މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް، ރީތި ކުރުމުގެ މަސައްކަތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފައްޓަވައި ދެއްވައިފި އެވެ.
މުންނާރާއި ހުކުރު މިސްކިތުގެ ހަތަރު ވަޅު ސާފުކޮށް، މަރާމާތްކުރުމުގައި މިފަހަރު އެހީތެރިކަން ފޯރުކޮށްދެނީ ސްޓެލްކޯއިންނެވެ. އެހެންކަމުން އެ މަސައްކަތް ރަސްމީކޮށް ފަށަން އޮތް ހަފުލާގައި ރައީސް އާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާ އެކު ސްޓެލްކޯގެ ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ސާފު ނުކުރާތާ ގިނަ ދުވަސް ވުމުން ވަރަށް ބޮޑަށް ފެހި ޖަހައި، މުންނާރުގެ ހައިބަތު ގެއްލިފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަދި އެކަމާ ގުޅިގެން ބައެއް މީހުންގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.
އެ ހިތްހަމަނުޖެހުންތަކަށް ޖަވާބު ދިނުމުގެ ގޮތުން ހެރިޓޭޖް މިނިސްޓްރީން ބުނެފައި ވަނީ ކޮންމެ ކޮންމެ އެއްޗެއް ބޭނުންކޮށްގެން މުންނާރު ރީތިކުރުމަކީ، 300 އަހަރު ވީ ބިނާއަށް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އެތަނުގެ އާބާތުރަފިލުވަން ބޭނުންކުރަން ޖެހޭނީ، އުވަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ސްޓެލްކޯއަށް މަސައްކަތް ނުފެށި ލަސްވެފައި އޮތީ، މިނިސްޓްރީން ބުނި ގޮތުގައި، މި ދުވަސްވަރު ވިއްސާރަވެ، މޫސުން ތަންނުދޭތީ އެވެ.
ހިރި ގަލާއި އުވައިން ބިނާކޮށްފައިވާ މުންނާރަކީ މާލޭގެ އެންމެ މަޝްހޫރު އެއް ބިނާ އެވެ.