ސްރީނަގަރު (ސެޕްޓެމްބަރު 29) - ކަޝްމީރާއި ޕާކިސްތާން ގުޅޭ ސަރަހައްދީ ރޮނގު ކައިރީ ހަނގުރާމަވެރިންނާ ދެކޮޅަށް އިންޑިއާ ސިފައިން ހަމަލާތަކެއް ފަށައިފި އެވެ.
އިންޑިއާ ސިފައިންގެ އޮޕަރޭޝަން އަމާޒުކޮށްފައި ވަނީ ޕާކިސްތާނުގައި ތިބޭ ހަނގުރާމަވެރިން ކަޝްމީރުގައި ދޭން ރާވާ ހަމަލާތައް ހުއްޓުވުމަށް ކަމަށް އިންޑިއާ ސިފައިންގެ އޮފިޝަލަކު ވިދާޅުވި އެވެ. އަދި ހަމަލާތަކުގައި ހަނގުރާމަވެރިންނަށް ގެއްލުންތަކެއް ދެވުނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އިންޑިއާ ސިފައިން ރޭ ފެށި އަސްކަރީ އޮޕަރޭޝަނާ ބެހޭ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ.
ކަޝްމީރުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެއްވެސް ހަމަލާއެއް ނުދޭ ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.
ކަޝްމީރުގެ ސަރަހައްދީ ރޮނގު ކައިރީ ބަދަލުކުރި ހަމަލާތަކުގައި ޕާކިސްތާން ސިފައިންގެ ދެ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
ކަޝްމީރުގެ މަޝްރަހު ހޫނުވެފައި ވަނިކޮށް އިންޑިއާ އިން އިތުރަށް ރުޅިގަދަވެފައި ވަނީ އުރީގައި އިންޑިއާ ސިފައިން ތިބޭ މަރުކަޒަކަށް މި މަހު 18 ވަނަ ދުވަހު ހަމަލާދީ 18 ސިފައިން މަރާލުމާ ގުޅިގެންނެވެ. މި ހަމަލާގެ ތުހުމަތު އިންޑިއާ އިން ޕާކިސްތާނުގެ ބޮލުގައި އެޅުވި ނަމަވެސް ޕާކިސްތާނުން އެކަން ދޮގު ކުރެ އެވެ.
އިންޑިއާ ސިފައިންގެ އަސްކަރީ އޮޕަރޭޝަންތަކާ ބެހޭ ޑިރެކްޓާ ޖެނެރަލް ލެފްޓިނެންޓް ޖެނެރަލް ރަންބީރު ސިންގް ވިދާޅުވީ ހަނގުރާމަވެރިން ކޮންޓްރޯލް ކުރުމަށް ޕާކިސްތާނުން ނުކުޅެދިފައިވާ ކަމަށެވެ.
އިންޑިއާ ސިފައިންގެ އަސްކަރީ އޮޕަރޭޝަނަށް ރައްދު ދެއްވާ ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ ޕާކިސްތާނުގެ މިނިވަން ކަމަށް ހުރަސް އަޅަން އިންޑިއާ އިން ކުރަން އުޅޭ ކޮންމެ މަސައްކަތެއް ހުއްޓުވުމުގެ ގާބިލްކަން އެ ގައުމުގެ ސިފައިންނަށް ލިބިފައިވާ ކަމަށެވެ.