އާ ބެންޗާ އެކު ޔާމީންގެ މައްސަލާގެ އަޑުއެހުންތައް ނިންމައި، ހުކުމް މިމަހުގެ 28 ގައި އިއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ބަލަން އަލަށް އެކުލަވައިލި ފަސް ފަނޑިޔާރުންގެ ބެންޗާ އެކު އެ މައްސަލައިގެ އަޑުއެހުންތައް މިއަދު އަނެއްކާ ވެސް ނިންމާލައި، މި މަހުގެ 28 ވަނަ ދުވަހު ހުކުމް އިއްވަން ހަމަޖައްސައިފި އެވެ.


ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދަައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލީ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

އެ މައްސަލައިގެ ހުކުމް މި މަހުގެ ފަސް ވަނަ ދުވަހު އިއްވަން ހަމަޖައްސާފައި ވަނިކޮށް، އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާ އެކު، އެ މައްސަލަ ބެލުމަށް މިހާރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފަ އެވެ.

އާ ބެންޗާ އެކު މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އަދި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ، އަޑުއެހުންތައް ނިމިފައި ވަނިކޮށް މައްސަލަ ބައްލަވާ ފަނޑިޔާރަށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެހެން ފަނޑިޔާރަކު އެ މައްސަލައާ ހަވާލުވުމަށް ފަހު، މައްސަލަ އަލުން ފެށުން ނުވަތަ ކުރިއަށް ގޮސްފައި އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު އޮންނަ ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ދެ ފަރާތުން އެކަމާ މެދު ދެކެނީ ކޮން ގޮތަކަށްތޯ ގާޒީ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ މައްސަލަ އަލުން ފެށުން ނުވަތަ ކުރިއަށް ގޮސްފައި އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަކީ ކޯޓުގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އަލީ ޝާހު ވިދާޅުވީ އެ މައްސަލަ ބެއްލެވުމަށް އާ ފަނޑިޔާރުންތަކެއް މިހާރު ތިއްބެވުމުން މައްސަލަ އަލުން ފަށައިގެން ކުރިއަށް ގެންދަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެކަމާ މެދު ގޮތެއް ނިންމަވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ، އެއީ ކުރިން ހެކިބަސް ނަގައި ނިމިފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލަ އަލުން ފަށައި، ހެކިބަސް އަލުން ނެގުމަކީ ރަނގަޅު ގޮތެއް ކަމަށް އެ މައްސަލަ ބައްލަވާ ބެންޗަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވެ، ދެ ފަރާތަށް ފުރުސަތު ދެއްވުމަށް ފަހު ގާޒީ ވަނީ އަޑުއެހުންތައް ނިމުނީކަން އިއުލާން ކުރައްވައި، އެ މައްސަލައިގެ ހުކުމް މިމަހުގެ 28 ވަނަ ދުވަހު އިއްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.

ގާނޫނާ ޚިލާފެއް ނުވަން، ގާޒީ އަލީ ރަޝީދު ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް

ޔާމީންގެ ވަކީލުންނަށް ދެއްވި ފުރުސަތުގައި ވަކީލް ޝާހު ވިދާޅުވީ ގާޒީ އަލީ ރަޝީދު އެ މައްސަލައިން ތަނާޒުލްވުމާ މެދު ގޮތެއް ނިންމަވަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ސަބަބަކީ ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް ގާޒީ އަލީ ރަޝީދު މީޑިއާ އަށް މައުލޫމާތު ދެއްވާފައިވާތީ ކަމަށާއި އެހެންވެ، އެމަނިކުފާނު އެ މައްސަލައިން ތަނާޒުލްވެ ވަޑައިގަތުމާ މެދު އެ ބެެންޗުގައި ދެން ތިއްބެވި ފަނޑިޔާރުން ވެސް ގޮތެއް ނިންމަން އޭނާ އެދިވަޑައިގަތެވެ. އަދި ދެން ތިއްބެވި ހަތަރު ފަނޑިޔާރުންނާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

އަޑުއެހުމުގައި އަމިއްލަފުޅަށް ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެ މައްސަލަ ފެށުނުއިރުން ފެށިގެން ވެސް އެމަނިކުފާނު ވަނީ އިންސާފުން މަހްރޫމް ކޮށްފައި ކަމަށެވެ ގާނޫނާ ޚިލާފަށް އަދި މައްސަލައާ ގުޅުން ނެތް ކަމެއްގައި އެމަނިކުފާނު އެ މައްސަލާގައި ޖަލަށްލި ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެއްވެސް ކަމެއް ސާބިތު ނުވަނީސް އެމަނިކުފާނުގެ އަމިއްލަފުޅު އާމްދަނީގެ އެކައުންޓްތައް ފްރީޒް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ގާޒީ އަލީ ރަޝީދު އެ މައްސަަލަ ބެއްލެވުމާ މެދު ހިތް ނުތަނަވަސްވާ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވެ، ޔާމީން ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް އެންމެން ވެސް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ގާނޫނާ ޚިލާފަށް ގާޒީ އަލީ ރަޝީދަށް ކަމެއް ކުރެއްވިފައިވާ ނަމަ، އެކަމަށް ރިއާޔަތްކޮށް ދެއްވުން އެދިވަޑައިގަންނަވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެކަމާ މެދު ގޮތެއް ނިންމުމަށް އަޑުއެހުން މެދުކަނޑާލުމަށް ފަހު އަލުން ފަށައި، ގާޒީ އަލީ ރަޝީދު ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް އެމަނިކުފާނު މީޑިއާ އަށް މައުލޫމާތު ދެއްވާފައި ނުވާނެ ކަމަށެވެ. ގާނޫނު އޮތްގޮތުން މަނާ ވަނީ ސިޔާސީ މީހަކު ނުވަތަ މީޑިއާއަކުން ދައްކާ ވާހަކައަކަށް ރައްދު ދިނުން ކަމަށާއި އޭނާ މީޑިއާގައި ވާހަކަ ދެއްކެވީ އެފަދަ ކަމަކާ ބެހޭގޮތުން ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.

މައްސަލައާ ގުޅޭގޮތުން ވެސް އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށާއި އެހެންވެ، ޔާމީންގެ މައްސަލައިން ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ މައްސަލަ ބެންޗުން ނިންމާނީ ވަކި ފަރާތަކަށް ނުޖެހި، އިންސާފުވެރިކަމާ އެކު ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ އަލީ ރަޝީދުގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިިއްބަވަނީ ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އިތުރުން ގާޒީ މުހައްމަދު ސަމީރެވެ.

އެ މައްސަލަ ބައްލަވަމުން ގެންދެވި އިސް ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމުގެ ގޮތުން އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުވި ފޮޓޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައިވާ ކުރެހުމެއް ހުރި މައްސަލާގަ އެވެ.