ގެނައީ ރިޔާސީ ނިޒާމެއް، މަޖިލީހުން އެ ނިޒާމު ދަމަހައްޓަންޖެހޭ: ޖަމީލް

ރާއްޖެ އަށް ގެނެސްފައި އޮތީ ރިޔާސީ ނިޒާމެއް ކަމަށާއި އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިސް ވާންޖެހޭނީ އެ ނިޒާމް ހިފަހައްޓާނެ މަޖިލީހަކަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.


ޖަމީލްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ވިލިމާލޭގައި ބޭއްވި ހަފުލާގައި ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ވަކި ޕާޓީއަކަށް ލިބެންޖެހޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވުމަކީ އަމިއްލަ މަސްލަހަތު އިސްކުރުން ކަމަށެވެ. މަޖިލިސް ވާން ޖެހޭނީ ވަކި ބައެއްގެ "ކިއްލާއަކަށް" ނޫން ކަމަށް ޖަމީލް ވިދާޅުވި އެވެ.

މިސަރުކާރު ގެނައީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ވެސް ހިއްސާ އޮވެގެން ކަމަށާއި މަޖިލީހުން ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަންވާނީ މަޝްވަރާ ކޮށްގެން ކަމަށް ޖަމީލް ވިދާޅުވި އެވެ. އެއީ ރިޔާސީ ނިޒާމްގެ ސިފަ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"މަޖިލިސް ވާންޖެހޭނީ ރާއްޖެ މި ގެނައި ނިޒާމް ހިފަހައްޓާނެ މަޖިލީހަކަށް. އެވާހަކަ އޮޅުވާލައިގެން ދައްކައިގެން ނުވާނެ. އަޅުގަނޑުމެން ގެނައި ނިޒާމަކީ ރިޔާސީ ނިޒާމް،" ރައީސް އަބްދުﷲ ޔާމީންގެ ނައިބުކަން ކުރެއްވި ޖަމީލް ވިދާޅުވި އެވެ.

"އެ ނިޒާމުގައި ރައްޔިތުންގެ މަޖިލިސް ކުރަން ޖެހޭ ކަމަކީ ފާރަވެރި ގޮތަކަށް ދެން ތިބި ފަރާތްތަކުން ކުރާ މަސައްކަތްތައް ބެލެހެއްޓުން. އެކަން ބެލެހެއްޓޭނީ ރައްޔިތުންގެ މަޖިލީހަކީ ވަކި ރަށަކަށް ވަކި މީހަކަށް ވަކި ޕާޓީއަކަށް އަދި ވަކި ކުލައަކަށް ނިސްބަތްކޮށް ހަދާތަނަކަށް ހަދައިގެނެއް ނޫން."

ރިޔާސީ ނިޒާމު ހިފަހައްޓަން ޖެހޭކަމަށް ޖަމީލް ވިދާޅުވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައިގެން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ކަމަށް ވާހަކަ ދެކެވެ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ސާފު ނުވާ ކަމަށާއި ގާނޫނު އަސާސީގައި ނިޒާމުގެ ވާހަކަ ސާފުކޮށް ލިޔަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޔާމީންގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ނައިބު ރައީސްކަމުން ދުރުކުރި ޖަމީލް ވިދާޅުވީ، ބޭނުންވަނީ ގައުމީ ވިސްނުން އިސްކޮށް ރާއްޖޭގެ އަސާސްކަމުގައިވާ އިސްލާމްދީން ހިމާޔަތްކުރަން މަސައްކަތް ކުރާނެ ބައެއް ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި ތަރައްގީއަށް ބޭނުންވަނީ ވަކި ޕާޓީއަކަށް އޮންނަ މަޖިލީހެއް ނޫން. ބޭނުންވަނީ ގާނޫނުގެ ތެރެއިން ބިންވަޅު އެޅިފައިވާ ގައުމީ ވިސްނުމުގައި މަސައްކަތް ކުރާނެ މަޖިލީހެއް،"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިފަހަކަށް އައިސް ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުން ދާއިރު ޖަމީލް ވަނީ އެ ވާހަކަތަކަށް އަލިއަޅުއްވާލަށްވާފަ އެވެ. ގާސިމްގެ ވާހަކަފުޅުތަކަށް ތާއީދުކުރައްވައި ޖަމީލް ވިދާޅުވީ މިހާ ހިސާބަށް ރާއްޖެ އައީ ނިމިގެންދިޔަ ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން އެތައް ބަޔަކު ގުރުބާނީތަކެއް ވެގެން ކަމަށް ވުމާއެކު އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

"މި އާއިލާ މިއޮތީ ވިއްސިވިހާލިވެފައި، ގައުމީ ފިކުރުގެ އާއިލާ ވިއްސިވިހާލި ވެއްޖެ، ގުރުބާނީތައް ހަނދާން ނެތިއްޖެ...ވަކި ދިމާލަކަށް ބެލުމެއްނެތި ހުރިހާ ޕާޓީއަކުން ވެސް ހިނގާށޭ އެކަށްޗެއް ކިޔައި ގައުމީ ފިކުރު އިސްކުރަން،" ޖަމީލް އިލްތިމާސްކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީއާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދެން ފެށީ މަޖިލިސް އިންތިޚާބުގައި ވަކިން ވާދަ ކުރުމަށް އެމްޑީޕީން ނިންމި ހިސާބުންނެވެ. އަދި ކުރިއަށް އޮތް މަޖިލީހަކީ މަހުޖަނުންގެ ކިބައިން ސަލާމަތްވެފައިވާ މަޖިލީހަކަށް ހައްދަވާނެ ކަމަށް ނަޝީދު ވިދާޅުވުމުން ގާސިމް ވަނީ ރައްދު ދެއްވައިފަ އެވެ.