ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުުމުގެ ކުރިން، ފޮސްޓަ ބެލެނިވެރިންނާ ހަވާލުކޮށްގެން ބަލަހައްޓަމުން އަންނަ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅައިގެން އަލުން ނިންމަންޖެހޭ ގޮތަށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިން ރީ-އިންޓަގްރޭޓް ކުރުމާ ބެހޭ ގަވައިދަށް މާއްދާއެއް އިތުރުކޮށްފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރި އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުން ފޮސްޓާ ކުރުމަށް ހަވާލުކުރުމަށް ނިންމައި ފޮސްޓާ ބެލެނިވެރިޔާއާ ހަވާލުކޮށްފައިވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ބެލެނިވެރިންނާ ހަވާލުކުރުމުގެ ކަންކަން އެ އިސްލާހަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން ޖެހެ އެވެ.

އިސްލާހަށް އަމަލުކުރަން އޮތީ އިސްލާހު ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.

އިސްލާހުގައިވަނީ މިގޮތަށް އަލުން ކޯޓަށް ހުށަހަޅައިގެން ގޮތް ނިންމަންޖެހޭ ހާލަތެއްގައި ކުއްޖާ އާއި ފޮސްޓާ ބެލެނިވެރިންގެ މިހާރުގެ ހާލަތު އަންގައިދޭ އެސެސްމަންޓް ރިޕޯޓެއް ވެސް ތައްޔާރުކުރަން ޖެހޭނެ ކަމަށެވެ.

މިހާރު އަމަލުކުރަމުން އަންނަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށީ 2019 ވަނަ އަހަރު އެވެ.

އެ ގާނޫނުގެ ދަށުން މިހާތަނަށް އަމަލުކުރަމުން އައި ގަވާއިދުގައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކު ރީ-އިންޓެގްރޭޓް ކުރުމުގެ ގޮތުން އެ ކުއްޖާ ފޮސްޓާ ކުރުމަށް ހަވާލުކުރެވޭނީ ވަގުތީގޮތުން އެ ކުއްޖާ ބަލަހައްޓާނެ ފަރާތަކާއި ނުވަތަ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ކޮށްދޭ ފަރާތަށް ބަދަލުކުރުމާ އެކު، ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާ ބެލެހެއްޓުމަށެވެ.

ވަގުތީގޮތުން ފޮސްޓާ ކުރުމަށް ކުއްޖަކު ހަވާލުކުރާ މުއްދަތު ކަނޑައަޅާނީ ފޮސްޓާކުރާ ފަރާތުގެ މަޝްވަރާ އާއި އެ ފަރާތުގެ ބަހެއް ހޯދުމަށް ފަހު ރީ-އިންޓެގްރޭޝަން ކޮމިޓީންނެވެ. އެކަމަކު ވަގުތީގޮތުން ކުއްޖަކު ފޮސްޓާކުރާ ފަރާތާ އެކު އެ ކުއްޖާ ދިރިއުޅެމުންދާ ހާލަތު ބަދަލުނުވާ ނަމަ، އެ ކުއްޖަކު ވަގުތީގޮތުން ފޮސްޓާ ކުރެވިފައިވާ މުއްދަތަށް ބަދަލެއް ނާންނާނެ އެވެ.