ކޮލަމްބޯ (ސެޕްޓެމްބަރު 20) - ސްރީ ލަންކާގައި މި ހަފުތާގައި ހުޅުވި ލޮޓަސް ޓަވަރު ޕްރޮޖެކްޓުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ކުރެއްވި ތުހުމަތު ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ދޮގު ކުރައްވައިފި އެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ލަންކާގެ ކުރީގެ ސަރުކާރުން ހެދި ޓަވަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސިރިސޭނާ ވަނީ އެ ޕްރޮޖެކްޓުގައި ކޮރަޕްޝަން އޮތް މިންވަރު ހާމަކޮށްދެއްވައިފަ އެވެ. ލޮޓަސް ޓަވަރުގެ މަސައްކަތް 2012 ވަނަ އަހަރު ފެށީ ރާޖަޕަކްސާގެ ވެރިކަމުގަ އެވެ.
ތިން ސަތޭކަ ފަންސާސް މީޓަރު (1،155 ފޫޓް) ގެ ޓަވަރުގެ މަސައްކަތް ޗައިނާގެ ދެ ކުންފުންޏަކުން ކާމިޔާބު ކުރުމަށް ފަހު އެޑްވާންސްގެ ގޮތުގައި ދެ ބިލިއަން ރުޕީސް (18 މިލިއަން ޑޮލަރު) ނަގައިގެން "ފިލި" ކަމުގެ ތުހުމަތު ސިރިސޭނާ ވަނީ ކުރައްވައިފަ އެވެ. ކޮލަމްބޯގެ މެދުތެރޭގައި ހުރި އިމާރާތް މުޅިން ފުރިހަމަ ކުރުމަށް ސަރުކާރަށް އަދިވެސް އިތުރު ތިން ބިލިއަން ރުޕީސް ބޭނުންވެ އެވެ.
ސިރިސޭނާ ވިދާޅުވީ ލޮޓަސް ޓަވަރުގެ ޕްރޮޖެކްޓަށް އެޑްވާންސް ފައިސާ ނެގި ކުންފުނިތަކުގެ ތެރޭގައި ޗައިނާގެ އެލިޓް ކިޔާ ބަޔަކު ހިމެނޭ ކަމަށެވެ. އެމަނިކުފާން ވިދާޅުވީ އެލިޓުން ދިން އެޑްރެހަށް ލަންކާ ސަފީރު ފޮނުވާފައިވާ ކަމަށާއި އެކަމަކު އެ އެޑްރެހުގައި އެ ނަން ކިޔާ ކުންފުންޏެއް ނެތް ކަމަށެވެ.
ރާޖަޕަކްސާ ވިދާޅުވީ ޗައިނާ ސަފީރުގެ ކުރިފުޅު މަތީގައި ސިރިސޭނާ ވަނީ ޗައިނާގެ އަގު ވައްޓާލާފައި ކަމަށެވެ.
ރާޖަޕަކްސާ ވިދާޅުވީ ލޮޓަސް ޓަވަރު ޕްރޮޖެކްޓުގެ އަގު ކަމަށް 2012 ވަނަ އަހަރު ކަނޑައަޅާފައި ވަނީ 104.3 މިލިއަން ޑޮލަރު ކަމަށެވެ.
"ޗައިނާގެ އެގްޒިމް ބޭންކުން ވަނީ 85 ޕަސެންޓް ދޭން އެއްބަސްވެފައި. އެއީ ގާތްގަނޑަކަށް 88.6 މިލިއަން ޑޮލަރު. ބާކީ ބައި ލަންކާ ސަރުކާރުން. ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރުން ހޮވީ ޗައިނާ ސަރުކާރުން،" ރާޖަޕަކްސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިބާވަތުގެ ޕްރޮޖެކްޓުތަކުގައި ލޯކަލް ޕާޓްނަރު ދައްކާ 15 ޕަސެންޓަކީ އެޑްވާންސްގެ ގޮތުގައި ކޮންޓްރެކްޓަރަށް ދައްކާ އަޕްފްރޮންޓް ޕޭމަންޓެއް ކަމަށެވެ. ރާޖަޕަކްސާ ވިދާޅުވީ އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދެއްކީ އެލީޓް ކުންފުންޏަށް ނޫން ކަމަށާއި އެ ފައިސާ ދެއްކީ ޗައިނާ ނޭޝަނަލް އިލެކްޓްރޯނިކްސް ކޯޕަރޭޝަނަށް ކަން ލިޔުންތަކުން ފެންނަން ހުންނާނެ ކަމަށެވެ. އެއީ ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމަށް ރާޖަޕަކްސާ ވިދާޅުވި އެވެ.
"ސްރީ ލަންކާ ސަރުކާރުގެ ދެ ބިލިއަން ރުޕީސް ހިފައިގެން ޗައިނާ ސަރުކާރުގެ ކުންފުންޏެއް ފިލި ވާހަކަ ވިދާޅުވުމަކީ ޗައިނާ އަށް ކުރި މަލާމާތެއް. އަދި އަމުދުން ޗައިނާ އަކީ ދުނިޔޭގެ ބޮޑު ބާރަކަށްވެފައި ލަންކާ އަށް ވަރަށް އެހީވާ ގައުމަކަށްވާ އިރު،" ރާޖަޕަކްސާ ވިދާޅުވި އެވެ.
ރާޖަޕަކްސާ ވިދާޅުވީ ލޮޓަސް ޓަވަރާ ގުޅޭ އޮޑިޓް ރިޕޯޓެއް މި އަހަރުގެ އެޕްރީލް މަހު އޮޑިޓާ ޖެނެރަލް ނެރެފައިވާ ކަމަށާއި ޗައިނާގެ ކުންފުންޏެއް ފިލި ވާހަކަ އެ ރިޕޯޓުގައި ވެސް ނެތް ކަމަށެވެ.
ދެކުނު އޭޝިއާގެ އެންމެ އުސް އިމާރާތުގެ ގޮތުގައި ބެލެވޭ ޓަވަރުގައި ޓެލެކޮމިއުނިކޭޝަން މިއުޒިއަމަކާއި ރެސްޓޯރެންޓެއް، ސުޕަމާކެޓްތަކާއި ފުޑް ކޯޓްތަކާއި 400 މީހުންގެ ކޮންފަރެންސް ހޯލަކާއި 1،000 މީހުންގެ އޮޑިޓޯރިއަމަކާއި ލަގްޒަރީ ކޮޓަރިތަކާއި ބޯލްރޫމެއްގެ އިތުރުން އޮބްޒަވޭޝަން ޑެކެއް ހިމެނެ އެވެ.