އެންމެ އިސް ދެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ވާނެ ކަމަށެވެ. އެހެންވެ، މި ބިލަށް އަމަލު ކުރަން ފެށުމާ އެކު، ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ޑިޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުގެ މަގާމު ގެއްލޭނެ އެވެ.

ބިލްގައިވާ ގޮތުން، މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާ ބެހޭ ސިޔާސަތުތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައިވާ މީހަކާއި ރައީސް އައްޔަން ކުރާ ފަސް މެމްބަރުންނާއި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަނެވެ. އެކަމަކު، އެ މީހުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން މީރާގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލިހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އެވެ. އެގޮތުން، އާންމުކޮށް އިއުލާންކޮށްގެން ކުރިމަތިލާ މީހުންގެ ނަންތައް ފޮނުވައި މަޖިލިހުން ރުހުން ހޯދަން ވާނެ ކަމަށް ވެސް ގާނޫނުގައި ވެ އެވެ.

ބިލްގައި ވަނީ މީރާގެ އެންމެ އިސް ދެ މަގާމުގައި ތިއްބަވާ ބޭފުޅުން ވަކިކުރެވޭނެ އުސޫލުތައް ބަދަލުކޮށްފަ އެވެ. މިހާރު އޮންނަ ގޮތުން ކޮމިޝަނަރުގެ މަގާމުން ވަކި ކުރުމަށް ރައީސް އަށް ފެނިއްޖެ ހާލަތެއްގައި މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރެވިދާނެ އެވެ.