އިންޑިއާގެ ރިއަލިޓީ ޝޯތައް ރާއްޖެ އަށް ތައާރަފު ކުރަން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބައްޗަންއާ އެކު، ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވަމުން މަހުލޫފް ވިދާޅުވީ، އިންޑިއާ އަށް މިހާރު އޭނާ ކުރައްވާ ނުރަސްމީ ދަތުރުގައި، އެ ގައުމުގެ ރިއަލިޓީ ޝޯތައް ރާއްޖެ އަށް ތައާރަފު ކުރަން ވާހަކަ ދައްކަވާނެ ކަމަށެވެ. އެކަމަކު، އެއީ ކޮން ޝޯތަކެއްކަން އަދި އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މަހުލޫފް ވަނީ މި ދަތުރުގެ ތެރެއިން އަމީތާބާ ބައްދަލުވުމުން އެކަމުގެ އުފާ ފާޅުކުރައްވާފަ އެވެ. އަދި އިންޑިއާގެ ސިނަމާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ދާދާ ސާހެބް ޕަލްކޭ އެވޯޑް" އަމީތާބަށް ލިބުމުން އޭނާ އަށް މަހްލޫފް މަރުހަބާ ވިދާޅުވި އެވެ.

މަހުލޫފަކީ ކުރިއްސުރެ ބޮލީވުޑް ފިލްމުތަކުގެ ވަރަށް ބޮޑު ފޭނެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވި އިރު އޭނާ ވަނީ އިންޑިއާގެ ފިލްމީ ތަރިންނަށް ދޭ "އައިފާ އެވޯޑްސް"އަށް ޒިޔާރަތް ކުރައްވައި ގިނަ ފިލްމީތަރިންނާ އެކު ފޮޓޯ ނަންގަވައިފަ އެވެ.

އަދި އިންޑިއާގެ ބައެއް ފިލްމީ ތަރިން ޗުއްޓީ އަށް ރާއްޖެ އައިސް ވެސް މަހްލޫފް ބައްދަލު ކުރައްވާފައި ވެ އެވެ.