ގަވައިދާހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ

ހުސްބިންތަކުގައި ހަދާފައިވާ ޕާކިން ޒޯނުތަކުގެ ބޭރުގައި ޕާކުރާ ވެހިކަލްތައް ޓޯކުރަން ފަށައިފި އެވެ.


ފުލުހުން ބުނީ ޕާކިން ޒޯންތަކުގެ ބޭރުގައި ޕާކުކުރާ ވެހިކަލްތަކުގައި އެތަނުން ދިޔައީ މީގެ ކުރިން ސްޓިކާ ޖަހަމުން ކަމަށެވެ. ނަމަވެސް އެ މައްސަލަ އަށް ހައްލެއް ނައުމުން އެގޮތަށް ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ނިންމީ ކަމަށެވެ.

ގަވާއިދާ ހިލާފަށް ވެހިކަލް ޕާކުކުރާ މައްސަލަ އަށް ހައްލެއް ހޯދަން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ޖާގައިގެ ދަތިކަން ހުރުމުން ގަވާއިދާ ހިލާފަށް ޕާކުކުރާ ވެހިކަލްގެ އަދަދު ވެސް މަދެއް ނުވެ އެވެ.

ޓްރެފިކް ފުލުހުން އަންނަނީ ކޮންމެ ހަފްތާއަކު އެތަނުން ބަލާ މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. މިދިޔަ އާދިއްތަ ދުވަހު ފުލުހުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 52 ވެހިކަލެއް މިދިޔަ ހަފްތާގައި ޓޯކޮށްފަ އެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 1382 ވެހިކަލެއްގައި ފުލުހުން ސްޓިކާ ޖަހާފައިވާކަން ވެސް އެ ހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން މާލޭގެ ތިން ސަރަހައްދެއްގައި ގަވާއިދާ ހިލާފަށް ޕާކުކުރުން އާންމުވެފައިވާތީ، އެ ސަރަހައްދުތަކުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ވެސް ފުލުހުން ވަނީ މިދިޔަ މަހު ފަށައިފަ އެވެ. އެއީ ބޮޑުތަކުރުފާނު މަގުގެ ހުޅުމާލެ ފެރީ ޓާމިނަލް ހިސާބުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމް އާ ހިސާބަށް، އަދި އަމީނީ މަގުގެ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރު ސަރަހައްދުގެ އިތުރުން އައިޖީއެމްއެޗް ކައިރި އެވެ.