އިނގިރޭސި ތަރިއަކު ހުޅުލޭ އެއާޕޯޓްގައި "ނުވަ ގަޑިއިރު ރޮއިފި"

އިނގިރޭސިވިލާތުގެ ޓީވީ ތަރިއަކު ރާއްޖެ އައިއިރު ހަލާކުވެފައި އޮތް ޕާސްޕޯޓެއް އޮތުމުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި ހިފެހެއްޓުމާ އެކު "ނުވަ ގަޑިއިރު ރޮއިފި" ކަމަށް އޭނާ ބުނެފި އެވެ.


ޓީވީ ސިލްސިލާ "މޭޑް އިން ޗެލްސީ" އިން ވިދާލި ޖޯޖިއާ ޓޮފޯލޯ ވީއައިއޭގައި ހިފެހެއްޓީ އޭނާގެ ޕާސްޕޯޓްގެ ދެ ގަނޑު މަދުވެ، ޕާސްޕޯޓް ހަލާކުވެފައި އޮތުމުންނެވެ.

އެކަމަކު އިނގިރޭސި އެމްބަސީން އޭނާއަށް އާ ޓްރެވަލް ޑޮކިއުމެންޓެއް ލިބެންދެން ހުންނަން ޖެހުނީ، އެފަދަ އެހެން މީހުން ފަދައިން، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި، އެއާޕޯޓް ބަންދުގަ އެވެ. އެކަމަކު މިއީ ޓޮޕޯލޯއަށް ވަރަށް ހިތްދަތި އަދި "ހުއްޓާނުލާ ރޮވުނު ތަޖުރިބާއެއް" ކަމަށް އޭނާ ބުންޏެވެ.

މި ހާލަތު ދިމާވުމުން މިއަދު ސޯޝަލް މީޑިއާގެ މުހިންމުކަން ވެސް ވަނީ އެނގިފަ އެވެ. އޭނާ ބުނި ގޮތުގައި އާ ޓްރެވެލް ޑޮކިއުމެންޓެއް ލިބި، އެއާޕޯޓުން ނުކުމެވުނީ އިންސްޓަގްރާމާއި ޓްވިޓާގައި އޭނާ ފޮލޯކުރާ ފޭނުންގެ އެހީތެރިކަން ވެސް އޮވެގެންނެވެ.

"މާލޭ އެއާޕޯޓްގައި އަހަރެން ހިފެހެއްޓީ ސަފުހާއެއް މަދުވެގެންނެވެ. މި ހުރީ ވަރަށް ބިރުގެންފަ އެވެ. ހަދާނެ ގޮތެއް ވެސް ނޭނގެ އެވެ،" އޭނާގެ ފޯނު ލިބުމާ އެކު ކުރި ޓްވީޓެއްގައި ލިއުނެވެ.

ޓްވިޓާގައި އޭނާ އެ ވާހަކަ ޖެހުމުން ކަންތައް ކުރަން ވާ ގޮތާއި ހަމްދަރުދީގެ މެސެޖްތަކާއި އެހެން ހިޔާލުތައް ވެސް އެކި މީހުން ފޮނުވި އެވެ. އޭނާގެ އެއް ޕޯސްޓް 400 އަށް ވުރެ ގިނަ ފަހަރު ރިޓްވީޓްކުރި އެވެ.

އެކަކު ސުވާލުކުރީ މަދުވެފައި އޮތީ އޭނާގެ ފޮޓޯ ޖެހި ސަފުހާތޯ އެވެ؟ އޭގެ ޖަވާބުގައި ޓޮޕޯލޯ ބުނީ ނޫން ކަމަށެވެ.

އެހެން މީހަކު ބުނި ގޮތުގައި މަދުވި ސަފުހާ މައްސަލައަކަށް ވީ ރާއްޖެ އާއި ޑިޕްލޮމެޓިކް ގޮތުން ގުޅުމެއް ނެތް ގައުމަކަށް އޭނާ ދަތުރުކޮށްފައި އޮތްތޯ ނުވަތަ ނެތްތޯ ނޭނގިގެން ކަމަށް ވެދާނެ އެވެ.

އެކަމަކު ނުވަ ގަޑިއިރުގެ ބަންދަކަށް ފަހު ޓޮޕޯލޯ އެއާޕޯޓުން ނުކުތީ ހިތްހަމަޖެހިގެން ހުރެ އެވެ. އޭނާ ވަނީ އިމިގްރޭޝަންގެ އޮފިސަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

"ހަ އޮފިސަރުން ތިބި އަހަރެންގެ ކައިރީގައި. އެމީހުން ވަރަށް ހިތްހެޔޮ،" ޓޮޕޯލޯ ލިއުނެވެ.

"އިމިގްރޭޝަން އޮފިސަރުންނާ އެކު ހޭން ވެސް ހެވުނު."

އޭނާ ވަނީ ރާއްޖޭގެ ރީތިކަން ދެކިލާނެ ފުރުސަތު ދިނީތީ ކަމާ ބެހޭ ފަރާތްތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ޓޮޕޯލޯ އާންމުންގެ ކިބައިން އެދުނީ ބޭރު ގައުމަކަށް ދަތުރުކުރާ އިރު ޕާސްޕޯޓްގެ ހުރިހާ ސަފުހާއެއް ހަމަތޯ ބެލުމަށެވެ.

އިމިގްރޭޝަންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހަލާކުވެފައި އޮންނަ ޕާސްޕޯޓް ހިފައިގެން އެއްވެސް ގައުމަކަށް އެތެރެއެއް ނުވެވޭނެ އެވެ. އެފަދަ ޕާސްޕޯޓެއް އޮންނަ މީހުން، ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ބަލާނީ "ކާކުކަން ނޭނގޭ ބައެއް"ގެ ގޮތުގައި ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ޓޮޕޯލޯ ބުނި ގޮތުގައި އިނގިރޭސި އޮފިޝަލުންނާ ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާއަށް ފުރަތަމަ ނުލިބުނެވެ.

އެކަމަކު އެ އެހީތެރިކަން ހަގީގަތުގައި ފޯރުކޮށްދިނީ، ރާއްޖޭގެ އިމިގްރޭޝަނުންނެވެ. އޮފިޝަލަކު ވިދާޅުވީ އިނގިރޭސި އެމްބަސީގެ މީހުންނާ ގުޅުމުގެ ފުރުސަތު އޭނާއަށް ހޯދައިދިން ކަމަށާއި އޭނާއަށް ރާއްޖެ އެތެރެވެވުނީ އިނގިރޭސި އެމްބަސީން އާ ޓްރެވަލް ޑޮކިއުމެންޓެއް ދިނުމުން ކަމަށެވެ.