ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ހެރިޓޭޖް ޑިޕާޓްމަންޓުގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަދަލު ކުރެއްވީ ސަގާފީ ތަރިކައިގެ ގާނޫނު މި މަހު ރައީސް ތަސްދީގު ކުރެއްވުމާ އެކު އެ ގާނޫނުގެ ދަށުންނެވެ.
ސަގާފީ ތަރިކައިގެ ގާނޫނު ބުނާގޮތުން އެ ގާނޫނުގެ ދަށުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒެއް ހުންނަންވާނެ އެވެ. އަދި އެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުވެ، އެ ޑިޕާޓްމަންޓުން ކުރަމުން އައި ހުރިހާ މަސައްކަތެއް އެ މަރުކަޒުގެ ދަށަށް ބަދަލުވާނެ އެވެ.