އަންނަ އެޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް މާލޭގެ ދާއިރާތައް އިތުރުކުރަން އާބާދީ ބެހި ގޮތުން، ބައެއް މީހުން ދެ އަވަށަށް ނިސްބަތް ވާތީ މިހާރު ހިތްހަމަނުޖެހުން ފާޅުކުރިޔަސް އެކަން ކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުރިހާ މެމްބަރުންގެ ހިޔާލާ އެކު، އެންމެ ރަނގަޅު، އިންސާފުވެރި ގޮތަށް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު، އީސީން މާލޭގެ ދާއިރާތައް ބެހި އިރު ގަލޮޅުގައި ރަޖިސްޓަރީ ވެފައިވާ ބައެއް މީހުން މި އިންތިޚާބުގައި ވޯޓުލާން ޖެހެނީ ހެންވޭރަށެވެ. އިންތިޚާބުގެ ވޯޓާސް ލިސްޓު އެކުލަވާލައި އާއްމުކޮށްފައި އޮތް އިރު، މިކަމާ ދެކޮޅަށް ބައެއް މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 60،000 އަށް ވުރެ އިތުރު ނަމަ، 18 އިންތިޚާބީ ދާއިރާ ކަނޑައަޅަންވާނެ ކަމަށެވެ. މޭޔަރާ އެކު މާލެ އަށް މި އިންތިޚާބުގައި 18 ކައުންސިލަރުން ހޮވާނެ އެވެ.
މި ކައުންސިލަރުން ނިސްބަތްވާނެ 18 ދާއިރާއަކަށް މާލެ މިވަނީ ބަހާލައިފަ އެވެ. ބައެއް ދާއިރާތައް އިތުރުކުރަން ޖެހުނީ ދެ އަވަށުގެ މީހުން ހިމަނައިގެންނެވެ. މިސާލަކަށް ގަލޮޅުން ބަޔަކާއި ހެންވޭރުން ބައެއް މީހުން ހިމެނޭ ގޮތުން ދާއިރާއެއް އުފައްދައި ނަން ކިޔާފައިވެ އެވެ. ނަން ކިއުމުގައި ބެލީ އިލެކްޝަންސް އިން ބުނިގޮތުގައި، އަލަށް އުފައްދާ ދާއިރާގައި ގިނަ މީހުން ހިމެނޭ އަވަށަކާ ގުޅުވައިގެންނެވެ.
ދާއިރާތައް މިގޮތަށް ކަނޑައެޅުމުން، ރަޖިސްޓަރީ ވެފައި އޮންނަ ދާއިރާ އޮޅުންބޮޅުން ވެފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ. އަދި މިއީ، މާލޭގައި ސަގާފީ ގޮތުން އޮންނަ އަވަށްތައް ވެސް ނެތިގެން ދިއުން ކަމަށް ބައެއް މީހުން ސިފަކޮށްފައިވެ އެވެ.
ރާއްޖެ އިން އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ހުންނެވި ސަފީރު ފަރަހަނާޒް ފައިސަލް ކުރެއްވި ޓުވީޓެއްގައި، ދާއިރާތައް ބެހި ގޮތާ މެދު ހިތްހަމަނުޖެހުންފާޅުކުރައްވައި ވިދާޅުވީ އީސީން ކަނޑައަޅާފައިވާ ގޮތުން އޭނާ މިހާރު ނިސްބަތް ވަނީ ގަލޮޅާއި ހެންވޭރަށް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ "އެހެނެއް ނުވެވޭނެ" ކަމަށެވެ.
މި އިންތިޚާބުގައި އޭނާ ވޯޓު ދެއްވާނީ ސަގާފީ ގޮތުން އޮންނަ އަވަށްތައް ހިމާޔަތް ކޮށްދެއްވާނެ ބޭފުޅަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭގެ ދާއިރާތައް ބެހި ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގް ވެސް ވަނީ ވިދާޅުވެފަ އެވެ. މައްޗަންގޮޅީގައި ހުރި އޭނާގެ ގެ މިހާރު ނިސްބަތްވަނީ ގަލޮޅު ދެކުނަށް ކަމަށް ވިދާޅުވި އެވެ.
މި ބަދަލާ މެދު އެހެން މީހުންނެކޭ އެއްގޮތަށް އޭނާ ވެސް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
މާލެ ބަހާލާފައިވާ 18 ދާއިރާ
ހެންވޭރު އުތުރު ދާއިރާ (އަންހެން ކެންޑިޑޭޓަކަށް ޚާއްސަ)، ހެންވޭރު ދެކުނު ދާއިރާ (އަންހެން ކެންޑިޑޭޓަކަށް ޚާއްސަ)، މެދު ހެންވޭރު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ
ގަލޮޅު އުތުރު ދާއިރާ، ގަލޮޅު ދެކުނު ދާއިރާ، ގަލޮޅު މެދު ދާއިރާ، ގަލޮޅު ހުޅަނގު ދާއިރާ (އަންހެން ކެންޑިޑޭޓަކަށް ޚާއްސަ)
މައްޗަންގޮޅި އުތުރު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ (އަންހެން ކެންޑިޑޭޓަކަށް ޚާއްސަ)، މައްޗަންގޮޅި މެދު ދާއިރާ،
މާފަންނު އުތުރު ދާއިރާ (އަންހެން ކެންޑިޑޭޓަކަށް ޚާއްސަ)، މާފަންނު މެދު ދާއިރާ، މާފަންނު ހުޅަނގު ދާއިރާ، މާފަންނު ހުޅަނގު އުތުރު ދާއިރާ، މާފަންނު ދެކުނު ދާއިރާ
ވިލިމާލެ ދާއިރާ، (އަންހެން ކެންޑިޑޭޓަކަށް ޚާއްސަ)، ހުޅުމާލެ ދާއިރާ
ދާއިރާތައް ބެހީ ފުއާދުގެ ވެސް ބައިވެރިވުމާ އެކު
ނަމަވެސް ފުއާދަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ ފުއާދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ކޮމިޝަންގެ ފަސް މެމްބަރުން، ދާއިރާތައް ބަހާފައި ވަނީ ލިބުނު ހިޔާލުތަކަށް ބަލައި އެންމެ ރަނގަޅު، އިންސާފުވެރި ގޮތަށް ކަމަށެވެ.
ގާނޫނުގައި ދާއިރާތައް އިތުރުކުރަން ޖެހޭ ކަމަށް ކަނޑައަޅާފައި އޮތުމުން އެކަން ކުރުމުގެ ކުރިން މާލޭ ސިޓީ ކައުންސިލާއި ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ވެސް މަޝްވަރާތައް ކުރި ކަމަށް ވިދާޅުވި އެވެ. އަދި ދާއިރާތައް އިތުރުކުރަން، އަވަށްތައް ބެހުމާ މެދު ހިޔާލު ހޯދަން ވެސް ހުޅުވާލި ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވަނީ، އެ ފަރާތްތަކުގެ ހިޔާލު ހޯދުމަށް އީސީން ކޮށްފައިވާ މަސައްކަތްތަކާއި އެކަމާ ގުޅޭ ގޮތުން ކުރިން އެ ކޮމިޝަނުން ކުރި ޓުވީޓުތަކާއި ފޮޓޯތަކާ އެކު، ޓުވީޓު ކުރައްވައިފަ އެވެ.
މާލޭގެ ހަ އަވަށް ދާއިރާތަކަށް ބަހާލުމަކީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އެކަމަކު ގޮތް ނިންމީ މަޝްވަރާތަކުން ކަމަށް ކޮމިޝަނުން ބުންޏެވެ.
"މާލޭ ސިޓީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް 18 ދާއިރާ އަށް އާބާދީ ބެހުމަކީ އީސީ އަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެއް. ހަ އަވަށް، 15 މަޖިލިސް އިންތިޚާބީ ދާއިރާ، މިކަމުގައި އެޑްވައިޒަރީ ކޮމިޓީގައި އަދި ހުރިހާ ސިޔާސީ ޕާޓީތަކަކާ މަޝްވަރާ ކުރެވި ކޮމިޝަންގެ ފަސް މެމްބަރުންގެ ވޯޓު ދީގެން ނިންމީ، އިލެކްޝަންސް ކޮމިޝަންގެ ރައްދުގައި ވެ އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި މިހާރު އޮތް ގޮތުން ހައްލެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. އެއީ އިންތިޚާބުގެ ވޯޓާސް ލިސްޓު ވެސް އާއްމުކޮށްފައިވާތީ ކަމަށް ވިދާޅުވި އެވެ.
"ދާއިރާތަކަކަށް މާލެ ބަހާލުމުގެ ކުރިން ހިޔާލަށް ހުޅުވާލިން. އެކަމަކު އޭރަކު މި ޝަކުވާތަކެއް ނާދޭ. ވޯޓާސް ލިސްޓު އާއްމުކުރުމުން ކަންބޮޑުވުންތަކެއް މި އައީ،" އަކްރަމް ވިދާޅުވި އެވެ.