ފުލުހުންގެ ބިލް އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވައިފި

ފުލުހުންގެ ބާރުތަކާއި މަސްއޫލިއްޔަތުތައް އަލުން ކަނޑައަޅައި އިތުރަށް ތަފްސީލުކޮށް ބަޔާންކޮށްދިނުމަށް ފުލުހުންގެ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވައިފި އެވެ.


ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން ފުލުހުންގެ ޚިދުމަތުގެ ބިލުގެ ނަމުގައި އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވި އެ ބިލުގައި ވަކިވަކި ފުލުހުންނަށް އަމުރުކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެން ނުވާ ކަމަށް ކަނޑައެޅުމާ އެކު، މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިހާރަށް ވުރެ ސާފުކޮށް ބަޔާންކުރުން ހިމެނެ އެވެ. އަދި ޕޮލިސް ކޮމިޝަނާ އާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގެ އިޖްރާއާތު ހަރުދަނާކޮށް، މަގާމުގެ ޝަރުތުތައް ކަނޑައެޅުން ވެސް އެ ބިލުގައި ހިމެނޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ތަހުގީގުތައް ހިންގުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ދައުރު ބަޔާންކުރުމާއި ފުލުހުން ޖަވާބުދާރީ ކުރުވުމުގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގެ ދައުރު ބަޔާން ކުރުމާއި ފުލުހުންގެ ބާރުތައް އިިތުރަށް ތަފްސީލުކޮށް ބަޔާން ކުރުމާއި ހާލަތާ އެކަށީގެންވާ މިންވަރަށް ބާރުގެ ބޭނުން ކުރަންޖެހޭ ގޮތަށް ކަނޑައެޅުން ވެސް އެ ބިލުގައި ހިމެނޭނެ އެވެ.

މީގެ އިތުރުން ލާ މަރުކަޒީ އުސޫލުން ކޮމިއުނިޓީ ޕޮލިސިންގެ ޚިދުމަތް ތައާރަފް ކުރުމާއި ޕޮލިސް ކޮމިޝަނަރަށް ލަފާ ދޭންޖެހޭ ބަޔަކު ތިބެންޖެހޭ ގޮތަށް ކަނޑައެޅުން ވެސް އެ ބިލުގައި ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

އެ ބަޔާނުގައިވަނީ އެ ބިލް އެކުލަވާލީ ފުލުހުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައެޅުމާއި ފުލުހުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް އިސްލާހު ކުރުމަށްޓަކައި ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތަކީ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމާ އެކު ދެވޭ ޚިދުމަތެއް ކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އަލުން ކަނޑައެޅުމަކީ ވެސް އެ ބިލުގެ މަގްސަދެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

ވަކިވަކި ފުލުހުންނަށް އަމުރު ކުރުމުގެ ބާރު މިނިސްޓަރަށް ނުލިބޭ ގޮތަށް އެ ބިލުގައި ހިމަނާފައިވާއިރު، މިހާރު ފުލުހުންގެ ގާނޫނު އޮންނަ ގޮތުން ފުލުހުންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ވަކިވަކި ފުލުހުންނާއި ހުރިހާ ފުލުހުންގެ މައްޗަށް ވެސް އަމުރު ކުރުމުގެ ބާރު ހޯމް މިނިސްޓަރަށް އޮވެ އެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން ގިނަ ބިލްތަކެއް މަޖިލީހަށް ހުށަހަޅަން ނިންމާފައިވެ އެވެ. އޭގެ ތެރެއިން އަލަށް ފާސްކުރާ ގާނޫނުތަކުގެ ބިލްތަކާއި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލްތައް ވެސް ހިމެނެ އެވެ.