އައްޑޫގެ 15 ސްކޫލަކުން ވާދަކުރި އައްޑޫ ގުރުއާން މުބާރާތުގެ އެއް ވަނަ ހިތަދޫ ހިރާ ސްކޫލުން ހޯދައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މި މަހުގެ 7-11 އަށް ބޭއްވި ދެވަނަ ގުރުއާން މުބާރާތުގައި ހަ އުމުރުފުރައަކުން ޖުމްލަ 279 ދަރިވަރުން ވާދަކޮށްފައިވާ އިރު، މުބާރާތުގެ ދެވަނަ ހޯދާފައި ވަނީ ސ. އަތޮޅު މަދަރުސާ އެވެ.
މުޅި މުބާރާތުގެ އެއްވަނަ ހޯދާފައި ވަނީ ސ. އަތޮޅު މަދުރަސާގެ ދަރިވަރު އައިޝަތު ލީޝް ހަމީދެވެ. މުބާރާތުގެ ދެވަނަ ހޯދީ އައްޑޫ ހައި ސްކޫލުގެ ދަރިވަރު މުރުޝިދުލް އަމީނެވެ. އަދި މުބާރާތުގެ ތިން ވަނައަކީ ހިތަދޫ ސްކޫލުގެ ދަރިވަރު އަހުމަދު ދާނިޝް ޖިހާދެވެ.
ކައުންސިލުން ބުނި ގޮތުގައި 7 އަހަރާއި 9 އަހަރާއި 11 އަހަރާއި 13 އަހަރާއި 16 އަހަރާއި 21 އަހަރުން ދަށުގެ އުމުރުފުރާތަށް ބޭއްވި މުބާރާތުގައި ވާދަކުރި ދަރިވަރުންގެ ތެރެއިން 91 ދަރިވަރަކަށް، އިއްޔެ ބޭއްވި މުބާރާތް ނިންމުގެ ރަސްމިއްޔާތުގައި އިނާމު ދީފައިވެ އެވެ.
މިދިޔަ އަހަރުން ފެށިގެން ކައުންސިލުން ބާއްވަމުން އަންނަ ގުރުއާން މުބާރާތަކީ ކުރިޔަށް އޮތް ޖީލަށް ގުރުއާނުގެ އިލްމު ފޯރުކޮށްދީ ހުނަރުވެރި ކުދިންތަކެއް ބިނާ ކުރުމުގެ މަގުސަދުގައި ކައުންސިލުން ބާއްވަން ފެށި މުބާރާތެކެވެ.
މި އަހަރުގެ މުބާރާތުގެ ފަނޑިޔާރުކަން ކުރީ އަލްގާރީ އަހުމަދު ތައުފީގާއި ގާރީ އިބްރާހިމް ޒުހައިރުގެ އިތުރުން ގާރީ އިބްރާހިމް ޝިފާއު އެވެ.