އޭޖީގެ ލަފަޔާ މެދު ސީޕީ އަށް ސުވާލެއް ނުކުރެވޭނެ: ޝަމީމް

އެޓާނީ ޖެނެރަލް ވަކި ގޮތަކަށް ކަމެއް ކުރަން އެންގެވުމުން އާއްމު ގޮތެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަށް ސުވާލުތަކެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.


ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުހީގުކުރާ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ދެ ފުލުހަކަށް ތުހުމަތުކޮށްފައި ވަނީ ރިލްވާން ރާއްްޖޭން ބޭރަށް ގޮސްފައިވާ ކަމަށް ދައްކަން ވެގެން ފޭކް ޕާސްޕޯޓެއް ހަދަން އޭރުގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަނާ ވާހަކަ ދެއްކި ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އެ ދެ ފުލުހުން ހައްޔަރުކުރަން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވަނީ ލަފާދެއްވާފަ އެވެ. އެގޮތަށް ލަފާ ދެއްވައި ފުލުހުންނަށް އޭޖީ ފޮނުއްވި ސިޓީއާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ ރިލްވާންގެ މައްސަލައިގައި އިންޓެލްގައި ކުރިން މަސައްކަތް ކުރި ދެ ފުލުހުން ކަމަށްވާ މުހައްމަދު ޖިނާހާއި އިބްރާހިމް ރިފްއަތުގެ މައްޗަށް ޖިނާއީ އިޖުރާއަތްތަކެއް ހިންގުމުގެ ކުރިން ރިޔާސީ ކޮމިޝަނާ ފޯނުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެގޮތަށް ކުރި މަޝްވަރާގައި، ކޮމިޝަނުން މިހާތަށް ފާހަގަކޮށްފައިވާ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކި ލިބިފައި ނުވާތީ އެ މައްސަލައާ ގުޅިގެން ރިފްއަތާއި ޖިނާހު ހައްޔަރުކުރަންޖެހޭ ގާނޫނީ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް ފާހަގަ ކޮށްފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

ޝަމީމްގެ ޓްވީޓް

ފުލުހުންގެ އެ ބަޔާނަށް ފާޑުވިދާޅުވެ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 80 ވަނަ ބާބާއި 310 ވަނަ ބާބުގެ ދަށުން އެ ދެ ފުލުހުން ހައްޔަރުކޮށްގެން އެ މީހުންގެ މައްސަލަ ތަހުހީގުކުރަން ޖެހޭ ކަމަށެވެ.

"ދައުވާ ކުރަން އެކަށީގެންވާ ވަރަށް ހެކި އެބަހުރި. އޭޖީ ކަމެއް ކުރަން ބުނުމުން ސީޕީ އަށް އާއްމު ގޮތެއްގައި ސުވާލެއް ނުކުރެވޭނެ،" ޓްވީޓްގައި ޝަމީމް ވިދާޅުވި އެވެ.

ދެ ފުލުހުން ހައްޔަރު ނުކުރި މައްސަލައިގައި، އެހެން ޓްވީޓެއްގައި ޝަމީމް ސިފަކުރައްވާފައި ވަނީ އެއީ "އޭޖީގެ ލަފާ ފުލުހުން ބޮލާލައި ޖެހުން" ކަމަށެވެ.