ކޯޓުން ބޭރުން ދީބާޖާ އިންވެސްޓްމަންޓަށް 174 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ނިންމި ނިންމުން މި ވަގުތަށް މަޑުޖައްސައިލުމަށް ފަހު، ސުޕްރީމް ކޯޓުގައި މުރާޖައާ ކުރުމަށް މަޖިލީހުން އެދިފައިވާ އެދުމާ މެދު ގޮތެއް އަދިވެސް ނިމިފައިނުވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އޭނާ އެގޮތަށް ވިދާޅުވެފައިވާ އިރު، އެކަމުގެ މާ ބޮޑު ތަފްސީލެއް ދެއްވައިފައެއް ނުވެ އެވެ. މިކަމުގައި އަމަލު ކުރާނެ ގޮތެއް ވިދާޅުވެފައި ނުވާއިރު ސަރުކާރުން ބަދަލު ދޭން ޖެހުނު ނޫމަޑި ކުންފުނީގެ މައްސަލައިގައި އިހުމާލުވެފައިވާ މީހުންނަށް ފިޔަވަޅު އެޅުމަށް މާލިއްޔަތު ކޮމިޓީން ބަންޑާރަ އޮފީހަށް އެދުމުން އެ އޮފީހުން ވަގުތުން ވަނީ އިޖާބަ ދީފަ އެވެ. އެގޮތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމަލު ކުރެއްވި ގޮތާ ގުޅިގެން އޭނާ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދޭން އެދި ބަންޑާރަ ނައިބުގެ އޮފީހުން ފުލުހުންނަށް މި މަހުގެ 9 ވަނަ ދުވަހު ހުށަހެޅި އެވެ.
ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލު ދޭން ސަރުކާރުން ނިންމުމުން އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން ތުހުމަތު ކުރައްވަ އެވެ. މިކަމާ ގުޅިގެން މާލިއްޔަތު ކޮމިޓީ އަށް މިދިޔަ ނޮވެމްބަރު މަހު ރިފްއަތު ހާޒިރުކޮށް، އޭނާއާ ގިނަ ސުވާލުތަކެއް ވަނީ ކުރިމަތި ކުރުވައިފަ އެވެ.
އެގޮތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ރިވިއު ކުރުމަށް ހުށަނޭޅުއްވީ ކީއްވެގެންތޯ މެންބަރުް ސުވާލުކުރެއްވި އެވެ. ޖަވާބުގައި ރިފްއަތު ވިދާޅުވީ، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އެ އަދަދުގެ ދެބައިކުޅަ އެއްބައި ކުޑަ ވުމަކީ، ދައުލަތަށް މާލީ ބުރަ ވަރަށް ބޮޑަށް ކުޑަވާނެ ކަމެއް ކަމަށެވެ. އަދި ސެޓްލްމެންޓް ކޮމިޓީން ނިންމި ނިންމުން ބަދަލުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީން ނިންމެވި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރުމުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.
ދީބާޖާއާ އެކު ސަރުކާރުން ވި އެއްބަސްވުމާ ގުޅޭ ގޮތުން ހިނގާފައިވާ އެންމެހައި މުއާމަލާތްތައް ބަލައި ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލަށް ދެންނެވުމަށް ވެސް މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވެ އެވެ.
މާލިއްޔަތު ކޮމިޓީން ފާހަގަ ކުރި ކަންކަމުގެ ތެރޭގައި ވަނީ ދީބާޖާއާ އެކު ސަރުކާރުންވި އެއްބަސްވުމުގައިވާ ފަދައިން ދަތުރުފަތުރުގެ ހިދުމަތްތައް ދިނުމުގައި ދީބާޖާ އިން އިހުމާލުވެފައިވާ ކަމަށެވެ. އަދި ދީބާޖާ އަށް ސަރުކާރުން ހަވާލު ކުރުމަށް އެއްބަސްވެފައިވާ 46 ބިމުގެ ތެރެއިން ހަވާލުކޮށްފައިވާ 26 ބިން ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.