ދެ ފުލުހުން ވަކިކުރީ އަދީބު އަތުން ފައިސާ ނެގި މައްސަލައެއްގައި

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާ ގުޅޭ ގޮތުން މަރު ކޮމިޝަނުގެ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކުރި ދެ ފުލުހުން ވަޒީފާ އިން ވަކިކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުން ފައިސާތަކެއް ލިބުނު މައްސަލައެއްގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.


ފުލުހުންގެ އިންޓެލްގައި މަސައްކަތް ކުރި މުހައްމަދު ޖިނާހާއި އިބްރާހީމް ރިފްއަތަށް މަރު ކޮމިޝަންގެ ރިޕޯޓުގައި ކުރަނީ ރިލްވާންގެ ފޯނު އަޑު އަހައި ރާއްޖެ އިން ބޭރަށް ދިޔަކަން ދައްކަން އުޅުމަށް އެހީތެރިވި ކަމުގެ ތުހުމަތެވެ. ރިލްވާން ވަގަށް ނަގައި މަރާލީ ކަން އާއްމުކުރި ރިޕޯޓްގައިވާ ތުހުމަތުތަކާ ގުޅިގެން މި ދެ ފުލުހުން ހައްޔަރުކުރަން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެންގެވި އެވެ.

އެކަމަކު ހައްޔަރު ނުކުރީ، ރިޔާސީ ކޮމިޝަނާ މަޝްވަރާކުރުމަށް ފަހު، މައްސަލައިގައި އެކަށީގެންވާ ހެކި ނެތުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުުހުންގެ ޑިސިޕްލިނަރީ ބޯޑުން މި ދެ މީހުންގެ މައްސަލަތައް ބަލައި ވަޒީފާ އިން ވަކިކުރަން ކޮމިޝަނަރަށް ވަނީ ލަފާ ދީފަ އެވެ.

ހަމީދު ވިދާޅުވީ އެ ދެ ފުލުހުން ވަކިކުރީ ރިޔާސީ ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ނޫން ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ދެ ފުލުހުން ވަޒީފާ އިން ވަކިކުރެވުނީ މަރު ކޮމިޝަންގެ ތަހުގީގު ރިޕޯޓުގެ މައްޗަކަށެއް ނޫން. ވަކި ކުރެވުނީ 2017 ގައި އެ ފުލުހުންގެ މައްޗަށް ތަހުގީގު ކުރެވެމުން އައި މައްސަލައެއްގައި. އެއީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ފައިސާތަކެއް ލިބިފައިވާ މައްސަލައިގައި،" ކޮމިޝަނަރު ވިދާޅުވި އެވެ.

ރިލްވާން ވަގަށް ނެގުމާ ގުޅިގެން ކުރި ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. އެތަނުން ބުނެފައި ވަނީ، ރިލްވާން ވަގަށް ނެގުމާ ގުޅިގެން ފުލުހުން ކުރި މަސައްކަތަށް ބަލާއިރު މިހާތަނަށް ފުލުހުންގެ އެއްވެސް އިހުމާލެއް ވެފައިވާ ކަމުގެ ހެއްކެއް އަދި ގަރީނާއެއް ވެސް އެ ކޮމިޝަނަށް ލިބިފައި ނެތް ކަމަށެވެ.

ކުރީގެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ މިނިސްޓަރުގެ ގޮތުގައި އަދީބު ހުންނެވި އިރު، ރިލްވާނަށް އިންސާފު ނުލިބި ލަސްވާތީ އޭރު ސަރުކާރަށް ސިޔާސީ ގޮތުން ކުރިމަތިވި ޕްރެޝަރުތައް ކުޑަކުރަން އަދީބު ކަންތައްތަކެއް ކުރެއްވި އެވެ.

ރިލްވާނާ ގުޅޭ ގޮތުން ސިޔާސީ ފަރާތްތަކުން ކުރާ މެސެޖްތަކާއި އާއިލާ އިން ބޭއްވި އެއްވުންތަކާއި އެ ނޫން ވެސް ހުރިހާ ކަމެއްގެ މައުލޫމާތު އަދީބު ގެންދެވީ ބަރާބަރަށް ބައްލަވަމުންނެވެ. މިކަމުގައި، އެމަނިކުފާނަށް ބައެއް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނެވެ.