ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރަން މާދަމާ ގިނަ ހަރަކާތްތަކެއް ހިންގަނީ

މި އަހަރުގެ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި އެވެ.


އޭޑީކޭ ފާމަސޫޓިކަލް އިން ބުނީ އެތަނާއި އައިޖީއެމްއެޗް ގުޅިގެން، ހަކުރު ބަލީގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުންނާއި ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމަށްޓަކައި މުޅިން ހިލޭ ސްކްރީނިން ކޭމްޕްތަކެއް މާލޭގެ ނޯތު ހާބަރާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މި ސްކްރީނިން ކޭމްޕްތައް އޮންނާނީ މާދަމާގެ ހެނދުނު 10 އިން 12 އަށެވެ.

އޭޑީކޭ ފާމަސޫޓިކަލް އިން ބުނިގޮތުގައި، މި ހަރަކާތުގައި ހަކުރު ޗެކް ކުރުމާއި ބްލަޑް ޕްރެޝަރު ބެލުމާއި އިސްކޮޅު އަދި ބަރުދަން ބެލުމަށް ހަމަޖެހިފައި ވަނީ މުޅިން ހިލެ އެވެ. ސްކްރީނިން ޕްރޮގްރާމްތަކުގައި ހަކުރު ބަލީގެ މައުލޫމާތާއި އަލާމާތްތަކާއި ބަލިން ރައްކާތެރިވާން ކުރެވިދާނެ ކަންކަން ބުނެދޭނެ އެވެ.

މީގެ އިތުރުން، މާލޭގެ އެކި ސަރަހައްދުތަކުގައި މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ. ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރަނީ އޭޑީކޭ ފާމަސޫޓިކަލް ކޮމްޕެނީ އާއި އައިޖީއެމްއެޗްގެ އިތުރުން އެސްޓީއޯގަ އެވެ.

ހަކުރު ބައްޔަކީ ރާއްޖޭގައި ވަރަށް އާންމު އަދި ގިނަ ބަޔަކު އެކަމުގެ އުނދަގޫ ތަހައްމަލު ކުރާ ބައްޔެކެވެ. އެގޮތުން ތަފާސްހިސާބުތަކަށް ބަލާ އިރު، ކޮންމެ އަށް ސިކުންތެއްގައި ހަކުރު ބަލީގެ ސަބަބުން މީހަކު މަރުވެ އެވެ. އަދި ހަކުރު ބަލި ހުންނަ ބޮޑެތި މީހުންގެ ތެރެއިން 50 ޕަސަންޓު މީހުންނަކީ މި ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުނު ނަމަ، މި ބަލި ޖެހުން ދުރު ބައެއް ކަމަށް ދައްކަ އެވެ.

ހަކުރު ބަލީގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ލޯ އަނދިރިވުމާއި ހިތުގެ ބައްޔާއި ސްޓްރޯކް (ވާގިނެތޭ ބަލި) ޖެހުމާއި ކިޑްނީ ފެއިލްވުމާއި ނުކުޅެދުންތެރިކަމަށް މަގުފަހިވުން ހިމެނެ އެވެ.

ހަކުރު ބަލީގެ އަލާމާތްތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ކަރު ހިއްކުމާއި ފާރު ހިކުން ލަސްވުމާއި ވަރުދެރަވުމާއި ފެނުން ފުސްވުމާއި އަތްފައި އައްސިވުމާއި އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން ހިމެނެ އެވެ.

ދުނިޔޭގައި 425 މިލިއަން މީހުން ހަކުރު ބަލީގައި ދިރިއުޅެމުންދާ ކަމަށްވެ އެވެ. ކޮންމެ އަހަރެއްގެ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރަނީ ނޮވެމްބަރު 14 ގަ އެވެ.