ޑިވިޑެންޑުން ޓެކްސް ނަގާތީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުން

ޑިވިޑެންޑުން ޓެކްސް ނެގުން މި ވަގުތަށް މަޑުޖައްސައިލުމަށް އެދި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން މިއަދު އެދިވަޑައިގެންފި އެވެ.


ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ ބިލްގައި ޑިވިޑެންޑުން ޓެކްސް ނެގުމަށް ހިމަނައިފައެއް ނުވެ އެވެ. އެކަމަކު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނަވާ މުޅި މަޖިލިހުގެ ކޮމިޓީން ވަނީ ބިލު ދިރާސާކޮށް، ޑިވިޑެންޑުން ޓެކްސް ނަގަން ހިމަނައިފަ އެވެ.

ޑިވިޑެންޑުން ޓެކްސް ނަގަން ކޮމިޓީން ނިންމި އިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) މީގެ ކުރިން ވަނީ ޑިވިޑެންޑުން ޓެކްސް ނަގަން ގޮވާލައްވައިފަ އެވެ. އެކަމަކު، އޭނާގެ ވިސްނުމާ އެހެން މެމްބަރުން ހިޔާލު ތަފާތެވެ.

އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ހިންގާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި އަހަރަކު އެއް މިލިއަން ރުފިޔާ އަށް ވުރެ މަތިން އާމްދަނީ ލިބޭ ނަމަ، އެ އާމްދަނީން އެއް ޕަސެންޓް ޓެކްސްގެ ގޮތުގައި ނަގާނެ އެވެ.

ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، ޑިވިޑެންޑުން ޓެކްސް ނެގުން މަޑުޖައްސައިލަން ޖެހޭ ކަމަށާއި އެ ޓެކްސް ނެގުމަކީ ފޮރިން އިންވެސްޓަރުން "ޑިސްކަރޭޖު" ވާނެ ކަމެއް ކަމަށެވެ. އަދި ރެޒިޑެންސް ޑިވިޑެންޑުން ޓެކްސް ނެގުމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ރެޒިޑެންސް ޑިވިޑެންޑުން ޓެކްސް ނަގަން އިނީމާ އޭތި ޑަބަލް ޓެކްސް އަށް އެބަވޭ. އަޅުގަނޑުމެން އިންކަމް ޓެކްސް އަދި އަލަށް ނަގަން ފަށަން ދާއިރު އަޅުގަނޑަކަށް ނުފެނޭ ހުރިހާ ބާވަތެއްގެ ހުރިހާ ޓެކްސް އެއް ފަށައިގަންނަން،" ޔައުގޫބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހާއްސަކޮށް ރާއްޖެ އަކީ ފޮރިން އިންވެސްޓަރުންނަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާ އިރު، ބޭރުގެ އިންވެސްޓަރުން ރާއްޖެ އަށް ނާންނަ ކަހަލަ އެއްވެސް ކަމެއް ޓެކްސް ސިސްޓަމްގެ ތެރެއިން ކުރުމަކީ އޭނާ ގަބޫލު ކުރައްވާ ކަމެއް ނޫނެވެ.

ޑިވިޑެންޑުން ޓެކްސް ނަގަން ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ވެސް ދެކޮޅު ހެއްދެވި އެވެ.

އޭނާ ވިދާޅުވީ، އަވަށްޓެރި ގައުމުތަކުން ޓެކްސް އަށް ގެންނަ ބަދަލުތަކަށް ވެސް ރިއާއަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން، އިންވެސްޓުމަންޓުތަކަށް ފަހި މާހައުލެއް ގާއިމް ކުރުމުގެ ގޮތުން ސްރީ ލަންކާ އިން ވެސް ގިނަ ޓެކްސްތަކެއް ކަނޑާލަން ނިންމާފައިވާ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ. ޑިވިޑެންޑުން ޓެކްސް ނަގަން ވާނީ ބޭރުގެ އިންވެސްޓްމަންޓުތަކަށް ގެއްލުން ނުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިލްޔާސް ލަބީބް ވިދާޅުވީ ޑިވިޑެންޑުން ޓެކްސް ނެގުމަކީ އޭނާ ވެސް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.