ރިޕޯޓަކީ ޑްރާމާއެއް، ގަބޫލެއް ނުކުރެވޭ: އަފްރާޝީމްގެ އާއިލާ

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް، ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓަކީ ޑްރާމާއެއް ކަމަށާއި އެ ރިޕޯޓްގައި ހުރި ކަމަށް އާއްމުކޮށްފައިވާ ވާހަކަތައް ގަބޫލު ނުކުރެވޭ ކަމަށް އޭނާގެ ބޭބެ، އަބްދުއްނާސިރު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.


މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން ވަނީ އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދަން ތަހުގީގެއް ހިންގައިފަ އެވެ. އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި އެ ކޮމިޝަންގެ ތަހުގީގީ ރިޕޯޓް އިއްޔެ ވަނީ ކަމާބެހޭ އިދާރާތަކަށް ފޮނުވައިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލިފް ރައޫފް ކަމަށާއި އޭނާއާ އެކަން ހަވާލުކުރީ ދީނީ ގޮތުން އަފްރާޝީމާ ޚިޔާލު ތަފާތުވާ ބަޔަކުކަމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

އެކަމަކު މި ރިޕޯޓް އަދި ސަރުކާރުން އާއްމެއް ނުކުރެ އެވެ. އަފްރާޝީމްގެ އާއިލާއާ ވެސް ރިޕޯޓް ހިއްސާއެއް ނުކުރެ އެވެ.

އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން މިހާރު އާއްމުވެފައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވައި، އޭނާގެ ބޭބެ ނާސިރު "މިހާރު" އަށް ވިދާޅުވީ ފުލުހުންނާއި ރިޔާސީ ކޮމިޝަނުން ބުނާ ވާހަކަތައް ދިމާނުވާ ކަމަށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގްސަދެއްގަ އެވެ. އެކަމަށް ހަތަރު މިލިއަން ރުފިޔާ ވެސް ހޭދަކުރި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ ތަހުގީގުން މިހެން ބުނެފައި އޮއްވައި، އެ މަރުގެ ފަހަތުގައި ތިބީ ދީނީގޮތުން ހައްދުފަހަނާޅާފައި ތިބި ބައެއް ކަމަށް ރިޔާސީ ކޮމިޝަނުން ބުނުމަކީ ތަހުގީގުގެ ނަމުގައި ޑްރާމާކުޅުން ކަމަށް ނާސިރު ވިދާޅުވި އެވެ.

"އަނެއްކާވެސް ފަސް އަހަރު ފަހުން ކޮމިޝަނެއް އުފައްދާފައި ބުނެފާނެ އެއީ މަސްވެރިންނާ ގުޅުން ހުރި ކަމެކޭ. ނުވަތަ ފިލްމު ކުޅޭ މީހުންނާ ގުޅުން ހުރި ކަމެކޭ،" އުނގޫފާރު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާ ނާސިރު ވިދާޅުވި އެވެ.

އަފްރާޝީމްގެ މަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. ޝާން އަކީ، މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ.

ނާސިރު ކުރިން ވެސް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައި، މަރުގެ އަޑީގައި ތިބި މީހުން މި ދުނިޔެ މަތީގައި ހޯދޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ވިދާޅުވި އެވެ. ހުމާމް އެކަން ކުރީ ހަތަރު މިލިއަން ރުފިޔާ ދީގެން ބަޔަކު ހަވާލު ކުރުމުން ކަމަށް ހުމާމް އޭނާ އަށް ކިޔައިދިން ވާހަކަތަކުގައި ވެސް ބުނެފައިވާ ކަމަށް ނާސިރު ވިދާޅުވި އެވެ.

"އަފްރާޝީމް ދުނިޔޭގައި ހުރެގެން ހުމާމަކަށް އުނދަގުލެއް ނުވާނެ. އެކަން އެކުރީ ބަޔަކު އަޑީގައި ތިބެގެން. ފުރަތަމަ ދުވަހުވެސް ގަބޫލުކުރިން އަޑީގައި ތިބި ބައެއް ނޭނގޭނެ ކަމަށް،" ނާސިރު ވިދާޅުވި އެވެ.

އަފްރާޝީމަށް ހަމަލާ ދިނުމަށް އަޒްލިފް ބޭނުންކުރީ އޭނާ އިސްކޮށް އުޅޭ ގޭންގުގައި މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކުމުގައި އުޅޭ މީހުންނާއި ކުދިން ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލި ރޭ، އޭނާ އުޅުއްވި ހ. ފުންވިލުގޭ ކައިރީގައި އެ ރޭ ސައިކަލެއްގައި އިންނަ މީހެއްގެ ވީޑިއޯ ކޮމިޝަނުން ހާމަކޮށްފައި ވާއިރު އެ މީހަކީ އަޒްލިފް ކަމަށާއި އޭނާ ގެންދިޔައީ އަފްރާޝީމަށް ހަމަލާ ދޭނެ ގޮތްތައް ރާވައި އެކަމުގައި ބައިވެރިކުރި މީހުންނަށް އިރުޝާދުތައް ދެމުންކަން ވެސް ތަހުގީގަށް އެނގިފައިވާ ކަަމަށް ރިޕޯޓުގައިވެ އެވެ. އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް އޭނާ ވަނީ 2015 ވަނަ އަހަރު ރާއްޖެ އިން ބޭރަށް ފުރައިފަ އެވެ. ފަހުން ޚަބަރު ފެތުރުނު ގޮތުގައި އޭނާ ވަނީ ސީރިއާ ހަނގުރާމާގައި މަރުވެފަ އެވެ. ނަމަވެސް އެކަން ރަސްމީ ގޮތެއްގައި ކަށަވަރުވެފައެއް ނުވެ އެވެ.