ނަޝީދު ގޯލް ޖައްސަވަނީ ބައިކޮޅަށް، ސަރުކާރު ގޯސްކަން ދައްކަން ބަޔަކު އެބަ އުޅޭ: ގާސިމް

މި ސަރުކާރުގެ ގޯސްކަން ދައްކަން ބަޔަކު އުޅެމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ފާޑުވިދާޅުވެއްޖެ އެވެ.


ޖުމްހޫރީ ޕާޓީ އަށް ބަޔަކު ސޮއިކުރަން ބޭއްވި ޖަލްސާގައި ގާސިމްގެ ވާހަކަ ފެއްޓެވީ، ނަޝީދު ދައްކަވާ ވާހަކަތަކާއި އަމަލުކުރައްވާ ގޮތުން ގޯލް ޖައްސަވަނީ ބައިކޮޅަށް ކަމަށް ވިދާޅުވަމުންނެވެ. އެކި ހަފުލާތަކުގައި، އިސްލާމްދީނާ ގުޅުވައި މަސްލަހަތު ގެއްލޭ ފަދަ ވާހަކަފުޅުތަކެއް ދައްކަވަމުން ގެންދަވާ ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ޣިޔާސުއްދީން ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާގައި، ދިވެހިން ޒަމާނުއްސުރެން ހެދުން އަޅަމުން އައި ގޮތަށް އައި ބަދަލާ ގުޅޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅާ މެދު ވެސް ގާސިމް ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. ޒުވާނުންގެ ގޮތުގައި ގައުމަށް ޚިދުމަތް ކުރަން ތިބި ކުދިންގެ ކުރިމަތީގައި އެކި ފަލްސަފާގައި ދެކެވޭ ވާހަކަ އަމާޒުކުރައްވަނީ ކޮން މަގްސަދެއް ހާސިލްކުރައްވަންތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުދިންތަކަކަށް ކޯއްޗެއް ވިސްނައިދޭންތޯ މިއުޅެނީ؟ ހަމަ ސީދާ ރޯމަރު ދޮގު އެ ބަހައްދަވާ،" ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ އެ ބާވަތުގެ ފިތުނަފަސާދަ އުފެދޭ ވާހަކަ ދައްކައިގެން އިތުރު ބައެއްގެ ސަޕޯޓް ހޯދަން އަނެއް ދިވެހިރާއްޖެއޭ ކިޔާފައި، ރާއްޖޭގައި 1000 އަހަރު ކުރީގައި އޮތް ދީނަކާ ދިމާލަކަށް، ނުވަތަ އެ ގައުމިއްޔަތު ގެންނާކަށެއް ނޫނޭ އަޅުގަނޑުމެން މިތިބީ."

މިދިޔަ 18 ވަނަ ދައުރުގައި ކުރި މަސައްކަތާ ގުޅޭ ފޮތެއް ނެރުމަށާއި މަޖިލިހުގެ އާ ވެބްސައިޓް ދައްކައިލުމަށް މަޖިލިސް ކުރާ ގޭގޭގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދާއި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް އަމަލުކުރަން އުޅެފި ނަމަ ރާއްޖޭގައި ފިތުނަފަސާދަ އުފެދި ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބޭނެ އެވެ. އެ ފުރުސަތު ނުދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ދެން [ނަޝީދު] ދައްކަވާ ވާހަކަތަކުން އަޅުގަނޑުމެންނަށް ފެންނަނީ މިއަދުގެ ސަރުކާރު ހިންގާ ރައީސުލްޖުމްހޫރިއްޔާގެ ގައިކޮޅުގައި ސީދާ ނަން ވިދާޅުނުވެ ޖަހަމުންދާ ތަން. މިއީ ކީއްކަން މިވަނީ އަޅުގަނޑަކަށެއް ނޭނގެ ދެން އެތެރޭގެ ކޯޅުންތައް ހުރީ ކިހާވަރަކަށް ކަމެއް،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދުގެ ސަރުކާރުން ކަންކަން ކުރަނީ ގޯސްކޮށް ކަން ދައްކަން ބަޔަކު އެބަ މަސައްކަތް ކުރެ އެވެ. ޓެރަރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރާ މަޝްވަރާ ކުރަން ނިންމާފައިވާ ކަން ފާހަގަކުރައްވައި އެކަމަށް ވެސް ގާސިމް ފާޑުވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްގެ ނަން ވިދާޅު ނުވެ ގާސިމް ވިދާޅުވީ ސަރުކާރާ މަޝްވަރާކުރަން ނިންމި ކަން މީޑިއާ އާއި ރައްޔިތުންގެ ކުރިމަތީގައި ހާމަނުކޮށް، ފޯނުކޮށްފައި ވެސް އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެންނެވޭނެ އެވެ.

"..65 އިއްޒަތްތެރި މެމްބަރުންގެ ޕާލަމެންޓްރީ ގްރޫޕެއްގެ ލީޑަރުގެ ވާހަކަ މި ދަންނަވަނީ. އެ ބޭފުޅާ ކޮންމެހެން ރައްޔިތުންގެ ކުރިމަތީގައި މި ދައްކާ ވާހަކަ،" ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކުރާ ކަންކަމުގައި "ކޮންމެވެސް އެހެން ތާސީރެއް" އުޅޭ ކަމަށް ގާސިމް ސިފަކުރެއްވި އެވެ. އެ ތާސީރަކީ ކޮބައިތޯ އަދި ހޯދަން އުޅެނީ ކޯއްޗެއްތޯ ގާސިމް ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކަންކަން ވަމުންދާ ގޮތް ގައުމާ މެދު ރަނގަޅަށް ވިސްނާ މީހުންނަށް ސާފުވާނެ އެވެ.

ގާސިމް ވިދާޅުވީ އެހެން މީހުންގެ ވާހަކަ ދައްކައިގެން ގޮސް ރައީސުލްޖުމްހޫރިއްޔާގެ "ގައިކޮޅުގައި ޖަހަން އުޅޭ" ކަމަށެވެ. މަޖިލީސް ތެރެއިން އެފަދަ ކަމެއް ކުރަން ޖެހޭނީ ރައީސްގެ މައްސަލައެއް އޮވެގެން ކަމަށާއި މިހާރުގެ ރައީސަކީ ހަމަނުޖެހުމަށް ޖާގަ ދެއްވައި، ގޯސް އަމަލުތައް ކުރައްވާ ބޭފުޅެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާނޫނުއަސާސީއާ ޚިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ބަސް ފުޅެއް، އަދި ކުރެއްވި ކަމެއް ވެސް މިހާތަނަށް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރާއި ރައްޔިތުންގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ގައުމު ކުރިއަރަމުން އަންނަ އިރު، އަނދަވަޅަކަށް ވައްޓާނުލަން ގާސިމް ގޮވާލެއްވި އެވެ.