އިބްތިހާލްގެ ފަހު ދުވަސްކޮޅު ގާތް އަވަށްޓެރިޔާ ސިފަކޮށް ދީފި

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ އެންމެ ފަހު ދުވަސްކޮޅު އޭނާގެ އެންމެ ގާތް އަވަށްޓެރިޔާ ކްރިމިނަލް ކޯޓުގައި މިއަދު ސިފަކޮށްދީފި އެވެ.


ޖެނުއަރީ، 2015 ގައި އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދީ މަރާލި މައްސަލާގައި އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެ އެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

މެޖިސްޓްރޭޓް ކޯޓެއްގައި ހުރެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދިނީ އިބްތިހާލްގެ ގާތް އަވަށްޓެރިއެއް ކަމަށްވާ އަދި އާފިޔާއާ ވެސް ތިމާގެކަމުގެ ގުޅުން ވެސް އޮންނަ އާރިފާ މުހައްމަދެވެ. އާރިފާ ބުނި ގޮތުގައި އާފިޔާގެ ހުއްދައާ އެކު، އެކިފަހަރު މަތިން އޭނާގެ ގޭގައި އިބްތިހާލަށް ކާން ދިނުމާއި ފެންވެރުވުމާއި ބެލެހެއްޓުން ފަދަ ކަންކަން ކޮށް ދީފައިވާނެ އެވެ. އަދި އިބްތިހާލް އޭނާއާ މުޚާތަބު ކުރަނީ ވެސް މާމަގެ ނަމުން ކަމަށް އާރިފާ ބުންޏެވެ.

އެއް ދުވަހަކު އިބްތިހާލް ނެޕީއާ އެކު ފޯވެފައި ހުއްޓާ އޭނާގެ ގެއަށް އިބްތިހާލް ގެންގޮސް ފެންވަރުވަން ޓީޝާޓް ބާލަން އުޅުމުން އޭނާއަށް ތަދުވާ ކަމަށް ބުނި ކަމަށާއި އެހެންވެ، ޓީޝާޓް ބާލުވާފައި ބެލިއިރު އިބްތިހާލްގެ އަތުގެ ހުޅު ރަތްވެފައި ހުއްޓާ ފެނުނު ކަމަށް އާރިފާ ބުންޏެވެ. އެކަމާ ބެހޭ ގޮތުން އިބްތިހާލާ ސުވާލު ކުރުމުން އެއީ މަންމަ ކުރި ކަމެކޭ ބުނި ކަމަށް އާރިފާ ބުންޏެވެ. އެކަމަކު އިބްތިހާލަށް އާފިޔާ އަނިޔާއެއް ކުރިތަން ފެނިފައިނުވާ ކަމަށް އާރިފާ ބުންޏެވެ.

"އަޅުގަނޑު އެހިން މަންމަހޭ ތަދުކުރީ. ބުނީމަ ބޯ ޖަހާލި. އެކަމަކު އާފިޔާ ކައިރީގައި އެހީމަ ބުނީ އޭނާ ކޮންމެ މީހެއްގެ ކައިރީގައި ވެސް ކިޔާނީ އެހެންނޭ." އާރިފާ ބުންޏެވެ.

ރަކީދޫ ސިއްހީ މަރުކަޒުގައި ވެސް މަސައްކަތްކުރާ އާރިފާ ބުނި ގޮތުގައި އިބްތިހާލް މަރުވުމުގެ ކުރިން ވެސް، އެކި ފަހަރު މަތިން އިބްތިހާލްގެ ލޯ ރަތްވެފައި ހުރެގެންނާއި ބުމަ ފަޅައިގެން ގޮސްގެން އެތަނުން އިބްތިހާލަށް ފަރުވާ ދިނެވެ. އެ އަނިޔާތަކާ ބެހޭގޮތުން އާފިޔާއާ ސުވާލު ކުރުމުން ތަފާތު އެކި ސަބަބުތައް އާފިޔާ ދެއްކުމަށް ފަހު، އޭނާ އަނިޔާ ނުކުރާ ކަމަށް ބުނާ ކަމަށާއި އެކަމަކު އާފިޔާ ކައިރިއަށް ދާން ބުނާއިރަށް އިބްތިހާލް ރޯން ފަށާ ކަމަށް ވެސް އާރިފާ ބުންޏެވެ.

"މަންމަ ކައިރިއަށް ދާށޭ ބުނާއިރަށް ރޯން ފަށާނެ. އެކަމަކު އޭނާގެ ފިރިމީހާ ޝަފީގް ކައިރިއަށް ދާށޭ ބުނާއިރަށް އުފަލުން ދާނެ." އޭނާ ބުންޏެވެ.

އާފިޔާ އިބްތިހާލް ގެންގުޅެނީ އެހެން ދަރިންނާ ތަފާތުކޮށް ކަމަށާއި އެހެން ކުދިން ގޮވައިގެން އާފިޔާ އުޅޭ މަންޒަރު ފެނުނަސް، އިބްތިހާލް ގޮވައިގެން އުޅޭ ތަން ވަރަށް ނުފެންނަ ކަމަށް އާރިފާ ބުންޏެވެ. އަދި އޭނާގެ ގޭގައި އިބްތިހާލް އުޅޭ ވަގުތުތަކުގައި ވެސް، މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ހިތާމަވެރިކޮށް އިންނަ ކުއްޖެއް އެއީ. އެއްވެސް އުފާވެރި ކަމެއް އޭނާގެ މޫނުމަތިން ނުފެނޭ،" އިބްތިހާލް އުޅުމާ ބެހޭގޮތުން ސުވާލު ކުރުމުން އާރިފާ ބުންޏެވެ.

އާރިފާ ބުނިގޮތުގައި އިބްތިހާލް މަރުވި ދުވަހު އެންމެ ފުރަތަމަ ސިިއްހީ މަރުކަޒަކަށް އައީ އާފިޔާ އެވެ. އިބްތިހާލަށް ކަމެއް ވެގެން އުޅޭކަން އޭނާ އަށް އެނގުނީ އާފިޔާ ސިއްހީ މަރުކަޒު ތެރޭގައި ހޭނެތިފައި އޮތުމަށް ފަހު ހޭ އަރައި، އެ ވާހަކަ ބުނުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންވެ، އެތަނުން ނިކުމެގެން އާފިޔާގެ ގެއާ ދިމާލަށް އޭނާ ދަނިކޮށް އިބްތިހާލްގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެނައީ މީހެއްގެ ކޮނޑުމަތީގައި ކަމަށާއި އިބްތިހާލް ގެނައިއިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ބުނި ކަމަށް އޭނާ ބުންޏެވެ. އޭރު ވެސް އަނިޔާގެ ނިޝާންތައް ފެންނަން ހުރި ކަމަށް ވެސް ބުންޏެވެ.

"ނިތްކުރިއާ ދިމާލުން މިތަން ވެސް އޮތީ މަޑުވެފައި،" އަތުގެ އިޝާރާތުން ދައްކަމުން އާރިފާ ބުންޏެވެ.

އާރިފާ ބުނީ އިބްތިހާލް މަރުވުމުގެ ކުރިން އޭނާ އަށް އަނިޔާތަކެއް ލިބިގެން ސިއްހީ މަރުކަޒަށް ގެންދިއުމުން އެކަން ކައުންސިލް އިދާރާ މެދުވެރިކޮށް ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނައި ކަމަށެވެ. އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށަށް އައި ކަމަށާއި އޭރު އެ ޓީމުން އެކަން ބެލުމަށް ފަހު، އިބްތިހާލްގެ ކަންކަން އާފިޔާ ދެން ގަވާއިދުން ބަލަހައްޓާނެ ކަމަށް އެ ޓީމުން ބުނި ކަމަށް އާރިފާ ބުންޏެވެ.

އިބްތިހާލް މަރުވި ދުވަހު އެ ގެއިން ކުޑަކުއްޖެއްގެ ރުއިިމުގެ އަޑު އިވުނު މީހަކު ވެސް މިއަދު ހެކިބަސް ދިނެވެ. އޭނާ ބުނި ގޮތުގައި ފިހާރައަކަށް ދިއުމަށް ފަހު އޭނާ ގެއަކަށް ވަންއިރު އެ ގޭގައި އާފިޔާ އިން ކަމަށާއި އޭނާ އެނބުރި ގެއަށް ދިޔަ މަގުމަތީގައި އާފިޔާމެން ގެއިން ކުއްޖެއްގެ ރުއިމުގެ އަޑު އިވުނު ކަމަށް އޭނާ ބުންޏެވެ. އެހެންވެ އޭނާ ބުނީ އެ ގެއަށް ވަންނަން މަސައްކަތް ކުރިޔަސް، އެ ގޭގެ ދޮރު ތަޅުލާފައި ހުރުމުން ނުވަދެވުނު ކަމަށެވެ. އޭނާ ބުނި ގޮތުގައި އިބްތިހާލް މަރުވި ކަމުގެ ޚަބަރު ލިބުނީ އޭގެ 15 ވަރަކަށް މިނެޓް ފަހުންނެވެ.

މީގެ އިތުރުން އިބްތިހާލްގެ ގައިގައި އާފިޔާ ޖެހި މަންޒަރު ފެނުނު މީހަކު ވެސް ހެކިބަސް ދިނެވެ. އޭނާ ވެސް ބުނި ގޮތުގައި އާފިޔާ ދެކެ އިބްތިހާލް ބިރުން ހުންނަކަން ފާހަގަކުރެވެ އެވެ. އަދި އިބްތިހާލް މަރުވި ދުވަހު އެ ކުއްޖާ އަށް ކޮންމެވެސް ކަމެއް ދިމާވި ކަމުގެ މައުލޫމާތު ލިބުމުން އާފިޔާގެ ގެއަށް އިތުރު މީހަކާ އެކު ދިޔަ ކަމަށާއި އިބްތިހާލް އުރައިގެން އާފިޔާ ކޮޓަރިން ނިކުތްއިރު އެ ކުއްޖާ އޮތީ އެއްވެސް އެއްޗެއް ނުލާ ކަމަށް އޭނާ ބުންޏެވެ.

"ސިޓިން ރޫމަށް ގެންގޮސްފައި އެތަނުގައި އޮތް ބާލީހެއްގެ މަތީގައި އެ ކުއްޖާ ބޭއްވީ. ދެން އެތަނުން ކޮންމެވެސް ތަނަކުން ބާލީސް އުރައެއް ހިފައިގެން އައިސް އަޅުގަނޑު އެ ކުއްޖާގެ ގައި މަތީގައި އެޅި،" އޭނާ ބުންޏެވެ.

އިބްތިހާލް މަރުވިއިރު ރަކީދޫ ކައުންސިލްގެ ރައީސަކަށް ހުރި އާދަމް ސާމީ އާއި އޭރު އެ ކައުންސިލްގެ ޒިންމާދާރުވެރިޔާ ހުސައިން މުއާޒް ވެސް މިއަދު އެ މައްސަލާގައި ހެކިބަސް ދެއްވި އެވެ. އެ ދެ މީހުން ވެސް ބުނި ގޮތުގައި އިބްތިހާލް މަރުވި ދުވަހު އެ ކުއްޖާ އަށް ކަމެއް ދިމާވިކަމުގެ ޚަބަރު ލިބުމުން އާފިޔާމެން ގެއަށް ދިޔައިރު އިބްތިހާލް މަރުވެފައި އޮއްވާ ފެނުނެވެ. އޭރު ވެސް ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ފެންނަ ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ކައުންސިލްގެ ޒިންމާދާރުވެރިޔާ ވިދާޅުވި ގޮތުގައި އިބްތިހާލް މަރުވުމުގެ މަހެއްހާ ދުވަސް ކުރިން ވެސް އިބްތިހާލަށް އަނިޔާތަކެއް ލިބުނުކަމުގެ މައުލޫމާތު ލިބިގެން އެކަން ބެލުމަށް އެ ގެއަށް ގޮސްފައިވާނެ އެވެ. އަދި އެކަން އޭރު ޖެންޑާގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހެކިވެރިންނާ ސުވާލު ކުރަން އާފިޔާ އަށް ފުރުސަތު ދިނުމުން ފުރަތަމަ ދެ ހެކިވެރިންގެ ހެކިބަހާ ބެހޭގޮތުން އޭނާ ބުނީ "އެ މީހުން އެ ހަދަނީ ހުސް ދޮގު" ކަމަށެވެ.

"ސުވާލެއް އެބައޮތްތޯ؟." ގާޒީ މުހައްމަދު ސަމީރު ސުވާލު ކުރެއްވި އެވެ.

"ނެތް." އާފިޔާ ޖަވާބު ދިނެވެ.

އޭގެ ފަހުން އެއްވެސް ހެކިވެރިއެއްގެ ހެކިބަހާ ގުޅޭގޮތުން އޭނާ އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ބާކީ އޮތީ ދެ ހެކިންގެ ހެކިބަސް ނެގުމެވެ. އޭގެ ތެރޭގައި އާފިޔާގެ ފިރިމީހާ އިބްރާހިމް ޝަފީގް ވެސް ހިމެނެ އެވެ.

އެ މައްސަލަ އަކީ ގިނަ ދުވަސް ވެފައިިވާ މައްސަލައަކަށް ވާތީ ހެކިބަސް ނަގައި ނިމޭ އަޑުއެހުމުގައި އެ މައްސަލާގެ ޚުލާސާ ބަޔާން ހުށަހަޅައި، އަޑުއެހުންތައް ނިންމާލަން ދައުލަތުން އެދުނެވެ.

ގާޒީ ސަމީރު ވެސް ވިދާޅުވީ ދެން އޮންނަ އަޑުއެހުމުގައި އެ ދެ ހެކިންގެ ހެކިބަސް ނެގިއްޖެ ނަމަ، އެ ދުވަހު ޚުލާސާ ބަޔާން ހުށަހެޅުން އޮންނާނެ ކަމަށާއި އެ މައްސަލަ އަވަހަށް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ދެން އޮންނަ އަޑުއެހުން އަންނަ މަހު ބާއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.