ވަކިކުރާ ސިވިލް ސާވަންޓުންނަށް އަލުން ވަޒީފާ ދިނުމުގެ އުސޫލަށް ލުއިތަކެއް ދީފި

ސިވިލް ސާވިސްގެ ގަވާއިދާ ޚިލާފްވެގެން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ސިވިލް ސާވިސްގެ ވަޒީފާއެއް އަދާ ނުކުރެވޭނެ ފަދަ ހާލަތެއް މެދުވެރިގެން ވަޒީފާ އިން ވަކިކުރާ މީހުން ހަ މަސް ފަހުން ސިވިލް ސާވިސްގެ ވަޒީފާ އަލުން ދެވޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.


ސިވިލް ސާވިސްގެ ގަވާއިދު ކުރިން އޮންނަ ގޮތުން ސިވިލް ސާވިސްގެ ގަވާއިދާއި ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފްވެގެން ވަކިކުރާ މީހުންނަށް ސިވިލް ސާވިސްގެ ވަޒީފާއެއް އަލުން ދެވޭނީ ވަކިކުރާ ދުވަހުން ފެށިގެން ތިން އަހަރު ފާއިތުވުމަށް ފަހު އެވެ.

އެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހު އޮތްގޮތުން، އެގޮތަށް ވަކިކުރާ މީހުން ހަ މަސް ފަހުން އަލުން ސިވިލް ވަޒީފާއަކަށް އައްޔަން ކުރެވިދާނެ އެވެ. އަދި ގާނޫނު އަސާސީގެ ދަށުން އިންތިޚާބުކުރާ މަގާމެއްގައި ވާދަކުރުމުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ސިވިލް ސާވިސްގެ ވަޒީފާ އިން އަދާކުރުން މަނާކުރާ ހާލަތެއް މެދުވެރިވެގެން ވަޒީފާ އިން ވަކިކުރާ މީހުންނަށް ވެސް ހަ މަސް ފަހުން ސިވިލް ސާވިސްގެ ވަޒީފާއެއް އަލުން ދެވިދާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

މީގެ އިތުރުން ވިހެއުމާ ގުޅިގެން ސިވިލް ސާވަންޓުންނަށް ހަ މަހުގެ ޗުއްޓީ ދިނުމުގެ އުސޫލު ވެސް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. ވިހެއުމާ ގުޅިގެން ހަ މަހުގެ ޗުއްޓީ ދިނުމުގެ އުސޫލަށް ސަރުކާރު ކުންފުނިތަކާއި ގިނަ އޮފީސްތަކެއްގައި މިހާރު ވެސް އަންނަނީ އަމަލުކުރަމުންނެވެ.

މީގެ އިތުރުން ޕާމަނަންޓް ސެކެޓްރީންގެ އަލުން އެ މަގާމަށް އައްޔަން ކުރުމުގެ އުސޫލުތަކަށް ވެސް އެ އިސްލާހުގައިވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން އެ ގަވާއިދު އޮންނަ ގޮތުން ޕާމަނަންޓް ސެކެޓްރީގެ މަގާމުގައި ފަސް އަހަރުގެ މުއްދަތު ހަމަވުމަށް ފަހު އޭނާ އަލުން އެ މަގާމަށް އައްޔަން ކުރާ ނަމަ، އަލުން އައްޔަންކުރާ ތާރީޚުން ފެށިގެން ފަސް އަހަރު ހަމަވާ ތާރީޚާ ހަމައަށް 60 އަހަރަށް ވުރެ އެ މީހެއްގެ އުމުރުން މަތިިވެގެން ނުވާނެ އެވެ. އެކަމަކު ގަވާއިދުގެ އެ ބައި އެ އިސްލާހުގައި މިހާރު ވަނީ އުނިކޮށްފަ އެވެ.

މުވައްޒަފުން ސަލާމުގައި ހުންނަ ދުވަސްތަކަށް ސާވިސް އެލަވަންސުން ފައިސާ ކެނޑޭނެ ކަމަށް އޮންނަ ބައި ވެސް އެ އިސްލާހުގައި މިހާރު ވަނީ އުވާލައިފަ އެވެ. އެ ބައި އުވާލުމުގެ ކުރިން، ސަލާމުގައި ހުންނަ ދުވަސްތަކަށް ފައިސާ ނުކެނޑޭނެ ކަމަށް ހައި ކޯޓުން ވެސް ކުރިން އޮތީ ހުކުމްކޮށްފަ އެވެ.