އިނގިރޭސި ސަފީރު ކެރޮން ރޮސްލާ ރާއްޖޭގައި ދިރިއުޅުއްވާ ގޭގެ ޓެރަސްގައި ބޮޑުކުރި ރުކެއް ހުޅުމާލޭގައި މިއަދު އިންދައިފި އެވެ.
ރާއްޖޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައި ކޮމިޝަނުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށް ފަހު، ކެރޮން މިހާރު ހުންނެވީ އެނބުރި ގައުމަށް ވަޑައިގަންނަވަން ތައްޔާރު ވެގެންނެވެ.
އެހެންވެ، ކެރޮން އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރިން އެޗްޑީސީގެ މުވައްޒަފުން މިއަދު ބޭއްވި ފެއާވެލް އިވެންޓެއްގައި މި ރުއް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ އިންދައިފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި، އެތަނުގައި މި ރުއް އިންދީ ހައި ކޮމިޝަނަރުގެ ހައިސިއްޔަތުން ކެރޮން ކޮށްދެއްވި ހިދުމަތް އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ކެރޮން ވިދާޅުވި ގޮތުގައި، މިއީ 2021 ވަނަ އޭނާއަށް ހަދިޔާއަކަށް ލިބިވަޑައިގެންނެވި ކާއްޓެއް ގޭގެ ޓެރަސްގައި ބާއްވައިގެން ބޮޑުކުރި ރުކެކެވެ. އޭނާއަށް މި ކާށި ހަދިޔާކުރެއްވީ އިނގިރޭސި ހައި ކޮމިޝަނުގައި ކްލައިމެޓް ޗޭންޖު ޕޮލިސީ މެނޭޖަރަކަށް ކުރިން ހުންނެވި އަހްމަދު ފިޒާލެވެ.
ފިޒާލް "މިހާރު" އަށް ވިދާޅުވީ މި ކާއްޓަކީ އޭނާގެ މަންމަގެ ރަށް ބ. ހިތާދޫން ގެނައި އެއްޗެއް ކަމަށެވެ.
މި ރުއް ހުޅުމާލެ ސެންޓްރަލް ޕާކުގައި އިންދުމަށް ބޭއްވި އިވެންޓުގައި އޭނާ ވެސް ބައިވެރިވި އެވެ.
މި ރުކަށް ކެރޮން ވަނީ ނަމެއް ވެސް ދެއްވައިފަ އެވެ. ނަމަކީ "ޝައި" އެވެ.
"އަޅުގަނޑު ރާއްޖެ ދޫކޮށް ދާން ޖެހުމުން ލިބޭ ހިތާމަ ކުޑަކޮށްދޭ ދެ އެއްޗެއް އެބައޮތް؛ އެއީ ރާއްޖޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައި ކޮމިޝަނާއި 'ޝައި'ގެ ނަން ދީފައިވާ މި ރުއް،" ކެރޮން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ކެރޮން ވަނީ މި ރުއް ހެދި ބޮޑުވަމުން އައި އެކި ދުވަސްވަރު ބައެއްގެ ފޮޓޯތައް ވެސް ހިއްސާކުރައްވައިފަ އެވެ.
ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރުގެ މަގާމަށް ކެރޮން ވަޑައިގަތީ އޮކްޓޯބަރު 30، 2019 ގަ އެވެ. އަދި އޭނާއަކީ ރާއްޖޭގައި އިނގިރޭސި ވިލާތުގެ އެމްބަސީއެއް އަލަށް ހުޅުވައި، ސަފީރަކަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ. އޭގެ ކުރިން އިނގިރޭސ ވިލާތާއި ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅަނީ އެއް ސަފީރެކެވެ. ސަފީރު އޭރު ހުންނަވަނީ ވެސް ލަންކާ އެވެ.