މަސައްކަތްތެރިންގެ ހައްގު ހޯދުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމި ޖަމިއްޔާ، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އަށް ގަރުނެއް ފުރުން ރާއްޖެއިން ފާހަގަކޮށްފި އެވެ.
އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ހަފްލާ ފެއްޓެވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރު ސިމިރިން ސިންގް ވަނީ އައިއެލްއޯ އާއި ރާއްޖޭގެ ދިދަ ނަންގަވައިފަ އެވެ.
އައިއެލްއޯ އަށް 100 އަހަރު ފުރިފައިވާއިރު ރާއްޖެ އާއި އައިއެލްއޯގެ ގުޅުމަށް މިވަނީ 10 އަހަރު ފުރިފަ އެވެ. އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރު ސިމިރިން ސިންގް ވިދާޅުވީ އައިއެލްއޯ އާއި ރާއްޖޭގެ ގުޅުމަށް ގިނަ ދުވަތަކެއް ވެފައިވާއިރު މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި ބައިވެރިވުމަކީ އެ ޖަމިއްޔާ އަށް ލިބޭ އުފަލެއް ކަމަށެވެ. އަދި މިނިމަމް ވޭޖް ފަދަ މުހިންމު ކަންކަމުގައި ސަރުކާރުން އެ ޖަމިއްޔާގެ ލަފާ ހޯދުމަކީ މަސައްކަތްތެރިން ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތް ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅުމަށް އައިއެލްއޯގެ ލަފާ ސަރުކާރުން ހޯދާފައިވާއިރު އެ ޖަމިއްޔާއިން ހޯދި ހޯދުންތަކުގެ ރިޕޯޓު މިހާރު ވަނީ އިކޮނޮމިކް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. ރާއްޖޭގެ މަސައްކަތްތެރިން ކުރިއަރުވަން އިތުރަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މިއަދު އައިއެލްއޯ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ.
މިއަދުގެ ހަފްލާގައި އައިއެލްއޯއަށް ގަރުނެއް ފުރުން ފާހަގަކުރުމަށް ހާއްސަ ސިއްކަ އެއްވެސް ސަރުކާރުން ވަނީ އައިއެލްއޯއަށް އަރުވާފަ އެވެ. މި ސިއްކަ އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރާ ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.