ބަޔަކު އުޅެނީ ފިތުނަ އުފައްދަން، ސާބިތުކަމާ އެކު ރައީސް ހުންނަވާނެ: ގާސިމް

ސަރުކާރު ކޯލިޝަންގައި ފިތުނަ އުފައްދަން ބަޔަކު މަސައްކަތް ކުރިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާބިތުކަމާ އެކު ހުންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.


ކުރީގެ ޔޫތު މިނިސްޓަރު އިރްތިޝާމް އާދަމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ކޯލިޝަން ރޫޅާލަން ބޭނުންވާ ބަޔަކު ކޯލިޝަން ތެރޭގައި ތިބެގެން ފާޑުފާޑުގެ ވާހަކަ ދައްކަމުންދާ ކަމަށާއި އެ މީހުންގެ ބޭނުމަކީ މީހުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދައި، ފިތުނަ އުފެއްދުން ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖުމްހޫރީ ޕާޓީން މަސައްކަތްކުރާ ކަމުގެ އަޑުތަކެއް ވެސް ބަޔަކު ފަތުރަމުންދާ ކަމަށާއި އެފަދަ ވާހަކަތައް ދެއްކިޔަސް ސާބިތުކަމާ އެކު ރައީސް ހުންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.

"ސަބަބެއް ނެތިއެއް ކީއްކުރަން މީހަކު ނޯ ކޮންފިޑެންސްއޭ ކިޔައިގެން ވާހަކަ ދައްކަނީ؟. އެކަމަކު ބޭނުމަކީ އެޔެއް ނޫން. ބޭނުމަކީ ފަސާދަ އުފެއްދުން. އަނެކެއްގެ ހިތަށް ނުތަނަވަސްކަން ވެއްދުން. އިބްރާހިމް މުހައްމަދު ސޯލިހަކީ އެވަރުގެ ތަނެއް ދޮރެއް ނުދަންނަ ބޭފުޅެއް ކަމަށް ހީކޮށްގެން ބަޔަކު އެހެން އުޅެފާނެ. ގުނބޯ ހައްދާހެން ހައްދަން. އެކަމަކު އަޅުގަނޑަށް ޔަގީން އެމަނިކުފާނު އެހެން ވެވަޑައިނުގަންނަވާނެ ކަން. އަޅުގަނޑަށް ކަށަވަރު އެމަނިކުފާނު ސާބިތުކަމާ އެކު ހުންނަވާނެ ކަން. އަޅުގަނޑަށް ކަށަވަރު އެމަނިކުފާނަށް އަޅުގަނޑު އެނގޭނެކަން. ހަމަ އެހެންމެ އަޅުގަނޑު ވެސް އެމަނިކުފާނު ދަންނަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ ސަރުކާރު ކޯލިޝަނުން ވަކިވީތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދިޔަ ކަމުގައި ވިޔަސް، އެ ޕާޓީ އަދިވެސް އޮތީ ސަރުކާރު ކޯލިޝަންގައި ކަމަށެވެ. އެކަމަކު ކޯލިޝަންގެ އެހެން ޕާޓީއެއްގެ ރައީސަކު އަމަލުކުރަމުންދާ ގޮތުން ރާއްޖޭގެ ރައީސް ކަމުގައި ހުންނެވީ ކޮން ބޭފުޅެއްކަން އޮޅޭ ހިސާބަށް ކަންކަން ދާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް ގާސިމް ފާޑު ވިދާޅުވި އެވެ. ރައީސާ ކިތަންމެ ގާތް ބޭފުޅަކަށް ވިޔަސް، ސަރުކާރުން ކުރާނެ ކަންކަން އެހެން ބޭފުޅުން އާންމު ކުރަމުން ދިއުމަކީ ރީތި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ މިހެން ދަންނަވާއިރު ވެސް ރައީސުލް ޖުމްހޫރިއްޔާގެ ގާތް ބޭފުޅުން ތިއްބަވާނެ ކަން އަޅުގަނޑު ނޫނަސް. އަޅުގަނޑު ވެސް މިއީ ގާތް މީހެކޭ އިނގޭތޯ؟. ކީއްވެގެންތޯ ދުރު ވާންވީ؟. އަޅުގަނޑުމެން އެމަނިކުފާނާ އެކު މަސައްކަތްކޮށް، މިތަނަށް އެމަނިކުފާނު ވަޑައިގެން ގިނަ ކަންތައްތައް ރޭވިގެން ދިޔައީ ބައްދަލުވުންތައް ބޭއްވިގެން. މި އޮފީހުުގެ ތެރެއިން. މި ކުނޫޒުގެ ތެރެއިން. އަޅުގަނޑު ވެސް އެތަނުގައި އިނދެގެން،" ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބެން ނުޖެހޭ ކަމަށް ވިދާޅުވެ، ގާސިމް ވިދާޅުވީ ސަރުކާރު ވެސް އުފެދިފައި އޮތީ ކޯލިޝަނެއްގެ ތެރެއިން ކަމަށެވެ. މަޖިލީހުގައި ވަކި ޕާޓީއަކަށް އަޣުލަބިއްޔަތު ލިބެންޖެހޭ ކަމަށް ދެކެންޏާ އެއީ އަމިއްލަ އެދުން ބޮޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި "މަގުމައްޗަށް ނެރެ އެއްލާލީމަ" ދެން އޮންނާނީ ނާށިގަނޑު ހިފައިގެން ސަލާން ޖެހުން ކަމަށާއި އެ ހިސާބަށް ކަންކަން ދިއުމުން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ އެ ޕާޓީން މަޝްވަރާކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެވެނި ބޭފުޅަކާ ބައްދަލު ކޮށްފިއޭ މިވެނި މީހަކާ ބައްދަލު ކޮށްފިއޭ މި ކިޔަނީ. އަދި އަޅުގަނޑުމެން އެ ބުނާ މީހަކާ ބައްދަލު ކުރީކީއެއް ވެސް ނޫން. އެކަމަކު ކުރަންޖެހޭ ހިސާބަށް ގޮސްފިއްޔާ އެކަން ވެސް ކުރާނެ ދެއްތޯ ކޮންމެ މީހަކު ވެސް؟. އެއީ ކުށަކަށް ނުވާ ކަމަށް ވަންޏާ. ފާފައަކަށް ނުވާ ކަމަށް ވަންޏާ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެންމެންގެ އަމާޒަކަށް ވެސް ވާންޖެހޭނީ ގައުމަށް ކުރިއެރުން ހޯދުން ކަމަށާއި ކޮންމެ ފަހަރަކު ފިތުނަ އުފައްދައިގެން ގައުމަށް ލިބޭނެ ކުރިއެރުމެއް ނެތް ކަމަށެވެ. އެހެންވެ، އެންމެން ވެސް މަސައްކަތް ކުރަން ޖެހޭނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.