އިނގިރޭސި ސަފީރު އައްޑޫގެ އިމާމުންނާ ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، އައްޑޫގައި ހުކުރު ކުރާ މިސްކިތްތަކުގެ އިމާމުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.


އައްޑޫ ސިޓީ ކައުންސިލުން ބުނިގޮތުގައި ހިތަދޫގައި ހުންނަ ކައުންސިލް އިދާރާގައި ބޭއްވި އެ ބައްދަލުވުމަކީ އިމާމުންގެ މަސައްކަތް ކުރިއަށްދާ ގޮތް އޮޅުންފިލުއްވުމަށާއި މުޖުތަމައުގައި އެ މީހުންގެ ދައުރު އަދާކުރާ ގޮތާއި ހުރި ދަތިތައް އޮޅުންފިލުއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ.

މިބައްދަލުމުގައި ޒުވާނުން ނޭދެވޭ ކަންކަމަށް އަރައިގަނެ ކުށް ކުރުމަށް ދިމާވާ ސަބަބުތަކާ ގުޅޭގޮތުން ސަފީރު މައުލޫމާތު ހޯއްދައި، ޒުވާނުން ރަނގަޅު މަގަށް ގެނެސްދިނުމުގައި އިމާމުންގެ މަސައްކަތާ ގުޅޭގޮތުން ވެސް ސުވާލުތައް ކުރެއްވި ކަމަށް ކައުންސިލުން ބުންޏެވެ.

ސަފީރު ވިދާޅުވި ގޮތުގައި މުސްލިމުންގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ ކަންކަން އެއީ ހަގީގީ އިސްލާމް ދީން ނޫންކަން ބުނެދިނުމުގައި އިމާމުންގެ ދައުރު ވަރަށް މުހިއްމެވެ. އަދި އެކަމަށް މީޑިއާތަކުން ވެސް ރަނގަޅު ގޮތުގައި ރިޕޯޓުތައް ގެނެސްދިނުން މުހިންމުކަން ފާހަގަކުރައްވާފައިވެ އެވެ. ސަފީރު ވިދާޅުވީ މަގާމުގެ ހައިސިއްޔަތުން ތަފާތު ފިކުރުތައް ދެނަގެނެ އެއްކޮށް މަސައްކަތް ކުރައްވަން ބޭނުންވެ އެވެ. އިމާމުންނާ އެކު ބޭއްވެވި ބައްދަލުވުމަށްފަހު ސަފީރު ވަނީ ބައެއް މިސްކިތްތަކަށް ވަޑައިގެން މިސްކިތްތައް ވެސް ބައްލަވާލައްވައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑު އަށް ވަޑައިގެންނެވި އިނގިރޭސި ސަފީރު ވަނީ އިއްޔެ ކައުންސިލާ ވެސް ބައްދަކުރައްވައިފަ އެވެ.