އިސްތިއުނާފް މުއްދަތު ހަމަވުމަށް ފަހު ހައި ކޯޓަށް ބަލައިގަތުމުގެ ހުއްދަ ދޭ މައްސަލަތައް 10 ދުވަސް ތެރޭގައި ހުށަހަޅަން ޖެހޭ ގޮތަށް ހައި ކޯޓުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ހައި ކޯޓުގެ ގަވާއިދު އޮންނަ ގޮތުން އިސްތިއުނާފް މުއްދަތު ހަމަވުމަށް ފަހު ވެސް، މަގުބޫލު ސަބަބެއް އޮވެއްޖެ ނަމަ އެ މައްސަލައެއް ބަަލައިގަތުމުގެ ހުއްދަ ދިނުމުގެ ބާރު އެ ކޯޓުގެ ފަނޑިޔާރުންނަށް އޮވެ އެވެ. އެކަމަކު އެގޮތަށް ހުއްދަ ދޭ މައްސަލަތައް ހުށަހަޅަންޖެހޭ ވަކި މުއްދަތެއް ގަވާއިދުގައި ކުރިން ނޯވެ އެވެ.
އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އެގޮތަށް ބަލައިގަތުމުގެ ހުއްދަ ދޭ މައްސަލަތަކާއި ރެޖިސްޓްރާގެ ނިންމުން ރިވިއު ކުރުމަށް ފަހު މައްސަލަ ބަލައިގަތުމަށް ފަނޑިޔާރުން ނިންމާ މައްސަލަތަކާއި ހައި ކޯޓަށް ހުށަހަޅަން ސުޕްރީމް ކޯޓުން އަންގާ މައްސަަލަތަކުގައި އެކަން އެ ފަރާތަކަށް އަންގާ ދުވަހުން ފެށިގެން 10 ދުވަސް ތެރޭގައި ހައި ކޯޓަށް އެ މައްސަލައެއް ހުށަހަޅަން ޖެހޭނެ އެވެ.
އެ މުއްދަތުގައި ހުށަނާޅައިފި ނަމަ، އެ މައްސަލައެއް ދެން އެ ކޯޓަށް ބަލައިނުގަނެވޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހު މިއަދު އާންމު ކުރިޔަސް، އެއަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.