ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް މޯލްޑިވް ގޭސް ހިލޭ

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފި އެވެ.


މިކަމާ ގުޅޭ އެއްބަސްވުމުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން މިއަދު ސޮއިކުރެއްވީ މިނިސްޓަރު ޝިދާތާ ޝަރީފެވެ. މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޝިދާތާ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ.

"ދައުލަތުން ކުދިން ބަލަހައްޓާއިރު، ދައުލަތުން ވެސް ބޮޑެތި ހަރަދުތަކެއް ކޮށްގެން އެކަން ކުރަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު. އެހެންމެ އެ ކުދިންނަށް ދޭންޖެހޭ ރައްކާތެރިކަމާއި ދިރިއުޅުމަށް ގެންނަންޖެހޭ މުހިއްމު ތަރައްގީ އާއި ކުރިއެރުންތައް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް މޯލްޑިވް ގޭހުން ދިން އެހީއާ، ޖެންޑާ މިނިސްޓަރު ޝިދާތާ މިއަދު ހަވާލުވެވަޑައިގަންނަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝިދާތާ ވިދާޅުވި ގޮތުގައި، ކުރިމަގުގައި ވެސް މިފަދަ އެހީތެރިކަން ލިބޭނެ ކަމަށް އޭނާ އުންމީދު ކުރައްވަ އެވެ.

މޯލްޑިވް ގޭހުގެ ޑެޕިއުޓީ އެމްޑީ އިކްރާމް ވިދާޅުވީ، އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ވެސް ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް އެހީތެރިކަން ދިނުމަށް ވަނީ ނިންމައިފަ އެވެ.

ގޭސް ފޯރުކޮށްދިނުމުގެ އިތުރުން މޯލްޑިވް ގޭހުން ވަނީ 10،000ރ. ގެ އަގު ހުރި ތަކެތި ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ދީފަ އެވެ.