އައިސިސް އާއި އަލްގައިދާއާ އެކު ޓެރަރިސްޓުންގެ ގޮތުގައި 17 ޖަމާއަތެއް ކަނޑައަަޅައިފި

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ރާއްޖެއިން ކަނޑައަޅާ 17 ޖަމާއަތެއް ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.


ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ރައީސް ކަނޑައަޅުއްވައި، އާންމުކޮށް، އިއުލާން ކުރައްވާނެ ކަމަށް މިއަދު ރައީސް ވަނީ ވިދާޅުވެފަ އެވެ. އެ ލިސްޓް އާންމުކުރަން ނިންމީ ގައުމީ ސަލާމަތީ މަޖިލީހުގެ ލަފައާ އެކު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނެނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާ ޖަމާއަތާއި އާއި ޖަބްހަތުއް ނުސްރާ އާއި ލަޝްކަރޭ ތައިބާ އާއި އަލް ގައިދާ އިން ދި އަރަބިއަން ޕެނިންސުއަލާ އާއި އަލް ގައިދާ އިން ދި އިސްލާމިކް މަޣްރިބް އާއި އަލް ގައިދާ އިން ދި އިންޑިއަން ސަބް ކޮންޓިނެންޓް އާއި އަބޫ ސައްޔާފް ގްރޫޕާއި ބޯކޯ ހަރާމް އާއި އަލް ޝަބާބްގެ އިތުރުން ތެހްރިކޭ ތާލިބާން ޕާކިސްތާނާއި ހަރަކާތުލް ޖިހާދު އަލް އިސްލާމީ އާއި ޖައިޝޭ މުހައްމަދާއި އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ލާވަންޓާއި ނޭޝަނަލް ތައުހީދު ޖަމާއަތާއި ޖަމާއަތު މިއްލަތޭ އިބްރާހިމް އަދި ވިލާޔަތު އަލް ސޭލާނީ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް ގައުމީ ސަލާމަތީ މަޖިލީހުގެ ލަފައާ އެކު ރައީސް ކަނޑައަޅުއްވައި، ސިފައިން ބަލަހައްޓަމުން ގެންދަން ޖެހޭނެ އެވެ. އެއިން ޖަމާއަތެއްގައި ބައިވެރިވުމަކީ ނުވަތަ މީހުން ވެއްދުމަކީ ނުވަތަ އެއްވެސް އިރުޝާދެއް ދިނުމަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމެކެވެ.