އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ކެރޮން ރޮސްލާ ވިދާޅުވި ގޮތުގައި އަވަށްޓެރިން އެކަކު އަނެކަކަށް ތަށިބަރި ފޮނުވުމުގެ ސަގާފަތެއް ރާއްޖޭގައި އޮންނަކަން ކުރިން ވެސް އެނގިވަޑައިގަނެ އެވެ. އެކަކު އަނެކަކަށް އަޅާލުމާއި ލޯބި ރަމްޒުކޮށްދޭ މި ރީތި އާދަކާދަ ތަޖުރިބާކުރެއްވުނު ތަށިބަރިއަކާ އެކު ސަފީރު މިއަދު ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ.
މިއަދު މެންދުރު ފަހު، ތަށިބަރިއެއްގެ ފޮޓޯއަކާ އެކު ރޮސްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވަށްޓެރިއެއްގެ ފަރާތުން މިއަދު ލިބިވަޑައިގަތް ތަށިބަރީގައި ހިކިމަހުގައި ކައްކާފައި ހުރި މީރު މުގު ރިހަ ހުރި ކަމަށެވެ. ދިވެހިންނަކީ އަވަށްޓެރިންނަށް ކަމޭހިތާ ބައެއްކަން ފާހަގަކުރައްވާފައިވާ ޓްވީޓްގައި ސަފީރު ވަނީ ކުޅި އަދި ހަވާދުގެ ބާވަތްތަކަކީ ޔޫރަޕް މީހުން އާންމު ކެއުމުގައި ބޭނުންކުރާ އެއްޗަކަށް ނުވިޔަސް އިނގިރޭސި ވިލާތު މީހުން އެކަމުގައި ތަފާތުކަން ވެސް ފާހަގަކުރައްވައިފަ އެވެ.
"އަހަރެމެން އިނގިރޭސިންނަކީ ހަވާދުގެ ކާނާ އަށް ލޯބިކުރާ ބައެއް،" އެކަމާ މާބޮޑަށް ނުވިސްނަން ބުނާ ކަހަލަ އިމޯޖީއަކާ އެކު ސަފީރު ލިޔުއްވާފައިވެ އެވެ.
ސަފީރު ކެރޮން ރޮސްލާ "މިހާރު" އަށް ވިދާޅުވީ ތަށިބަރި ފޮނުވުމުގެ ސަގާފަތެއް ރާއްޖޭގައި އޮންނަކަން އެނގިވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ކުރައްވާފައިވާ ޓްވީޓަކުން ކަމަށެވެ.
އެޕާޓްމަންޓްގެ ވެރިމީހާގެ ފަރާތުން ތަށިބަރި ލިބިވަޑައިގަތީ ވެސް އަވަށްޓެރިންގެ އޮންނަ ގާތް ގުޅުން ދޭހަވާ ފަދަ ގޮތަކަށް ކަމަށް ސަފީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދަކީ އެޕާޓްމަންޓުގައި މަސައްކަތެއް ކުރާތީ މެންދުރު ފަރިއްނުކުޅުއްވައި ލަސްވި ދުވަހެކެވެ. ތަށިބަރި ފޮނުވީ އަވަށްޓެރިޔާ އަށް އެކަން އެނގިގެން ކަމަށް ސަފީރު ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ހުރީ މެންދުރު ނުކައި. އެހެންވީމާ މިއީ ވަރަށް ހިތްހެޔޮ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ،" ސަފީރު ވިދާޅުވި އެވެ.
ތަށިބަރި އަކީ ދަގަނޑުން ހުންނަ އެއްޗަކަށް ވާތީ މިއީ ތިމާވެއްޓާ ރައްޓެހި އެއްޗެއްކަން ވެސް ސަފީރު ވަނީ ފާހަގަކުރައްވައިފަ އެވެ.
ތަށިބަރި ބެހުމަކީ ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް 1990 ގެ އަހަރުތަކަށް އެޅުނު އިރު އެކަން އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އެކަން އެންމެ ފަހުން ދިރިގެން އައީ 2018 ވަނަ އަހަރު ދިރާގުން ޗެލެންޖެއްގެ ގޮތުގައި އެކަން ފެށުމުންނެވެ. އެ ޗެލެންޖުގައި ވަރަށް ގިނަ މީހުން ބައިވެރިވެ އެކުވެރިންނާއި އާއިލާތަކަށް ތަށިބަރި ފޮނުވި އެވެ.