ދުނިޔެ

މި އަންހެން މެމްބަރު، ކެރިގެން އާންމުންގެ ކުރިމައްޗަށް!

ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެމްބަރު އެލީސާ ސްލޮޓްކިން، އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ

18 ޑިސެމްބަރ 2019 - 08:52

1 comments

އެލީސާ ސްލޮޓްކިން ނިސްބަތްވާ ދާއިރާގެ އާންމުންގެ ކުރިމައްޗަށް މިދިއަ ހޯމަދުވަހު ނުކުމެވަޑައިގަތް އިރު ވެސް އެއީ އުނދަގޫ ކަމެއް ކަމަށް ގަބޫލުކުރެއްވި އެވެ.

އެކަމަކު ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރަން ވޯޓު ދެއްވަން ނިންމަވާ އެކަން އިއުލާންކުރެއްވުމަށް ފަހު އާންމުންނާ ބައްދަލުކުރެއްވުން ނެންގެވީ، އޭނާ ހޮވި ދާއިރާގެ ރައްޔިތުންނަށް ކޮށްދެއްވަން ޖެހޭ ކަމެއްގެ ގޮތުގަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއް ނަމަވެސް، އެލީސާ ހޮވިފައިވަނީ، 2016 ގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް މެޖޯރިޓީ ލިބުނު މިޝިގަންގެ ދާއިރާއަކުންނެވެ.

ޔުކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއަށް ފޯނުން ގުޅުއްވާ ދެއްކެވި ވާހަކާގައި، ކުރީގެ ނައިބު ރައީސް ޖޯސެފް އާރު. ބައިޑެން ޔުކްރެއިންގައި ހިޔާނާތް ހިންގެވި ކަަމަށް ބަލައި، ތަހުގީގެއް ހިންގާނެކަން އާންމުކޮށް އިއުލާންކުރެއްވުމަށް ޓްރަމްޕް ބާރު އެޅުއްވިކަން ވަނީ ހާމަވެފަ އެވެ.

ޑިމޮކްރެޓިކް ޕާޓީން ކޮންޓްރޯލްކުރާ ކޮންގްރެސްގެ ތިރި ގެ، ހައުސް އިން ޓްރަމްޕް އިމްޕީޗްކުރުމުގެ ފުރަތަމަ މަސައްކަތް ފެށީ އެ ފޯނު ކޯލްގެ ހަގީގަތް، އެ ކޯލް ވައިޓް ހައުސްގައި އަޑުއެހި މީހަކު ދިން މައުލޫމާތާ ގުޅިގެންނެވެ. ހައުސްގެ ތަހުގީގުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ޓްރަމްޕް އިމްޕީޗްކުރަނީ، ދެ ކުށަކަށެވެ. އެއީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކުރެއްވުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ކުށެވެ.

ޓްރަމްޕް ވަނީ ތަހުގީގަށް ބޭނުންވާ ކަމަށް ބުނެ ކޮންގްރެސް އިން ފޮނުވި ބައެއް އެއްޗިއްސާއި ވައިޓް ހައުސްގެ އިސް ބައެއް ބޭފުޅުން، ކޮންގްރެސްގެ ކޮމިޓީއަށް ހާޒިރުވުން ހުއްޓުވައިފަ އެވެ.

އާންމުންނާ ބައްދަލުކުރައްވަން ހޯލްގައި އިންނަވާފައި އެލީސާ ތެދުވެވަޑައިގަތުމުން، ޓްރަމްޕްގެ އިމްޕީޗްމަންޓަށް ސަޕޯޓްކުރާ މީހުން ފޯރީގައި ހަޅޭއްލެވި އިރު އެކަމާ ދެކޮޅު މީހުން އަޑު އިއްވީ މަލާމާތުގެ ގޮތުގަ އެވެ.

އެލީސާ ވިދާޅުވީ ޓްރަމްޕް އިމްޕީޗްކުރަން ފެންނަ ކަމަށް އޭނާ ވޯޓު ދެއްވަން ނިންމެވީ، އެއީ ސިޔާސީ ކަމަކަށް ވުރެ ގައުމަށާއި ގާނޫނުއަސާސީއަށް މުހިންމު ކަމަކަށް ވާތީ ކަމަށެވެ. އަދި އެ ފޯން ކޯލްގައި ރައީސް އިސްކުރެއްވީ އެމެރިކާ ނޫން ކަމަށާއި އަމިއްލަ މަސްލަހަތު ކަމަށް ވެސް، އޭނާގެ ނިންމުން ތަފްސީލްކޮށްދެއްވަމުން އެލީސާ ވިދާޅުވި އެވެ.

"މިއީ ކޮންގްރެސްގައި އަހަރެން ހޭދަކުރި މަދު ދުވަސްކޮޅުގެ ތެރޭގައި ނިންމާ އެންމެ ބޮޑު އެއް ނިންމުން،" އެލީސާ ވިދާޅުވި އެވެ.

"އެކަން އަހަރެން ނަގަނީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި."

އޭނާ އެހެން ވިދާޅުވުމުން، ބައްދަލުވުމުގައި ހުރި ޓްރަމްޕްގެ ސަޕޯޓަރަކު ބާރަށް ގޮވާލީ "އެއްވެސް މީހަކު މޮޔަ ނުހެއްދޭނެ" ކަމަށެވެ.

ރައީސް ޓްރަމްޕްގެ އިމްޕީޗްމަންޓްގެ ދެ ކުށް ފާސްކުރަން ޖުޑިޝަރީ ކޮމިޓީގައި ވޯޓު ނެގުމުގެ ކުރިން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ދުއާކުރަނީ: މިއަދު ނޫނީ މާދަމާ ހައުސްގެ ތަޅުމުގައި އިމްޕީޗްމަންޓަށް ވޯޓަށް އަހާނެ

"އެއްބަސްވިޔަސް ނުވިޔަސް، އަހަރެން މަސައްކަތް މި ކުރަނީ ދެ ފުށް ފެންނަ ގޮތަށް އަމަލްތައް ބަހައްޓަން،" އެލީސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ނިންމެވުމުގެ ސަބަބުން އޭނާ ދެ ވަނަ ދައުރަކަށް ހޮވިވަޑައިނުގަތުން އެކަށީގެންވެ އެވެ. އެކަމަކު މި އިމްޕީޗްމަންޓަކީ ސިޔާސީ ކަމެއް ކަމަށް ބައްލަވައިގެން ހުންނެވޭ ވަރަށް ވުރެ ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަބޫލުކުރިޔަސް ނުކުރިޔަސް މި ނިންމުން އަހަރެން ނިންމީ އަމިއްލަ ނަފުސަށް ތެދުވެރިވުމާއި ގާނޫނުއަސާސީ ހިމާޔަތްކުރާށާއި ދިފާއުކުރުމުގެ ވާޖިބުގެ ތެރެއިން،" އެލީސާ ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ކޮންމެ ނަތީޖާއެއް ނުކުތަސް އަހަރެން ހުންނާނީ މި ގޮތުގައި. މިއީ ސިޔާސީ ކަމަކަށް ވުރެ ބޮޑު ކަމެއް."

އޭނާގެ ވާހަކަ އަޑުއަހަން އެތަނަށް ވަނީ ކޮންމެހެން އޭނާއަށް ވޯޓު ދިން މީހުން އެކަންޏެއް ނޫނެވެ. އެއީ ޓްރަމްޕަށް ސަޕޯޓް ބޮޑު ދާއިރާއަކަށް ވާތީ، ކޮންގްރެސްގައި އޭނާ ތަމްސީލްކުރައްވަނީ އެ އެންމެންނެވެ. އެހެންކަމުން އޭނާގެ ނިންމުމާ މެދު ދާއިރާގެ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ބަސް ބުނެވޭނެ ކަމަށް ގަބޫލުކުރައްވަ އެވެ.

އިމްޕީޗްމަންޓަށް އެލީސާ ކުރިން ދެކޮޅެވެ. އެކަމަކު ޔުކްރެއިންއަށް ޕްރެޝަރުކުރައްވައިގެން ބައިޑަންގެ ތަހުގީގު ހިންގަން އުޅުއްވިކަން ފަޅާއެރި ހިސާބުން އޭނާގެ ހިޔާލު ބަދަލުވިި އެވެ. ކުރިން އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ އެނަލިސްޓެއްގެ މަގާމު ފުރުއްވި އެލީސާ ގަބޫލުކުރައްވާ ގޮތުގައި ބޭރުގެ އެއްވެސް ކަހަލަ އަތް ބޭނުމެއް، ނުފޫޒެއް އެމެރިކާގެ އިންތިހާބުތަކަށް އޮވެގެން ނުވާނެ އެވެ.

ޓްރަމްޕްގެ އިމްޕީޗްމަންޓަށް ތާއީދުކުރާ ރަޝޭލް ގުޑާވިޝް ބުނީ މި މައްސަލައަށް އަޅާނުލައިފި ނަމަ ކުރިމަގުގެ އިންތިހާބުތަކަށް އެ ހުޅުވެނީ އެހެން ދޮރެއް ކަމަށެވެ.

"[ސެނެޓުން] އޭނާ [ޓްރަމްޕް] ސަލާމަތްވިޔަސް، [އެލީސާ] އެ ހުންނެވީ ހަމައެއްގައި ކަމަށް ގަބޫލުކުރަނީ،" ރަޝޭލް ބުންޏެވެ.

އެކަމަކު ޓްރަމްޕަށް ތާއީދުކުރާ ޖޯ ގޮލްޑާ ދެކޭ ގޮތުގައި ރައީސް އިމްޕީޗްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

"މި ގައުމަށް ޓްރަމްޕް ވަރަށް ބޮޑެތި ކަންތައްތައް ކޮށްދެއްވައިފި. އެކަމަކު އޭނާ [އެލީސާ] އެ އުޅުއްވަނީ އިމްޕީޗްމަންޓަށް ވޯޓު ދެއްވަން. އަހަރެން މިހުރީ ހައިރާންވެފައި، ހައިރާންވެފައި،" ޖޯ ބުންޏެވެ.

އެކަމަކު މުޅި އުމުރު ރިޕަބްލިކަން ޕާޓީއަށް ސަޕޯޓްކުރަމުން އަންނަ ބައެއް މީހުން ވެސް ޓްރަމްޕްގެ އިމްޕީޗްމަންޓަށް ތާއީދުކުރެ އެވެ. އެލީސާގެ ދާއިރާގައި އޭގެ ތެރެއިން އެކަކީ ރޯއީ ގޯލްޑްސްބަރީ އެވެ. އޭނާ ބުނި ގޮޮތުގައި އެލީސާގެ ނިންމުން ރަނގަޅެވެ.

"އަހަންނެއް ގަބޫލެއް ނުކުރަން ރައީސް އުޅުއްވީ ގައުމުގެ ހައްގުގައި ކަމަކަށް. އޭނާ މަސައްކަތްކުރެއްވީ އޭނާގެ އަމިއްލަ މަސްލަހަތުގައި،" ރޯއީ ބުންޏެވެ.

1 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

18 December 2019

މިގައުމުގަ ވެސް ނަޝީދުގެ ބައެއް ވާހަކަ ތަކުގެ ސަބަބުން އެމްޑީޕީ ދޫކޮށްދާ މީހުން ގިނަ ވެއް ޖެ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454