އަންނަ މަހުން ފެށިގެން އިންކަމް ޓެކްސް ނަގަން ފާސްކޮށްފި

އަންނަ މަހުން ފެށިގެން އާމްދަނީން ޓެކްސް ނަގަން ނިންމައި، އިންކަމް ޓެކްސްގެ ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ބިލު މުޅި މަޖިލިހުގެ ކޮމިޓީއަކުން ދިރާސާކުރި ފަހުން، ވިއްސަށް ވުރެ ގިނަ އިސްލާހު ހުށަހެޅި އެވެ. އަދި މަޖިލިހުން ބިލް ފާސްކުރީ މަޖިލިހުގެ ތަޅުމަށް ހުށަހެޅި އިސްލާހުތަކާ ވެސް އެކުގަ އެވެ.

އިންކަމް ޓެކްސްގެ ބިލް މަޖިލިހުން ފާސްކުރީ 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް ތިން މެމްބަރަކު ވަނީ ވޯޓު ދެއްވި އެވެ.

އެންމެ ބޮޑު އެއް އިސްލާހުގެ ގޮތުގައި ވަނީ މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނަގަން ވާނީ އަންނަ އޭޕްރީލް މަހުގެ އެކަކުން ފެށިގެން ކަމަށެވެ. އަދި ދެން ހުރި ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފަށަން ވާނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އެގޮތުން އޭޕްރީލް 1 އިން ފެށިގެން ނަގާނީ އުޖޫރަ އާއި ވިޔަފާރި އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި އިންޓަރެސްޓާއި އެނުއިޓީ އާއި ޕެންޝަން އަދި ރިޓަޔަމަންޓް ފައިދާއިންނާއި ބެނިފިޝަރީންނަށް ލިބޭ އާމްދަނީންނާއި ޓެކްނިކަލް ސާވިސް އާއި ކަމިޝަނާއި ރޮޔަލްޓީންނެވެ.

ބިލް ދިރާސާ ކުރި މުޅި މަޖިލިހުގެ ކޮމިޓީން ގެނައި އެންމެ ބޮޑު ބަދަލަކީ އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި 60،000ރ. ކަނޑައެޅުމެވެ. ބިލް އެންމެ ފުރަތަމަ ހުށަހެޅި އިރު އޮތީ އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް އާމްދަނީ 40،000ރ. އަށް ވުރެ އިތުރުވާ ބައިންނެވެ. މަޖިލިހުގެ ކޮމިޓީން ނިންމީ މަހެއްގެ މައްޗަށް 60،000ރ. އަށް ވުރެ ބޮޑު، 100،000ރ. ނުވަތަ އެއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި 5.5 ޕަސަންޓު ނެގުމަށެވެ. އަދި 100،000ރ. އަށް ވުރެ ބޮޑު، 150،000ރ. ނުވަތަ އެއަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން އަށް ޕަސަންޓު ޓެކުހުގެ ގޮތުގައި ނެގުމަށް ވެސް ބިލްގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން 150،000ރ. އަށް ވުރެ ބޮޑު، 200،000ރ. ނުވަތަ އެއަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި 12 ޕަސަންޓު ނެގުމަށް ބިލްގައި ވަނީ ހިމަނައިފަ އެވެ. އަދި 200،000ރ. އަށް ވުރެ މަތިން އާމްދަނީއެއް ލިބޭ މީހުންގެ އަތުން 15 ޕަސަންޓު ނެގުމަށް ވަނީ ނިންމައިފަ އެވެ. އާމްދަނީން ޓެކްސް ނެގުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ކުންފުނިތަކުން ޑިވިޑެންޑަށް އެއް މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ލިބޭ ނަމަ، އިންކަމް ޓެކްސް ނެގުމަށް ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމެޓީން ނިންމި އެވެ. ނަމަވެސް ހިޔާލު ތަފާތުވުންތަކާ އެކު އެ އިސްލާހު ވަނީ ކުރިން އޮތް ގޮތަށް ބަދަލުކޮށް ޑިވިޑެންޑުން ޓެކްސް ނުނަގަން ނިންމައިފަ އެވެ.

އިންކަމް ޓެކްސް އެންމެ ފުރަތަމަ ހުށަހެޅި ގޮތުން ދައުލަތަށް އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެ އެވެ. ފިނޭންސް މިނިސްޓްރީން މިހާރު ލަފާ ކުރާ ގޮތުގައި އާމްދަނީން 150 މިލިއަން ރުފިޔާ މަދުވެ، އެ އަދަދު 450 މިލިއަން ރުފިޔާ އަށް ވެއްޓޭނެ ކަމަށް ލަފާ ކުރެ އެވެ. މަޖިލިހުން ގެނައި ބަދަލާ އެކީގައި އިންކަމް ޓެކްސް ދައްކަން ޖެހޭނީ 3،200 މީހުންނެވެ. ބިލް އެންމެ ފުރަތަމަ ހުށަހެޅި އިރު، ޓެކްސް ދައްކަނީ 5،800 މީހުންނެވެ.