އަމިއްލަ އެދުން ބޮޑީ ބަރުލަމާނީ ނިޒާމު ގެންނަން އުޅޭ ލީޑަރު: ގާސިމް

އެންމެ އަމިއްލަ އެދުން ބޮޑު ލީޑަރަކީ ރާއްޖެ އަށް ބަރުލަމާނީ ނިޒާމު ގެންނަން 'މަސައްކަތް ކުރައްވާ ބޭފުޅާ' ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ މަޖިލިސް ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި އެއްވެސް ލީޑަރެއްގެ ނަން ގާސިމް ވިދާޅުނުވި ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު އެޅިފައި ވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގަ އެވެ. ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ފާޅުގައި ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ވާއިރު، މި ފަހަރުގެ އާންމު އިންތިޚާބުގައި އެމަނިކުފާނަށް ކާމިޔާބު ލިބިވަޑައިގެން އަދި އެމްޑީޕީ އަށް ގިނަ ގޮނޑިތަކެއް ނެގިއްޖެ ނަމަ ނަޝީދާއި އެމްޑީޕީން އިސްވެ ވެރިކަމުގެ ނިޒާމު ބަދަލުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ބައެއް އިސްވެރިން ގެންދަވަނީ ވިދާޅުވަމުންނެވެެ.

މިރޭގެ ޖަލްސާގައި ގާސިމް ވިދާޅުވީ، އެންމެ އަމިއްލަ އެދުން ބޮޑު ލީޑަރަކީ ކާކުތޯ ބަލަން ބަޔަކު "ޕޯލެއް" ނަގަން އުޅޭ ކަމަށެވެ. ޕޯލްތަކުން ކަނޑައަޅާ ކަނޑައެޅުމަކީ ރައްޔިތުންގެ ނިންމުން ނޫން ކަމަށާއި އަމިއްލަ އެދުން ބޮޑު ލީޑަރު އެނގިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަމެއް ގާސިމެއް ވިދާޅެއް ނުވެ އެވެ.

"އަމިއްލަ އެދުން ބޮޑު ލީޑަރަށް ވާނީ ބަރުލަމާނީ ނިޒާމެއް ގެންނަން އުޅޭ ލީޑަރު ނޫންތޯ. އެއިރުން ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރުންނާ މި ހުރިހާ އެންމެން ދާނީ އެ ބަރުލަމާނީ ނިޒާމުގެ ތެރެއިން އަމިއްލަ ޖީބަށް ނޫންތޯ،" ނަޝީދަށް ނުސީދާކޮށް އަމާޒު ކުރައްވައި ގާސިމް ވިދާޅުވި އެވެ.

މި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ބަރުލަމާނީ ނިޒާމެއް ގެންނަން އުޅުނަސް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ފައިދާވާނެ ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮންނަން ވާނީ ކޯލިޝަން އަށް. ކޯލިޝަން ނުހިމެނޭ ގޮތަށް ވަކި ބަޔަކަށް މެޖޯރިޓީ ދިނުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން،" ގާސިމް

"ޖުމްހޫރީ ނިޒާމު ކަމުނުދާނެއޭ މި ބުނަނީ ކޮން ބައެއްގެ އަމިއްލަ އެދުން ބޮޑުވެގެންތޯ އަމިއްލަ އަށް ވިސްނާލަން ޖެހޭ. އާދެ، ބަރުލަމާނީ ނިޒާމެއް އައީމާ ހުރިހާ އެއްޗެއް ތިމާމެންގެ މުށުތެރެއަށް އަންނާތީ އެކަން ކުރުމުގެ ބޭނުމުގައި މިކަން މިއޮތީ. އެކަމަކު ދިވެހި ރައްޔިތުން އެހާ މޮޔަހެނެއް ހިއެއް ނުވޭ،" ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް ވިދާޅުވި އެވެ.

ޕޯލްތައް ހަދައިގެން ނަތީޖާ ނެރުމަކީ ބަޔަކު ކުރާ ވިޔަފާރިއެއް ކަމަށާއި އެފަދަ މޮޔަ ކަންކަން ނުކުރުމަށް ގާސިމް އިލްތިމާސް ކުރެއްވި އެވެ. އެކަން ކުރަން އުޅެނީ "ފަސްކުޅަނދު މަދު" މީހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، މީގެ ކުރިން ބޭފުޅަކު ދޭ ލިސްޓަކަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އިންތިޚާބު ކުރި ނަމަވެސް މިހާރު އެ އުސޫލު ވަނީ ބަދަލުވެފަ އެވެ. އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބައި ހޮވާ ބޭފުޅުންނަކީ އެ ބޭފުޅެއްގެ ހިދުމަތާއި ތަޖުރިބާ އަށް ބަލައި ރައްޔިތުން ހޮވާނެ މެމްބަރުންނަށް ވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް މިރޭ ވެސް ވިދާޅުވީ، އެއް ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބެން ނުޖެހޭ ކަމަށެވެ. މި ސަރުކާރު ގެނައީ ކޯލިޝަނަކުން ކަމަށް ވާއިރު ސަރުކާރު ދެމިއޮންނަން ވާނީ ވެސް ކޯލިޝަންގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮންނަން ވާނީ ކޯލިޝަން އަށް. ކޯލިޝަން ނުހިމެނޭ ގޮތަށް ވަކި ބަޔަކަށް މެޖޯރިޓީ ދިނުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން،" މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އަމާނާތްތެރިކަމާ އެކު ވަކި ޕާޓީއަކާ މެދު ތަފާތު ކުރުމެއް ނެތި ކަންކަން ކުރުމަށް ވެސް ގާސިމް އިލްތިމާސް ކުރެއްވި އެވެ.

ގާސިމާއި އެމްޑީޕީން މި ފަހުން ދެބަސްވީ، މަޖިލިހުގެ ހުރިހާ ދާއިރާއަކަށް ވަކިން ވާދަކުރަން އެމްޑީޕީން ނިންމުމުންނެވެ. އޭގެ ފަހުން، ގާސިމް ގެންދަވަނީ އެ ޕާޓީ އަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުންނެވެ. އަދި އެމްޑީޕީގެ ސަޕޯޓަރުންގެ ފާޑުކިޔުންވެ ސް ވަރަށް ބޮޑަށް ގާސިމަށް އަމާޒުވެފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ކުރީގެ ރައީސް ޔާމީން ޖަލަށް ލާފައިވާއިރު ގާސިމް މިރޭ ވިދާޅުވީ ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކު ޖަލަށްލުން އާއްމުވެފައި ވުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.

"މި ސަބަބުތަކާ މެދު އަޅުގަނޑުމެން ވިސްނާލަން ޖެހޭ. ހަމަ ރަނގަޅަށްތޯ މިކަން މިދަނީ. މާދަމާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާނެ ބޭފުޅަކު ނުވާ ހިސާބަށް ހިނގައިދާނެ ކަމާ މެދު އަޅުގަނޑުމެން ވިސްނާލަން ޖެހޭ،" ޔާމީން ޖަލަށްލުމުން ކަންބޮޑުވުން ފާޅުކުރައްވައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ޖަލަށްލުމުން އެމަނިކުފާނު އުފާފުޅެއް ނުވެ އެވެ. ގާސިމް ވަނީ ޔާމީން ހައްޔަރުކޮށްގެން އުފާފާޅު ނުކުރަން ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް އަންގަވައިފަ އެވެ.