ދަތުރު ދާނެ ޚާއްސަ ރަށެއް ހަމަޖެއްސުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޕިކްނިކް އައިލެންޑަށް އާއްމުންގެ ހިޔާލު ހޯދަން ބޭއްވި ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ވަކި ހާއްސަ ރަށެއް ހަމަޖެއްސުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުދެއްވަ އެވެ.
ދަތުރު ދިއުމަށް މީގެ ކުރިން ހާއްސަކޮށްފައި އޮތީ ކުޑަބަނޑޮހެވެ. ނަމަވެސް ރިސޯޓެއްގެ ގޮތުގައި އެ ރަށް ތަރައްގީކުރަން 2013 ވަނަ އަހަރު ދިނުމުން އާއްމުން ދަތުރުދާނެ ހާއްސަ ރަށެއް މާލެ ސަރަހައްދަކު ނެތެވެ.
"މަލަހިނި ކުޑަ ބަނޑޮސް" ނަމުގައި ރިސޯޓު ތަރައްގީކޮށް އެތަން ވަނީ 2016 ވަނަ އަހަރު ހުޅުވައިފަ އެވެ.
މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރުދާނެ ތަނެއް ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް، ކ. އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ދަތުރު ދިއުމަށް ރަށެއް ވަނީ ހަމަޖައްސައިފަ އެވެ.
އަކްރަމް ވިދާޅުވީ ދަތުރު ދިއުމަށް އެނބޫދޫފަޅުން ރަށެއް ކަނޑައެޅީ އެކަން އަވަސް ކުރުމަށް ކަމަށެވެ. އެކަމަކު ފަހުން، ވަކިން އޮންނަ ޚާއްސަ ރަށެއް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަތުރު ދިއުމަށް އެނބޫދޫފަޅު ވެސް ކުރިއަށް އޮތް ދެ ތިން މަހުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.