އަނިޔާވެރިކޮށް ބަނދެފައި އޮތް ވެލާ ދޫކޮށްލައިފި

ފަޅު ރަށެއްގައި އަނިޔާވެރިކޮށް ބަނދެފައި އޮތް ވެލައެއް އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޓީމަކުން މިއަދު ދޫކޮށްލައިފި އެވެ.


ރ. ގާއުނޑޫދޫގެ ގަހެއްގައި އެ ވެލާ ބަނދެފައި އޮތީ، އޭގެ ދެ ފިޔަ ފަތް އައްސައިގެން ގުޑައި ވެސް ނުލެވޭ ގޮތަށެވެ. އެންވަޔަރަމެންޓް މިނިސްޓްރީ އާއި އީޕީއޭ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓަރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ވިދާޅުވީ، އެ ވެލާ ބަނދެފައި ވަނީ ބިސް އަޅަން ރަށަށް އެރި ވަގުތު ކަމަށް ބެލެވޭ ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓެއް

އެކަމަކު އޭނާ ވިދާޅުވީ އެ ވެލާ ދޫކޮށްލި އިރު އެއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. މޫދުގައި އޮއްވާ އެއްގަމަށް ގެންގޮސް، އެ ވެލާ އެއްސި ނަމަ، އެއަށް ގިނަ އަނިޔާތަކެއް ވެފައި ހުރި ތަން ފެނުނީސް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ވެލަޔަކީ އާދަޔާ ހިލާފަށް ބޮޑު ވެލައެއް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

"ތިން މީހުންނަށް އޭތި ކިރިޔާ ވެސް ހިއްލާލެވެނީ،" އޭނާ ވިދާޅުވި އެވެ.

ވެލާ އައްސާފައި ބޭއްވުން މީމުޒަވިޔަނި ސިފަކުރެއްވީ ވަރަށް ލާ އިންސާނީ އަމަލެއް ގޮތުގަ އެވެ. ޖަނަވާރުންނާ ދޭތެރޭ އަމަލުކުރަން ވާނީ އިހްތިރާމާ އެކު ކަމަށާއި އެކަން ކުރަން ވާނީ ކޮންމެހެން ގާނޫނެއް މެދުވެރިކޮށް އެ ޖަނަވާރަކަށް ހިމާޔަތްތެރިކަން ދީގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ލާއިންސާނީ ކަމެއް، ފަޅު ރަށެއްގައި މިހެން އިހާނެތިކޮށް [ވެލާ] ބަނދެފައި ބޭއްވުމަކީ. މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން،" މީމު ޒަވިޔަނި ވިދާޅުވި އެވެ.

މި ވެލާ ސަލާމަތްކުރީ ރ. އަތޮޅުގެ ބައެއް ރަށްރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާ ގުޅިގެން ސާވޭތަކެއް ކުރަމުން ދިޔަ އީޕީއޭ އާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ޓީމަކުންނެވެ. ގާއުނޑޫދޫގައި ވެލައެއް ބަނދެފައި އޮތް ކަމުގެ މައުލޫމާތު ލިބުމުން، އެ ޓީމުން ހަރަކާތްތެރިވީ އެ ވެލާ ސަލާމާތްކުރާށެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެ ވެލާ ސަލާމަތްކުރަން އެ ޓީމުން ކުރި މަސައްކަތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. އަދި މި އަމަލު ހިންގި ފަރާތް ހޯދަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިކަން ކުރި ފަރާތް 30،000ރ. އާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު އީޕީއޭ އަށް ލިބިފައި ވެ އެވެ.

ވެލަޔަކަށް ބަލާލާފައި އޭގެ އުމުރު ހޯދަން ދަތިވި ނަމަވެސް އާންމު ގޮތެއްގައި 100 އަށް ވުރެ ގިނަ އަހަރު އެ ތަކެތި ދިރިއުޅެ އެވެ. ގާއުނޑޫދޫން ފެނުނު ވެލަޔަކީ ބިސްއަޅާ އުމުރުގެ ވެލައަކަށް ވާތީ، އެއަށް މަދުވެގެން 15 އަހަރު ވެފައިވާ ކަމަށް ބެލެވެ އެވެ.