ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ދެ ކުއްޖަކު ފުރާޅުމަތީގައި

ވިލިމާލެ ހިޔާގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކައި ކަންބޮޑުވުން ފާޅުކުރާ މީހުން ގިނަ އެވެ. އަހަރުތަކެއް ވެގެން ދިޔައިރު ވެސް އެތަނުގެ ހާލަތަށް މާ ބޮޑު ބަދަލުތަކެއް ނާދެ އެވެ. އަނެއްކާ ވެސް އިއްޔެ ފެނުނީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯއިން ފެންނަނީ ދެ ފިރިހެން ކުއްޖަކު، ކުޑަކުދިންގެ ހިޔާގެ ފުރާޅު މައްޗަށް އަރައިގެން އުޅެނިކޮށެވެ.


ބައެއް މީހުން ބުނާ ގޮތުގައި މިއީ އާންމު މަންޒަރެކެވެ.

ކުދިން ފުރާޅުމަތީގައި ތިއްބާ ފެނުނު މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ކުދިން ފުރާޅުން ފޭބީ ފުރާޅުގައި އުސްކޮށް ހުރި ބައިގެ މަތީގައި ތިބުމަށް ފަހު ތިރި ފުރާޅަށް ފުންމާލައިގެންނެވެ. އެއް ފުރާޅުން ޖެހިގެން ހުރި ފުރާޅަށް ފުންމާލައިގެން ކަމަށެވެ. އެ ތަނުގެ ކުދިންގެ އަހުލާގާ ގުޅޭ ބައިވަރު މައްސަލަތައް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެއްވެސް ކަމެއް ބަދަލުވެފައިނުވާ ކަމަށް ބުންޏެވެ.

"އެ ކުދިންގެ އުޅުން ވަރަށް ގޯސް. އެ ކުދިންނަށް ރަނގަޅަށް އަޅާލާނެ ބަޔަކު އެބަ ބޭނުންވޭ. އެހެން ނޫނީ ކުދިންތަކެއް ހަލާކުވެގެން ދާނީ،" އުމުރުން 18-13 އަހަރާ ދެމެދުގެ ކުދިން ބަލަހައްޓާ ކުޑަކުދިންގެ ހިޔާއާ މެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކި މީހާ ބުންޏެވެ.

ކުޑަކުދިންގެ ހިޔާގެ ފުރާޅު މައްޗަށް، ދެ ކުއްޖަކު އަރައިގެން އުޅެނީ.

ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ އިބްރާހިމް މުހައްމަދު ވިދާޅުވީ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި މައްސަަލަތަކެއް އެބަހުރި ކަމަށެވެ. އެކަންކަމަށް ވަރަށް ބޮޑު އިސްކަމެއްދީގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިޔާގެ އިމާރާތަށް ވަގުތުން ވަގުތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ފަށާފައިވާ ކަމަށާއި އެތަނަށް މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަނީ އިތުރު އެއްވެސް ގޮތެއް ނެތިގެން ކަން ފާހަގަކުރައްވައި އިބްރާހިމް ވިދާޅުވީ ކުދިންނަށް ސޯޝަލް ސަޕޯޓާއި ކައުންސެލިން ދޭން ފަށާފައިވާ ކަމަށެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ