މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ސައިކަލާއި ވެހިކަލްތައް ވެސް އަނދާ ހުލިވި އެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ދެން އުފެދުނީ އެހެން ބަހުސެކެވެ: ތާޑް ޕާޓީ އިންޝުއަރެންސްގެ ދަށުން ގެއްލުންތަކަށް ބަދަލު ލިބޭނެތޯ އެވެ؟
އެ އިންޝިއުރެންސް ޕްލޭންގެ ތެރެއިން ބަދަލު ލިބެނީ ކޮން ކަހަލަ ހާލަތުތަކުގައިތޯ އޮޅުންފިލުވަން ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ހިޔާލު ފާޅުކުރި އެވެ.
މީހަކު ކުރި ޓްވީޓެއްގައި ސުވާލުކުރީ އަމިއްލަ އިހުމާލެއް ނެތި އަނދާ ހުލިވާ ސައިކަލަށް ބަދަލު ލިބޭނެތޯ އެވެ. ނުވަތަ މިއީ އިންޝުއަރެންސް ކުންފުނިތައް މުއްސަނދިވުމަށް އާންމުންނަށް އޮޅުވާލާ އޮޅުވާލުމެއްތޯ ވެސް އޭނާ އެހި އެވެ.
މިކަމާ ގުޅޭ ގޮތުން އެހެން މީހަކު ބުނީ، މިއީ މިފަދަ އިންޝުއަރެންސް ޕްލޭންތަކަށް ބަދަލުގެންނަންވީ ވަގުތު ކަމަށެވެ. އަދި ބޮޑެތި ހާދިސާތަކުން ސަލާމަތްވުމަށް ބަދަލު ލިބެން ޖެހޭނެ ކަމަށް ވެސް ހިޔާލު ފާޅުކުރި އެވެ.
ތާޑް ޕާޓީ އިންޝުއަރެންސްގައި ބަދަލު ލިބޭ ކަންކަން ބައެއް މީހުން ކިޔައިދީފައިވެ އެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް އެއް ކުންފުނި އެލައިޑުން ވެސް އާންމުންގެ މި ކަންބޮޑުވުންތަކާ ގުޅިގެން ކުޑަ ތަފުސީލެއް، ޓްވިޓަ މެދުވެރިކޮށް، ދިނެވެ.
ތާޑް ޕާޓީ އިންޝުއަރެންސަކީ ކޮބާ؟
ތާޑް ޕާޓީ އިންޝުއަރަންސަކީ ތިމާ ދުއްވާ ވެހިކަލްގެ ސަބަބުން އެހެން މީހެއްގެ ވެހިކަލަކަށް ނުވަތަ ތަނަކަށް ނުވަތަ މީހަކަށް ލިބޭ ގެއްލުމުގެ ބަދަލު ދޭ އިންޝުއަރެންސް ޕްލޭނެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ތާޑް ޕާޓީ އިންޝުއަރެންސް ނެގުން މަޖުބޫރު ކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2011 ގަ އެވެ. އެއްގަމު ދަތުރުގެ ގާނޫނަށް ބަދަލުތައް ގެނެސް އެއީ ވެހިކަލްތަކަށް މަޖުބޫރު އިންޝުއަރެންސްއެއްގެ ގޮތުގައި ހަމަޖައްސައި، އަމަލްކުރަން ފެށީ އޮކްޓޫބަރު 2012 ގަ އެވެ.
ތާޑް ޕާޓީ އިންޝުއަރެންސް މަޖުބޫރުކުރީ ވަރަށް ގިނަ ސަބަބުތަކާ ހުރެ އެވެ. މަގުމަތީ އެކްސިޑެންޓްތައް ގިނަވެ، ލިބޭ ގެއްލުންތައް ވެސް އިތުރުވުމުންނެވެ. އަދި އިހުމާލުވާ މީހާ، އޭގެ ބަދަލު ދޭން އެއްބަސްވިޔަސް ގިނަ ފަހަރަށް ލިބޭ ގޮތެއް ނޯވެ އެވެ. އެކަމަކު އިންޝުއަކޮށްފައި އޮވެއްޖެ ނަމަ، ބަދަލު ލިބެން ޖެހޭ މީހާއަށް އޭގެ ޔަގީންކަން ބޮޑުވެ އެވެ.
ތާޑް ޕާޓީ އިންޝުއަރެންސް މަޖުބޫރުކުރީ ނިސްބަތުން ކުޑަ އަގެއް ދައްކައިގެން އެ ޕްލޭން ނެގޭ ގޮތަށެވެ. މި އިންޝުއަރެންސް ޕްލޭނަށް ސައިކަލެއް ނަމަ ދައްކަން ޖެހެނީ 175ރ. އެވެ. ކާރެއް ނަމަ 750ރ. ދައްކަން ޖެހެ އެވެ.
ތާޑް ޕާޓީ އިންޝުއަރެންސްގައި 100،000ރ އާ ހަމައަށް ބަދަލު ނަގައިދެ އެވެ. އެގޮތުން މީހެއްގެ ފުރާނައަށް ނުވަތަ މީހަކަށް ލިބޭ ގެއްލުމަށް 60،000ރ ގެ ބަދަލެއް ދެ އެވެ. ޕްރޮޕަޓީއަށް ނުވަތަ އެހެން މީހެއްގެ ވެހިކަލަކަށް ލިބޭ ގެއްލުމަށް 40،000ރ. އާ ހަމަޔަށް ބަދަލު ނަގައިދެވެ އެވެ.
އެކަމަކު ތާޑް ޕާޓީ އިންޝުއަރެންސްގެ ތެރެއިން ކަވަރުކޮށްދެނީ 2،500ރ. އަށް ވުރެ ބޮޑު ގެއްލުމެއް ނަމަ އެވެ.
އެލައިޑް އިންޝުއަރެންސްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ ގިނަ ބަޔަކު ތާޑް ޕާޓީ އިންޝުއަރެންސް ނަގަނީ، އެއީ މަޖުބޫރު ކަމަކަށް ވާތީ ކަމަށެވެ. އަދި މި އިންޝުއަރެންސް ޕްލޭނަށް އާންމުން ހޭލުންތެރިކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެއީ އިޝްތިހާރަކުން އެކަނި ދޭން އުނދަގޫ މައުލޫމާތުތަކެކެވެ.
"އިންޝުއަރެންސަކީ ލީގަލް ކޮންޓްރެކްޓެއް. އެކަންކަމާ ގުޅޭ ގޮތުން ވީޑިއޯއަކުން އެކަނި ކިޔައެއް ނުދެވޭނެ. މިކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދެވޭނީ އެކި ފަރާތްތަކާ ވަކިން ބައްދަލުކޮށްގެން،" ނިއުޝާދު ވިދާޅުވި އެވެ.
ތާޑް ޕާޓީ އިންޝުއަރެންސް މަޖުބޫރުކުރިޔަސް އެ ނުނަގާ އެތައް ބަޔަކު މިހާރު ވެސް ވެހިކަލް ގެންގުޅެ އެވެ. އެއިން އެއްޗަކުން ޖެހި ކިތައްމެ ބޮޑު ގެއްލުމެއް ލިބުނަސް، އަނެއް މީހަކަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދެވޭނެ އެވެ.
"ދާދި ފަހުން ދިމާވި މައްސަލައެއް. ދުއްވާފައި ދިޔަ ސައިލެއް ޕާކުކޮށްފައި އޮތް ވޭނަކަށް އަރާ ވޭނަށް ގެއްލުން ތަކެއްވި. ވޭން އޮތީ ތާޑް ޕާޓީ އިންޝިއުރެންސް ނަގާފައި. އެކަމަކު ސައިކަލް ތާޑް ޕާޓީ އިންޝިއުރެންސް ނުނަގާތީ ވޭނަށް ލިބުނު ގެއްލުމަށް ފައިސާއެއް ނުދެވުނު،" ނިއުޝާދު ވިދާޅުވި އެވެ.
އަމިއްލަ ވެހިކަލަށް ވެސް ހިމާޔަތް ލިބެން އެބަ އޮތް
ދެން އޮތީ ތިމާގެ އަމިއްލަ ވެހިކަލް ހިމާޔަތްކުރަން ނެގިދާނެ އިންޝުއަރެންސް ޕެޖޭކްތަކެވެ. އެއީ ވެސް ރާއްޖެއިން މިހާރު ލިބެން ހުރި ޕްލޭންތަކެކެވެ. ނަމަވެސް އިންޝުއަރެންސް ބައެއް ކުންފުނިތަކުން ބުނާ ގޮތުގައި އަމިއްލަ ވެހިކަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވާން އިންޝުއަކުރަނީ ވަރަށް މަދު ބައެކެވެ.
މިފަދަ އިންޝުއަރެންސް ޕްލޭންތަކަށް އަހަރަކު ދައްކަން ޖެހެނީ އިންޝުއަކުރާ އެއްޗެއްގެ އަގަށް ނިސްބަތްކޮށެވެ. ރާއްޖޭގައި ދުއްވާ 65،000ރ.ގެ ސައިކަލެއްގެ އަހަރު ދުވަހުގެ ޕްރިމިއަމް އުޅޭނީ، ގާތްގަނޑަކަށް 1،500ރ އާއި 2،000ރ. ދެމެދު އެވެ.
އަމިއްލަ ވެހިކަލް އިންޝުއަކުރާ ނަމަ، ހުކުރު ދުވަހުގެ ރޭ ދިމާވި ފަދަ ހާދިސާތަކުން އެއިން އެއްޗަކަށް ލިބޭ ގެއްލުން އިންޝުއަރެންސް އިން ކަވަރުކޮށްދޭނެ އެވެ.
ދިވެހި އިންޝުއަރެންސްގެ ސީނިއަ މެނޭޖަރު އަހުމަދު ރިނާން ފަރީދު ވިދާޅުވީ ތާޑް ޕާޓީ އިންޝުއަރެންސްގެ ތެރެއިން ކޮންސްޓްރަކްޝަން ސައިޓެއް، ގެއެއް ވެސް އިންޝުއަ ކުރެވިދާނެ ކަމަށެވެ.
"މިސާލަކަށް ގެއެއްގައި ދިމާވާ އަލިފާނުގެ ހާދިސާއަކުން ޖެހިގެން ހުންނަ ގެއަށް ލިބޭ ގެއްލުން އިންޝުއަރެންސްގެ ތެރެއިން ކަވަރުކުރެވޭނީ ތާޑް ޕާޓީ އިންޝުއަރެންސް ނަގައިފިއްޔާ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ރިނާން ވިދާޅުވީ ކޮންސްޓްރަކްޝަން ސައިޓްތައް އިންޝުއަ ކުރާ އިރު، ތާޑް ޕާޓީ އިންޝުއަރެންސް ޕެކޭޖަކަށް އިތުރު ފައިސާ ދައްކަން ޖެހޭތީ، ގިނަ ކުންފުނިތަކުން އެ ޕްލޭން ނުނަގާ ކަމަށެވެ.
އަލިފާނުގެ ބޮޑެތި ހާދިސާތަކާ އެކު އެ ދުވަސްކޮޅު އިންޝުއަކުރުމުގެ ޑިމާންޑް ބޮޑުވެ އެވެ.
"މިސާލަކަށް މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއަށް ފަހު، ގުދަންތައް އިންޝުއާކުރަން ބޭނުންވެގެން ވަރަށް ގިނަ ބަޔަކު އެބަ ގުޅާ،" ނިއުޝާދު ވިދާޅުވި އެވެ.
ތާޑް ޕާޓީ އިންޝުއަރެންސް ނަގާ މީހުންނަށް އަމިއްލަ ވެހިކަލް އިންޝުއަ ކުރެވޭ އެހެން ޕްލޭންތައް، އިންޝުއަރެންސް ކުންފުނިތަކުން ކިޔައިދެ އެވެ. ނަމަވެސް އިތުރު ފައިސާ ދައްކަން ޖެހޭތީ ކޮމްޕްރެހެންސިވް ވެހިކަލް އިންޝުއަރެންސް ޕްލޭންތަކަށް އާންމުންގެ ޝައުގުވެރިކަމެއް ނުހުރެ އެވެ.
އަލިފާނުގެ ހާދިސާއެއް ހިނގާ ތަނެއްގައި ހުރި ސައިކަލް ނުވަތަ އެހެން ވެހިކަލެއް ނަމަވެސް ހަލާކުވެއްޖެ ނަމަ، މިހާރު މަޖުބޫރުވެގެން މި ނަގާ ތާޑް ޕާޓީ އިންޝުއަރެންސްއަކުން އެ ގެއްލުން ކަވަރެއް ނުކޮށްދޭނެ އެވެ. އެއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ.