އަސްކަރީ ހާއްސަ ތަމްރީނުތަކެއް މާފިލާފުށީގައި ފަށައިފި

ސިފައިންގެ އަސްކަރީ ހާއްސަ ތަމްރީނުތަކެއް ޅ. މާފިލާފުށީގައި މިއަދު ފަށައިފި އެވެ.


އެމްއެންޑީއެފުން ބުނީ މިއީ މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ ތަމްރީނުތަކުގެ ބައެއް ކަމަށެވެ. މި ތަމްރީނުތަކުގައި ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމަށް ރިއާޔަތްކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެތަނުން ބުނިގޮތުގައި އެއްގަމާއި ކަނޑުގައި ދުޝްމަނުން ހިންގާފާނެ ޓެރަރިސްޓް އަމަލެއް ހުއްޓުވައި ރައްކާތެރިކަމާއި ސަލާމަތްތެރިކަން ގާއިމުކުރަން ހިންގަންޖެހޭ ހާއްސަ އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު ވެސް ތަމްރީނުތަކުގައި ދޭނެ އެވެ. އަދި ސިފައިންގެ ކޮންމެ މީހެއްގެ ގައިގައި ހުރުން ލާޒިމް އަސާސީ ހުނަރުތަކާއި އުކުޅުތަކާއި އަސްކަރީ ގާބިލްކަން އިތުރަށް ތަރައްގީކުރާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ސިފައިންގެ ގާބިލްކަން އިތުރުކުރަން ތައުލީމާއި ތަމްރީނުދީ، ގާބިލް ބައެއްގެ ގޮތުގައި ބޭތިއްބުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރަކީ ވަކި ހާއްސަ ޝިއާރެއް ކަނޑައަޅައި ތަމްރީނުތައް ކުރިއަށް ގެންދާ އަހަރެއް ކަން ވެސް އެމްއެންޑީއެފުން ފާހަގަކުރެ އެވެ.