އައްޑޫގައި ވެސް މޭޔަރުގެ އިންތިޚާބު މިފަހަރު ވާދަވެރި!

މާލެއެކޭ އެއްގޮތަށް އައްޑޫގައި ވެސް މޭޔަރުގެ ގޮނޑި އަށް އެމްޑީޕީގެ ވަރުގަދަ ބޭފުޅުންތަކެއް ކުރިމަތިލައްވައި ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.


އައްޑޫގެ މޭޔަރުގެ ގޮތުގައި ތިން ދައުރު ފުރިހަމަ ކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ)ގެ އިތުރުން އެ ގޮނޑި އަށް މިފަހަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރާއި ފޭދޫ ދާއިރާގެ އެމްޑީޕީގެ ރައީސް އަހްމަދު އަދުހަމް ވެސް ވާދަ ކުރައްވާނެ ކަން އޮތީ އިއުލާންކޮށްފަ އެވެ. މިއީ ފެށުނީއްސުރެ އެމްޑީޕީ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އައްޑޫގައި ނަން ހިނގާ ތިން ބޭފުޅުންނެވެ. ކޮންމެ ބޭފުޅެއްގެ ފަހަތުން ވެސް ސިޔާސީ ދާއިރާގައި އައްޑޫގެ ބާރުގަދަ ފަރާތްތައް ނުކުމެ ވަނީ ވަރުގަދަ ކެމްޕެއިނެއް ފަށައިފަ އެވެ.

އަންނަ އެޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، މީގެ ތެރެއިން އެމްޑީޕީގެ ޓިކެޓުގައި މޭޔަރަކަށް ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުމުގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ގަ އެވެ.

މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު، އައްޑޫގެ ކުރިއެރުމާއި ތަރައްގީ އަށް ގެންގުޅުއްވާ ތަސައްވުރު ތިން ބޭފުޅުން ވެސް ގެންދަވަނީ ރައްޔިތުންނަށް ކިޔައި ދެއްވަމުންނެވެ. ސޯޝަލް މީޑިއާގައި ވެސް ސަޕޯޓަރުން ހިމެނޭ ގޮތުން ވަރުގަދަ ކެމްޕޭނެއް ކުރިއަށް އެބަދެ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކުރިން ބޭއްވި ތިން އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލްގެ ވެސް މޭޔަރު ހޮވަނީ އިންތިޚާބުވާ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެކަމަކު ގާނޫނަށް ގެނައި އިސްލާހާ އެކު މިފަހަރު މިއޮތީ ރައްޔިތުންގެ ވޯޓަކުން މޭޔަރަކު އިންތިޚާބު ކުރާ ގޮތަށެވެ. އެހެންވެ، މުޅި ސިޓީގެ ރައްޔިތުންގެ ވޯޓުން މޭޔަރުން އިންތިޚާބު ކުރާތީ އެ އިންތިޚާބުގެ ފޯރި މި ފަހަރު ވަރަށް ގަދަ އެވެ.

ލާމަރުކަޒީ އުސޫލުން އައްޑޫ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ އިރު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ، އިންތިޚާބުތަކުގައި ވަމުންދާ ވައުދުތައް ނުފުއްދައި އައްޑު އަށް އިހުމާލުވުމެވެ.