ޓެކްސީ ކުރުމުގެ ގަވައިދާ ހިލާފުވެ، އަގުބޮޑުކޮށް ހިދުމަތް ދީގެން ފުލުހުން ފިޔަވަޅު އެޅި ޓެކްސީގެ އަދަދު މި ހަފުތާގައި މަދުވެއްޖެ އެވެ.
މިއީ، މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގުތައް ކަނޑައަޅައި، އެ އުސޫލަށް އަމަލު ކުރަން ފެށިފަހުން، ގަވައިދާ ހިލާފުވެގެން އެންމެ މަދުން ފިޔަވަޅު އެޅި ފަހަރެވެ.
ފުލުހުންގެ މިދިޔަ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޓެކްސީ ކުރުމުގެ ގަވައިދާ ހިލާފުވެގެން މިދިޔަ ހަފުތާގައި ފިޔަވަޅު އެޅީ އެންމެ ދެ ޓެކްސީ އަކަށެވެ. އޭގެ ކުރީ ހަފުތާގައި ހަތަރު ޓެކްސީއެއް ޖޫރިމަނާ ކުރި އިރު، އޮގަސްޓު 24-30ގެ ނިޔަލަށް 16 ޓެކްސީއަކާ މެދު ފިޔަވަޅު އަޅާފައި ވެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައި ފަހުން އަގުބޮޑުކޮށް ދުއްވައިގެން ޖޫރިމަނާ ކުރާ ޓެކްސީތަކުގެ އަދަދު ކޮންމެ ހަފުތާއަކު ވެސް އަންނަނީ މަދުވަމުންނެވެ.
ގަވައިދާ ހިލާފުވާ އުޅަނދުތައް ޖޫރިމަނާ ކުރަނީ 750 ރުފިޔާ އަށެވެ.
ޓެކްސީގެ އަގަށް ގެނައި ބަދަލާ ގުޅިގެން ބައެއް ޓެކްސީ ޑްރައިވަރުން ވަނީ، އެ އަގުގައި ހިދުމަތް ދޭން ދެކޮޅު ހަދައި އިހްތިޖާޖު ކޮށްފަ އެވެ. އެއާ އެކު، ފުލުހުން ވަނީ ގަވައިދާ ހިލާފަށް ދަތުރު ކުރާ ޓެކްސީތައް ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.
މާލޭގެ ޓްރެފިކް މައްސަލަތަކުގެ ތަފާސްހިސާބުތައް ކޮންމެ ހަފްތާއަކު ފުލުހުން އަންނަނީ އާންމު ކުރަމުންނެވެ.
މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ގަވައިދާ ހިލާފަށް ޕާކުކޮށްގެން މި މަހުގެ ހަތަކުން މިދިޔަ ހުކުރު ދުވަހާ ހަމައަށް 544 އުޅަނދުގައި ވަނީ ސްޓިކާ ޖަހައިފަ އެވެ. ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެ ވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ހަފުތާގައި 398 އުޅަނދެއް ބަލައި ފާސްކުރި އެވެ. އަދި 70 އުޅަނދެއް ޓޯ ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.