ނިއު ދިއްލީ (ނޮވެމްބަރު 29) - ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އިންޑިއާ ކުރައްވާ ދަތުރުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލު ކުރައްވައި ސްރީ ލަންކާގެ ނަސްލީ ހަމަޖެހުމާއި ސިންހަޅައިންނާއި ތަމަޅައިން އެއްގަލަކަށް އެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ވެރިކަން ލިބިވަޑައިގަތް ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި އިންޑިއާ އަށް ވަޑައިގަތުމުން ގޯޓާބޭ އަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ހައިދަރުއާބާދު ހައުސްގަ އެވެ. އޭގެ ފަހުން މޯދީއާ އެކު ވަނީ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.
"މަޝްވަރާތައް އަމާޒުކުރީ ލަންކާގެ ހަމަޖެހުމާ ގުޅޭ ގޮތުން. ރައީސް ގޯޓާބޭ ރާޖަޕަކްސާ ވަނީ ލަންކާގައި ނަސްލީ ހަމަޖެހުން ގާއިމްކުރުމުގައި ހުރިހާ ގޮތަކަށް ވެސް ވިސްނަވާނެ ކަމަށް ވިދާޅުވެފައި،" ގޯޓާބޭއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯދީ ވިދާޅުވި އެވެ.
ތަމަޅައިންގެ އުއްމީދުތައް ހާސިލްކުރުމަށްޓަކައި ސުލްހަވުމުގެ މަސައްކަތް ސްރީ ލަންކާގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް މޯދީ ވިދާޅުވި އެވެ. "ނެއިބާހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ސްރީ ލަންކާއާ އޮންނަ ގުޅުމަށް އިސްކަން ދެއްވާނެ ކަމަށް މޯދީ ވިދާޅުވި އެވެ.
ރައީސް ގޯޓާބޭ ވަނީ މޯދީ ލަންކާ އަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.