ރަށްރަށުގައި ޖަމާވެފައި ހުރި ދުވަސްވީ ކުނި ނަގާނެ ބަޔަކު ހޯދަނީ

މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެފައި ހުރި ގިނަ ދުވަސްވީ ކުނި ނަގައި ސާފުކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ ބިޑަށް ހުޅުވާލައިފި އެވެ.


މި މަޝްރޫ އަށް ބީލަން ހުށަހެޅުން އޮންނާނީ މި މަހުގެ 24 ގަ އެވެ. އަދި މި މަހު 23 ގެ ކުރިން ބީލަމަށް ރަޖިސްޓްރީވާން ޖެހޭނެ އެވެ. ރަޖިސްޓްރީ ވެވޭނީ 500ރ. ގެ ފީއެއް ދައްކައިގެންނެވެ. މީގެ އިތުރުން ފަސް ލައްކަ ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓެއް ވެސް ބަހައްޓަން ޖެހޭނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މަޝްރޫއުއާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާ ނަމަ އަންނަ އާދިއްތަ ދުވަހުގެ ކުރިން އެތަނަށް އީމެއިލް ކުރުމުން އެކަމެއް ސާފުކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރަށްރަށުން ކުނި ނަގައި ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުން ހަވާލުކުރާ ބަޔެކެވެ. ބައެއް ރަށްރަށުގެ ކުނި ނެގުމުގެ މަސައްކަތް ވެމްކޯއާ ވެސް ހަވާލުކޮށްފައިވެ އެވެ.