ޕީޖީ ކަމަށް ޝަމީމާ އެކު އިތުރު ދެ ބޭފުޅަކު ކުރިމަތިލައިފި

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި އިތުރު ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.


ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އޮތީ މިއަދު މެންދުރާ ހަމައަށް ހުޅުވާލައިފަ އެވެ.

ޝަމީމް ފިޔަވައި، ދެން އެ މަގާމަށް ކުރިމަތިލެއްވި ދެ ބޭފުޅުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭވަރެއް ނުވި އެވެ. ރައީސް އޮފީހުން އެކަމާ ބެހޭ ގޮތުން އަދި ވާހަކައެއް ނުދައްކަ އެވެ.

ޕީޖީ ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންތަކަށް ބިނާކޮށް، މަޖިލީހުން ފާސްކޮށްގެންނެވެ.

ޕީޖީގެ މަގާމުން ބިޝާމް އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބަލަން ފަށާފައި ވަނިކޮށެވެ.