ރައީސްގެ އެޑްވައިޒަރަކަށް ޝިހާބު، ސްޓޭޓް މިނިސްޓަރަކަށް މާހިރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރަކަށް ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު މިއަދު އައްޔަން ކުރައްވައިފި އެވެ.


މީގެ އިތުރުން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް، އެ މިނިސްޓްރީގެ ކުރީގެ ނައިބު މުހައްމަދު މާހިރު އީސާ ވެސް މިއަދު ވަނީ އައްޔަން ކުރައްވައިފަ އެވެ.

ރައީސްގެ އެޑްވައިޒަރު ޝިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި އެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން މާލޭގެ މޭޔަރުކަން ވެސް އޭނާ ކުރެއްވި އެވެ. އޮސްޓްރޭލިޔާގެ ޖޭމްސް ކުކް ޔުނިވާސިޓީން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޝިހާބު ވަނީ ސަރުކާރުގެ އެކި އިދާރާތަކުގެ އިސް މަގާމުތައް ވެސް ފުރުއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރުކަމުގެ މަގާމުގެ ފަތްކޮޅު، އެމަނިކުފާނު މިއަދު ޝިހާބަށް އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން އެކުގައި މަސައްކަތް ކުރެއްވި، އަދި ވަރަށް ކުރިއްސުރެ ފެށިގެން ވެސް ވަރަށް ގާތް ދެ ބޭފުޅުންނެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި މާހިރު ވަނީ ޅ. އަތޮޅު ކައުންސިލަރުކަން ވެސް ކުރައްވައިފަ އެވެ.

ޝިހާބާއި މާހިރަށް މަގާމު ހަވާލު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިހާރު ތިއްބަވާނީ މާހިރާ އެކު، ތިން ބޭފުޅެކެވެ. އެއީ އަލީ ނަޒީރާއި ހަސަން ޝުޖާއު އެވެ. އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ހުންނަވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގަ އެވެ.