އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް ކައުންސިލަރުން އިންތިޚާބުކުރާނެ ދާއިރާތައް އައްޑޫ ބަހުން ރޭ އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހްމަދު އަކްރަމް މިއަދު ވިދާޅުވީ، އައްޑޫގައި އިންތިޚާބު ކުރާ ދާއިރާތަކުގެ ނަންތައް ތަފާތުކޮށްލީ އައްޑޫ ކައުންސިލާ މަޝްވަރާކޮށް، ރައްޔިތުންގެ ވެސް ހިޔާލު ހޯދުމަށް ފަހު ކަމަށެވެ. ކުރީގެ ނަންތަކުގެ ބަދަލުގައި، ކައުންސިލްގައި ހިމެނޭ ދާއިރާތަކުގެ ނަން އައްޑޫ ބަހުން ކިޔަން ބޮޑު ތަރުހީބެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީން އާއްމުކުރި އައްޑޫގެ ދާއިރާތަކުގެ ނަންތައް:
- ހިތަދޫ ކޮރޮވައު ދާއިރާ
- ހިތަދޫ ބޭރުމަތި ދާއިރާ
- ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާ
- ހިތަދޫ މެދުވައު ދާއިރާ
- ހިތަދޫ މާމެންދޫ ދާއިރާ
- ހިތަދޫ ރަސްގެދަރު ދާއިރާ
- މަރަދޫ ދާއިރާ
- މަރަދޫ ފޭދޫ ދާއިރާ
- ފޭދޫ މަގޫދޫ ދާއިރާ
- ފޭދޫ މާދެލަ ދާއިރާ
- ހުޅުދޫ ދާއިރާ
- މީދޫ ދާއިރާ
ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު އައްޑޫ ކައުންސިލްގައި ވެސް ކައުންސިލަރުންގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ. މޭޔަރާ އެކު ޖުމްލަ 13 ކައުންސިލަރުން ތިއްބަވާނެ އެވެ. މީގެ ތެރޭގައި އިންތިޚާބުކުރާ ހަތަރު ކައުންސިލަރުން ހިމެނޭނެ އެވެ.
"އައްޑޫގެ ދާއިރާތަކަށް އިލެކްޝަންސް ކޮމިޝަނުން ނަންތައް މިދިނީ ގިނަ ރައްޔިތުން އެދުނު ގޮތަށް،" އަކްރަމް ވިދާޅުވި އެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.