އުއްތަމަ ފަނޑިޔާރުގެ މައްސަލައިގެ ރިޕޯޓް އަނބުރާ ފޮނުވާލައިފި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ރިޕޯޓު އެމަނިކުފާނާ ހަވާލުކުރަން ސުޕްރީމް ކޯޓަށް ފޮނުވުމުން އެ ރިޕޯޓް އަނބުރާ ކޮމިޝަނަށް ފޮނުވާލައިފި އެވެ.


އުއްތަމަ ފަނޑިޔާރާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައިގެ ތަހުގީގު ރިޕޯޓް އެމަނިކުފާނާ ހަވާލުކުރަން ސުޕްރީމް ކޯޓަށް ފޮނުވި ކަމަށް ޖޭއެސްސީން މިއަދު ވަނީ ބުނެފަ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއްގެ ރިޕޯޓް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ސުޕްރީމް ކޯޓުން އެ ރިޕޯޓް އަނބުރާ ފޮނުވާލި ކަމަށް ބުންޏަސް އެ ރިޕޯޓް ޖޭއެސްސީ އަށް ރައްދުވި ކަމެއް ނޭނގެ އެވެ. އެއީ ރަސްމީ ގަޑި ނިމި ޖޭއެސްސީގެ ރިސެޕްޝަން އޭރު ބަންދުކޮށްފައިވާ ވަގުތެއްގައި އެ ފޮނުވި ކަމަށް ބުނާތީ އެވެ.

"ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ސްޓާފުން ވަނީ އެ ރިޕޯޓް އަނބުރާ ފޮނުވާލާފައިވާ ކަމަށް ވިދާޅުވެފައި،" ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޖޭއެސްސީން ގެންދަނީ އެމަނިކުފާނާއި އަދި ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ވަކިން ބަލަމުންނެވެ. އެކަމާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ބަޔާނެއް ނެރުއްވުމުން އެ މައްސަލަ ވެސް ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

ޖޭއެސްސީ އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ގާނޫނުން ބަދަލުތައް ގެނެސް، ކުރިން ސުޕްރީމް ކޯޓަށް ދީފައި ހުރި ބާރުތައް ހަނިކޮށްފައި ވާތީ އެކަމާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ވަނީ ބަޔާންތަކެއް ވެސް ނެރުއްވައިފަ އެވެ.