ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑިއާ އެކު ސަރުކާރުން ވީ އެއްބަސްވުން އުވާލުމުން އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ނިމެންދެން މަޑުކުރި ނަމަ 200 މިލިޔަން ޑޮލަރަށް ވުރެ ބޮޑު ބަދަލެއް ދޭން ޖެހުނީސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ނިންމުން އޭނާ ސިފަކުރެއްވީ "ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކޮށްދިިން" ކަމެއްގެ ގޮތުގަ އެވެ.

ރަށްރަށުގައި ހައުސިން ޔުނިޓްތަކެއް އަޅައިގެން ރިސޯޓް ތަރައްގީކުރަން ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އަށް ދައުލަތުން 55 މިލިއަން ޑޮލަރު (849،750،000ރ.) ވަނީ، ކޯޓުން ބޭރުން މައްސަލަ ނިންމައިގެން، ދީފަ އެވެ. ދައުލަތުން މިހާ ބޮޑު ބަދަލެއް ދޭން ޖެހުނީ ހައުސިން ޔުނިޓްތަކެއް އަޅަން އެ ކުންފުންޏާ ހަވާލުކުރި ދެ އެއްބަސްވުން ގާނޫނާ ޚިލާފަށް ކުރީގެ ސަރުކާރުން އުވާލުމުން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

އެއްބަސްވުން އުވާލި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދާށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާ ވާހަކަ ދައްކައި ބަދަލު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ.

އެ ނިންމުމާ ބެހޭ ގޮތުން މާލިއްޔަތު ކޮމިޓީގައި އަމީރު ވިދާޅުވީ ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަޔަށް ބޭރުގެ ވަކީލުންގެ ގާނޫނީ ލަފާ ހޯދަން 800،000 ވަރަކަށް ޑޮލަރު ހަރަދު ކޮށްފައި ވާނެ ކަމަށެވެ. އެ މައްސަލައިގައި ރަނގަޅަށް ކޮންޓެސްޓް ކުރުމުގެ ބޭނުމުގައި ދުނިޔޭގެ ވަރުގަދަ ލޯ ފާމްތައް ކަމަށްވާ ކްއީންސް ކައުންސިލާއި ޑިލާ އެކްސްޕާޓްސް ފަދަ ފާމްތަކުގެ އެހީ ހޯދާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ރިޓަން ކޮމިއުނިކޭޝަންސް އެބަހުރި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި، މިހިރީއޭ މިހިރީއޭ ތިމަންނަމެން މިހާތަނަށް ދިޔަ ހުރިހާ އާބިޓްރޭޝަންގެ ކޯޓު ކޭސް ހިނގައި ދިޔައީ މިހެންނޭ. އަޅުގަނޑުމެންގެ ކޭސަސް ވީކްކަން އަޅުގަނޑުމެންގެ ލޯޔަރުން ވެސް އެބަ ބުނޭ. އެކްސްޕާޓުން ވެސް އެބަ ބުނޭ 200 މިލިޔަން ޑޮލަރަށް ވުރެ ބޮޑު ހުކުމެއް އަންނާނެ ވާހަކަ އާބިޓްރަލް އެވޯޑަށް،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއާ ދެކޮޅަށް މައްސަލަ ނިންމުމުން ރާއްޖޭގެ ކޯޓެއްގައި ރިވިއުކުރަން ލައިގެން އެއީ ދައްކަން ނުޖެހޭނެ އެއްޗެއް ކަމަށް ހުކުމެއް ވެސް ކޮށްފާނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ ނިއު ޔޯކް ފަދަ ތަނެއްގައި އާބިޓްރަލް އެވޯޑް އެންފޯސް ކުރަން އުޅެފި ނަމަ ހަމަ އޭގެ ގެއްލުން ރާއްޖެއަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ގޮތަކަށް ނޫމަޑިން މަސަައްކަތް ކޮށްފި ނަމަ އޭގެ ގެއްލުން ލިބޭނީ ރާއްޖޭގެ ބޭންކިން ސެކްޓާއަށް ކަމަށް ވެސް ފިިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ ދައުލަތް ހަމަ ބޭންކްރަޕްޓް ވުމުން ސަލާމަތްކޮށްދީފައި އެ އޮތީ،" އަމީރު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ދައުލަތުން ބަދަލު ދޭން ޖެހުމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަަވަޅު އަޅަން ޖެހޭ ކަމަށެވެ. އެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ދައުލަތުން ބަދަލު ދޭން ޖެހުނު ހުރިހާ މައްސަަލަތަކެއް ވެސް އައިސްފައި ހުރީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން ކުރި މަސަައްކަތްތަކުގެ ތެރެއިން ކަަމަށެވެ. އެހެންކަމުން އޭނާ ވިދާޅުވި ގޮތުގައި އެކަމަށް ގާނޫނެއް ހަދަން ޖެހެ އެވެ.

ނޫމަޑި މައްސަލަ ދައުލަަތަށް ކާމިޔާބުނުވާ ގޮތް މެދުވެރިވީ ކުރީގެ ސަރުކާރުގެ އިސް ބޭފުޅުން އެ ކުންފުންޏަށް ފައިދާ ވާ ގޮތަށް ހެކިބަސް ދެއްވުމުން ކަމަށް އަމީރު ވިދާޅުވި އެވެ.

ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރަން އިއްޔެ ވަނީ ނިންމާފަ އެވެ.

ނޫމަޑިން އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ.

އެއް މައްސަލައަކީ، ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ޓޫރިސްޓުންނަށް ޕްރައިވެޓް ވިލާ އަޅާ ގޮތަށް، ވަކި ރަށްރަށުގެ ރައްޔިތުންނަށް 600 ހައުސިން ޔުނިޓް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުން ބާތިލް ކުރުމެވެ. މި ހައުސިން ޔުނިޓްތައް އަޅަން އެ ކުންފުންޏާއި ހައުސިން މިނިސްޓްރިއާ ދެމެދު ސޮއިކުރީ ޖެނުއަރީ، 20، 2011، ގަ އެވެ.

ނޫމަޑިން އާބިޓްރޭޝަނަށް ދެން ހުށަހެޅީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް 1 އާއި 3 ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުމުގެ މައްސަލަ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ މެއި، 30، 2013 ގަ އެވެ.

ނޫމަޑި އަށް ބޮޑު ބަދަލެއް ދައުލަތުން ދިނީ، ނޫމަޑިއާ ގުޅޭ ޚާއްސަ އޮޑިޓެއް، އޮޑިޓް އޮފީހުން ކުރަމުން ހަދަނިކޮށެވެ. އެ ކުންފުނިން ހިންގި ހައުސިން މަޝްރޫއުތަކާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރި އެވެ.