އަންނަ ޑިސެމްބަރު މަހުގެ 20 ގައި ރިލީޒްކުރާ، ސަލްމާން ޚާންގެ "ދަބަންގް 3" ގެ ޝޫޓިން ނިންމާލައިފި އެވެ.
ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޝޫޓިން ނިންމައިލީ "ދަބަންގް" ސީރީޒްގެ ފުރަތަމަ ދެ ބައިގައި ސަލްމާންގެ ބައްޕަގެ ރޯލް ކުޅުނު އަދި 2017 ގައި މަރުވެފައިވާ އެކްޓަރު ވިނޯދް ކަންނާ އަށް ޓްރިބިއުޓެއް ވެސް ދިނުމާ އެކީގަ އެވެ. މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސަލްމާން ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.
"ދަބަންގް 3" ގައި ސަލްމާންގެ ބައްޕަގެ ރޯލް ކުޅެފައި ވަނީ ޕްރަމޯދު ކަންނާ އެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސޮނާކްޝީ ސިންހާ، އަލަށް ތައާރަފުކުރާ ސާއީ މުކަރްޖީ އަދި އޭނާގެ ބައްޕަ މަހޭޝް މަންޖްރޭކަރް، ޓީނޫ އާނަންދު، ސުދީޕް، އަރްބާޒް ޚާން، މާހީ ގިލް، ނިތިން ދީރު އަދި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.
މީގެ އިތުރުން "ދަބަންގް 3" ގެ އައިޓަމް ލަވައަކުން ސަލްމާން މިދިޔަ އަހަރު ޕްރޮޑިއުސްކުރި "ލަވްޔާތުރީ" ގެ ބަތަލާ ވަރީހނާ ހުސައިން ވެސް ފެނިގެން ދާނެ އެވެ.
"ދަބަންގް 3" އަކީ "ބާރަތު" އަށް ފަހު މި އަހަރު ރިލީޒްވާ ސަލްމާންގެ ދެވަނަ ފިލްމެވެ.
"ޝަކުންތަލާ ދޭވީ" ގައި ސާނިޔާ ފެންނާނެ ގޮތް
މިހާރު ޝޫޓިން ކުރިއަށްދާ ފިލްމު "ޝަކުންތަލާ ދޭވީ" ގެ ބައޮގްރަފިކަލް ޑްރާމާގައި ޒުވާން ބަތަލާ ސާނިއާ މަލްއުތުރާ ފެނިގެންދާނެ ގޮތް ދައްކާލައިފި އެވެ.
ސާނިއާ ވަނީ ޓްވިޓާގައި އޭނާގެ ލުކްގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ވިދިޔާ ބާލަން ޓައިޓްލް ރޯލް ކުޅޭ ފިލްމުގައި ސާނިއާ ފެނިގެންދާނީ ޝަކުންތަލާގެ ދަރިފުޅު އަނޫޕަމާ ބެނަޖީގެ ރޯލުންނެވެ.
ދެހާސް ތޭރައިގައި މަރުވެފައިވާ ޝަކުންތަލާ އަކީ "ހިއުމަން ކޮމްޕިއުޓަރު" ގެ ނަމުން މަޝްހޫރުވެފައިވާ އިންޑިއާގެ ކުރީގެ ހިސާބު އިލްމުވެރިއެކެވެ. އޭނާގެ ވާހަކަ ކިޔައިދޭ ފިލްމު ޑައިރެކްޓްކުރަނީ އަނޫ މެނަން އެވެ.
"މަލަންގް" ގެ ޝޫޓިން ނިންމާލައިފި
ޓީ ސީރީޒާއި ލަވް ފިލްމްސްއާ ގުޅިގެން ޑައިރެކްޓަރު މޯހިތު ސޫރީ ގެނެސްދޭ ރޮމޭންޓިކް ތުރިލާ "މަލަންގް" ގެ ޝޫޓިން ނިންމާލައިފި އެވެ.
މާޗް މަހު ޝޫޓިން ފެށި ފިލްމުގެ ބޮޑުބައި ގޯއާގައި ނެގި އިރު މީގެ ކާސްޓުންނަކީ އަދިތިޔާ ރޯއި ކަޕޫރް، ޑިޝާ ޕަޓްނީ، ކުނާލް ކޭމޫ އަދި އަނިލް ކަޕޫރެވެ. ރިޕޯޓްތައް ބުނާގޮތުން "މަލަންގް" ގައި އަނިލް ފެނިގެންދާނީ ވަރަށް ވަރުގަދަ ވިލަންއެއްގެ ރޯލުންނެވެ.
"އާޝިގީ 2" އާއި "އޭކް ވިލަން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން މޯހިތުގެ "މަލަންގް" އަކީ 2017 ގައި ރިލީޒްކުރި "ހާފް ގާލްފްރެންޑް" އަށް ފަހު އޭނާ ގެނެސްދޭ ފުރަތަމަ ފިލްމެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއްނުކުރެ އެވެ.
"ޑޯލީ ކިޓީ" ބުސާން ފެސްޓިވަލްގައި ޕްރިމިއާކޮށްފި
އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ޑޯލީ ކިޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ" މިހާރު ކުރިއަށްދާ ބުސާން އިންޓަނެޝަނަލް ފިލްމު ފެސްޓިވަލްގައި ޕްރިމިއާކޮށްފި އެވެ.
މި މަހުގެ 3 ގައި ފެށި އެ ފެސްޓިވަލަކީ މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އިވެންޓެކެވެ. ފެސްޓިވަލްގައި އެކްތާގެ ފިލްމު ޕްރިމިއާކުރީ މި މަހުގެ 4 ވަނަ ދުވަހު އެވެ.
"ޑޯލީ ކިޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ" އަކީ ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް އޮހުނު 2017 ގެ ފިލްމު "ލިޕްސްޓިކް އަންޑަ މައި ބުރުގާ" ގެނެސްދިން އަލަންކްރިތާ ޝްރިވަސްތާވް ޑައިރެކްޓްކޮށްފައިވާ ޑާކް ކޮމެޑީއެކެވެ.
މީގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ބޫމީ ޕެޑްނޭކަރާއި ކޮންކޮނާ ސެން ޝަރުމާ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ކަރަން ކުންދުރާ، ވިކްރާންތު މަސޭ، އަމޯލް ޕްރަޝާރު އަދި ކުބްރާއި ސައިތު ހިމެނެ އެވެ.
"ޑޯލީ ކިޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ" ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.