މިރޭގެ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ: މި ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށް ވިދާޅުވި. --މިހާރު ފޮޓޯ/ނިޝާން އަލީ
05 ނޮވެމްބަރ 2019 - 23:38
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާ ނުލެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް ބައެއް މީހުން ސޮއިކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ އަތޮޅު ތެރެއަށް ނިސްބަތްވާ ބޭފުޅަކު ރައީސް ކަމުގައި ހުންނެވުމުން މި ސަރުކާރު ނިމުމަކަށް ގެންނަން އެމްޑީޕީގެ އެތެރެއިންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދުމާ ދިމާލަށް ދަނިކޮށް އެކި ބަހަނާތައް ދައްކައިގެން ސަރުކާރު ބަދުނާމު ކުރަމުންދާ ކަމަށާއި އެކަމަކު މި ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ގަހެއްގައި އިންނަ އަނބު ބިނދެލާހެން ރައީސުލް ޖުމްހޫރިއްޔާ ވައްޓާލަން. ބަލަ އެހެނެއް އެކަމެއް ނުކުރެވޭނެ އިނގޭތޯ. އަޅުގަނޑު މިދެންނެވީ ކަށަވަރުކަމާ އެކު މޮޔަފުޅުވެގެން ތި އުޅުއްވަނީ،" ގާސިމް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހެޅުމުން އެ ބަޖެޓަށް ވޯޓު ދޭން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ދެކޮޅު ހަދަމުންދާ ކަމަށް ވިދާޅުވެ، ގާސިމް ވިދާޅުވީ އޭގެ ބޭނުމަކީ މި ސަރުކާރަށް ވައުދުތައް ފުއްދައި ނުދެވޭ ކަމަށް ދައްކަން ކަމަށެވެ. އެކަމަކު މި ސަރުކާރުން ހުރިހާ ކަމެއް ގެންދަނީ ވަކި ތަރުތީބަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އެމަނިކުފާނު ފެނިގެންދަނީ އެމަނިކުފާނު ވެވަޑައިގަތް ވައުދާ އެއްގޮތަށް އެންމެންނާ މެދު އިންސާފުވެރިކޮށް ކަންތައްތައް ކުރައްވައި، އޭރު އަނިޔާލިބުނު އެންމެން އެކަމުން ސަލާމަތްވެ، އެކަމުން މިންޖުު ކުރައްވައި، މީހުންނަށް ކަންތައްތައް ހަމަޖެހޭ ތަރުތީބަކުން ފޮތްތަކެއްގައި ލިޔެވިގެން ޝާއިއު ކުރެވިގެން މަސައްކަތްތައް ކުރެވިގެންދާތަން. ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ދެއްތޯ؟ ކީއްވެގެންތޯ ކެތް މަދުވެގެން މި ތެޅި ބާލަނީ؟" ގާސިމް ސުވާލު ކުރެއްވި އެވެ.
ކޮންމެ ސަރުކާރެއް ވެސް އަންނަނީ ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާ އެކު ކަން ފާހަގަ ކުރައްވައި، ގާސިމް ވިދާޅުވީ ވެރިކަމަށް އައުމަށް ފަހު އޭނާއަށް އެތައް އުނދަގޫތަކެއް ކޮންމެ ސަރުކާރަކުން ވެސް ކުރިމަތިކުރި ކަމަށެވެ. އޭނާ ކުރައްވަމުން ގެންދަވަނީ ގައުމުގެ ހައްގުގައި ކުރައްވާ މަސައްކަތެއް ކަމަށާއި އެކަމަކު ކުރީގެ ކޮންމެ ސަރުކާރަކު ވެސް ޖުމްހޫރީ ޕާޓީ ސަރުކާރު ކޯލިޝަނުން ބޭރުކޮށްލީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއިކުރެއްވި ޒުވާނެއްގެ ފޯމާ، އެ ޕާޓީގެ ލީޑަރު ގާސިމް ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އަޅުގަނޑުމެނެއް ނޫން ކޯލިޝަން ސަރުކާރެއް އުފެދިގެން އައިމަ ސަރުކާރާ ދިމާކުރަނީ. އެކަމަކު އެ އުފެދޭ ސަރުކާރަކުން އަޅުގަނޑުމެންނާ ދޭތެރޭ ކަންތައް ކުރާގޮތުން އެ ބޭފުޅުން އަމިއްލައަށް ކަންތައް ކުރަމުން ކުރަމުން ގޮސް އެންމެ ފަހުން ކެތް ނުވެގެން ބޭރުކޮށްލަނީ. އެ ބޭފުޅުންގެ ގައުމީ މަޖިލީހުން ނިންމާފައި ނުވަތަ ކައުންސިލުން ނިންމާފައި ބޭރުކޮށްލީ. ބޭރުކޮށްލާފައި އަދި ނިންމާލަނީއެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން މީހުން ވެސް ގެންގޮސް ޖަލަށް އަޅާ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާގެ އާއިލާ އާއި މުދަލަށް ގެއްލުން ދިނަސް، އޭނާ މިހާތަނަށް ވެސް ސިޔާސީ މަސައްކަތްތަކުގައި ދެމި ހުންނެވީ ރައްޔިތުންގެ ހައްގުގައި ކަމަށާއި އަމިއްލަ މަސްލަހަތެއް އޮތް ނަމަ، ސިޔާސީ ކަންކަމާ ދުރުވެ ހުންނަވައިގެން ފައިދާ ލިބުނީސް ކަމަށެވެ. އަދި އެކި ގޮތްގޮތުން ގައުމަށް ކުރިއެރުން އައިސް އިޖްތިމާއީ ގޮތުން އެހީތެރިވެދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
06 November 2019
އެހެންވީރު ދައްކާ ވާހަކަޔާ އިދިކޮޅަށް މީނާ ކަންކަންކުރާނީ! ޕާޓީއަށް އާދޭސްކޮށްގެން ގެނައި ތައުލީމީ މީހުންނަށް ހަދާލިގޮތް ކައުންސިލް މެންބަރުން ހެކިވާނެ!ދެން ހިސްޓްރީއަށް ބަލާއިރު ސަރުކާރާ ދޭތެރޭ ކަންތައް ކުރާނެގޮތް އެއި މިސްޓްރީއަކީ!
ޝޮކު
06 November 2019
ތަޢުލީމީ ކާކު؟
ނެޑް
06 November 2019
ދެން ކޮން ބޭކާރު މަސައްކަތެއް ތިޔަ ކުރަނީ؟ ނޫނީ އަދި ކިރިޔާ ދޯ އިނގުނީ ވައްޓާ ނުލެވޭނެކަން؟
މަހާރެހެންދި
06 November 2019
ހިޔަޅަށް މޭބިސްކަދުރު އުޅެއުޅެ ނިބިނދެވުނީމަ އެހެން މީހުންގެ ބޮލަށް ކަނޑާލަން މިއުޅެނީ.
ހަކީމް
06 November 2019
ވަންކަން ކުރިންވެސް ކޮއްފަ ހުރިމީހާ ވައްކަމެއް ދެން ކުރާކަށް ނުކެރޭނެޔޭ ބުނުން ކަހަލަ ކަމެއް.
ޝާޔަދު
06 November 2019
ވައްޓާލަން އުޅޭ ބަޔަކަށް ތިކަންވެސް އެނގޭނި، ވެރިކަން ވައްޓާލުމުގެ ޑިގްރީ އޮތް ފަރާތަކީ ވެސް ތި މަހުޖަނު ގާސިމް އިބްރާހިމް.
ބާބާބާބާ
06 November 2019
އަނެއްކާ ތިހާވަރެއްތިއަރުވާލަނީ ކޮންފަދަކަމަކަށްބާ؟ އިންކަމް ޓެކްސް މީނަބޭނުންގޮތަށް ދީލާލަނީބާ؟ ނޫނީ ކިތަށް ރަށާއިފަޅު ލިބުނީބާ؟ ސިފައިންނަށްދީފައޮތް ފަޅު ކަޓުވާލަނީބާ؟
ރާވެރިބެ
06 November 2019
އެއަށްވުރެ ކުރިން އަމިއްލައަށް ވެއްޓޭނެ އުތަ؟
އިހުސާނާ
06 November 2019
މީނަޔަކީ މި ޤައުމުގެ ހަލާކު އަސްލު! އަމިއްލަ އެދުމާއިގެން ފޯވެފަ ހުރި މީހެއް! ދެން މިހާރު ވިސްނެން ވެއްޖެ އެއްނު، މި އެކާވީސް ވަނަ ޤަރުނުގަ ދިވެހިންނެއް މީނަޔަކަށް ވެރިކަމެއް ނުދޭނެކަން!
ކުކުޅޭ ---
06 November 2019
ކަލޭ ތީ ތި ވާހަކަ ދައްކަން އެންމެ ޖަރީމާ ބޮޑު މީހާ ވިއްޔާ ދޯ؟،،
ކަތީބް
06 November 2019
ވައްޓާލަން މަސައްކަތްކުރޭ . އެކަމް ތަގުދީރުގައި ނެތީމަ އެކަން ނުވެގެން އުޅެނީ. ގާސިމްއަކީ ކާކުކަން ނޭގޭ ކުޑަ ކުއްޖަކުވެސް މިހާރު ނުހުންނާނެ. ގާސިމްއަކީ މި ގައުމުގައި ހަމަނުޖެހުން އުފެއްދުމުގެ ބާނީ.